އާބާދީގައި ހާހެއް ހަމަނުވާ އއ. ހިމަންދޫއިން ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް 260،000އަށްވުރެ ގިނަ ރުފިޔާ އެއްކޮށްފިއެވެ.
ސްޓެލްކޯއިން މިއަދު ކުރި ޕޯސްޓެއްގައި ވަނީ އއ. ހިމަންދޫ އިންޖީނުގޭގެ މުވައްޒަފުންގެ އިސްނެގުމާއެކު ހިމަންދޫ ކައުންސިލާއި ސަރުކާރުގެ މުއައްސަސާތައް އަދި ކްލަބް ޖަމިއްޔާތަކާ ގުޅިގެން، ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް "ހެލްޕް ޣައްޒާ- ދިވެހިން ހަނދާނެއް ނުނެތޭ"ގެ ނަމުގައި ހިންގި ހަރަކާތުން ޖުމްލަ 260,800 (ދެލައްކަ ފަސްދޮޅަސްހާސް އަށްސަތޭކަ ރުފިޔާ) އެއްކުރެވިފައި ވާކަމަށެވެ.
އަދި މީގެ ތެރެއިން 126,560 (އެއްލައްކަ ސައްބީސްހާސް ފަސްސަތޭކަ ފަސްދޮޅަސް ރުފިޔާ) އަކީ އިންޖީނުގޭގެ މުވައްޒަފުންގެ ފަރާތުން ހަދިޔާކޮށްފައިވާ ފައިސާ ކަމަށާއި މިފަދަ އިޖުތިމާއީ ޚިދުމަތުގެ މަސައްކަތްތަކުގައި އެ ކުންފުނީގެ މުވައްޒަފުން އަމަލީގޮތުން ދައްކަމުންދާ ނަމޫނާއަށްޓަކައި ކުންފުނިން ފަޚުރުވެރިވާ ކަމަށް ބުނެފައެވެ.
ސްޓެލްކޯއިން ވަނީ އެ މުވައްޒަފުންނަށް ޝުކުރު އަދާކޮށްފައެވެ.
ހިމަންދޫއިން ވަނީ މީގެ ކުރީންވެސް ފަލަސްތީނުގެ ރައްޔިރުންނަށް އެހީތެރިވުމަށް ފަންޑްރައިޒިން ހަރަކާތްތައް ބާއްވާފައެވެ.
އެގޮތުން 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި ވެސް ހިމަންދޫއިން ވަނީ ފަންރައިޒިން ހަރަކާތް ހިންގައި 230،000 ރުފިޔާ އެއްކޮށް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކޮށްފައެވެ.