ބިމު ކުލި ނުދައްކާ ރިސޯޓުތަކުގެ ލިސްޓުގައި 12 ފަރާތެއް

މީރާ -- ސަންފޮޓޯ/ އަލީ ނަސީރު

ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރާ އުސޫލުގެ ދަށުން މީރާގެ ޓެކްސް ޕޭޔާ ސާވިސް ސެންޓަރުގައި މިއަދު އާންމުކުރި ބިމު ކުލި ނުދައްކާ ރިސޯޓުތަކުގެ ލިސްޓުގައި 12 ފަރާތެއް ހިމެނިއްޖެއެވެ.

ޓެކްސް ޕޭޔާ ސާވިސް ސެންޓަރުގެ އެތެރޭ ނޯޓިސް ބޯޑުގައި އާންމުކުރި ލިސްޓުގައި ހިމެނޭ ކުންފުނިތައް:

  • އޭ.އޭ.އޭ ޓްރޭޑިން ކޮމްޕެނީ
  • އޭ.ބީ.އެން ޕްރައިވެޓް ލިމިޓެޑް
  • ހެވީ ލޯޑް މޯލްޑިވްސް
  • ބޮން ފްރީ
  • މެެދުފުށި އިންވެސްޓްމެންޓްސް
  • ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންސް
  • ސައުތު ޕާމް މޯލްޑީވްސް
  • ސަންލޭންޑް ހޮޓެލްސް
  • ސަންލޭންޑް ޓްރެވަލް
  • ތެލުވެލިގާ ރިޓްރީޓް
  • ޢަބްދުﷲ ޢަލީ (ހޮނޑާފުށި)

މިދިޔަ މަހުން ފެށިގެން އަމަލުކުރަމުން އަންނަ އެ އުސޫލުގައި ވާގޮތުން ސާވިސް ސެންޓަރުގައި އެ ލިސްޓު އާންމުކުރުމަކީ އެ ފަރާތްތަކާމެދު އެޅޭނެ ފުރަތަމަ ފިޔަވަޅެވެ. އެއަށް ފަހު އެ ފަރާތްތަކާ މެދު އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކަކީ:

  • މީރާގެ ވެބްސައިޓުގައި ޝާއިއުކުރުން
  • ގެޒެޓުގައި ޝާއިއުކުރުން
  • މާސް މީޑިއާގައި ބްރޯޑްކާސްޓްކުރުން

މިއިން ކޮންމެ މަރުހަލާއެއްގެ ދެމެދުގައި 15 ދުވަސް ހޭދަކުރަން ޖެހޭ ކަމަށް މީރާގެ އުސޫލުގައި ވެއެވެ.

މީގެ އިތުރުން އެ އުސޫލުގައި ބުނެފައިވަނީ ޓެކްސް ފައިސާ ފިޔަވާ ދެން ދައްކަންޖެހޭ ފައިސާ ނުދައްކާ ހުރި ފަރާތްތަކުގެ މައުލޫމާތު ހާމަކުރާނީ ދައްކަންޖެހޭ ޖުމްލަ ފައިސާގެ މިންވަރު މީރާއިން ކަނޑައަޅާ މިންގަނޑަކަށްވުރެ މަތިވާ ކަމުގައި ވާނަމަ ކަމަށެވެ.

މި ލިސްޓު އާންމުކުރުމުގައި މީރާއިން ކަނޑައަޅާފައިވާ މިންގަނޑަކީ 100،000 ރުފިޔާއިން މައްޗެވެ.

ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 17 މިލިއަން ރުފިޔާ ނުލިބިވާކަން މީރާގެ 2020ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަވެފައިވެއެވެ.

މި އަދަދު 2016 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރަށް 264 ޕަސެންޓު އިތުރުވެފައިވާއިރު، 2020 ވަނަ އަހަރުގެ ނިޔަލަށް މީރާއަށް ނުލިބި 21.66 ބިލިއަން ރުފިޔާ ހުރިކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މީރާއަށް ނުލިބިވާ ފައިސާގެ 78 ޕަސެންޓަކީ ރިސޯޓުތަކުގެ ކުއްޔާއި އެއާ ގުޅޭ އެކި ޖޫރިމަނާތަކެވެ. މި ދާއިރާގައި މީރާއަށް ނުލިބި ހުރި ފައިސާގެ ޖުމްލަ އަދަދު 16.9 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

comment ކޮމެންޓް