ގޮތްނޭނގޭ މަރުތަކުގެ ހަގީގަތް ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމުގެ ބާރު ފުލުހުންނަށް ދީފި

ޖިނާއީ ކުށަކާ ގުޅިގެން، މަރުވެފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ދެނެގަތުމަށް ޓަކައި، މަރުވެފައިވާ މީހާގެ ޕޯސްޓްމޯޓަމް ހެދުމުގެ ބާރު ފުލުހުންނަށް ވަނީ ދީފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖިނާއީ ކުށަކާ ގުޅިގެން، މަރުވެފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ދެނެގަތުމަށް ޓަކައި، މަރުވެފައިވާ މީހާގެ ޕޯސްޓްމޯޓަމް ހެދުމުގެ ބާރު ފުލުހުންނަށް ދީފިއެވެ.

"މަރުގެ މައްސަލަތައް ތަހުގީގު ކުރުމަށް ޕޯސްޓްމޯޓަމް ހެދުމުގައި އަމަލުކުރާނެ އިޖުރާއަތުތަކުގެ ގަވާއިދު"ގެ ނަމުގައި ގަވައިދެއް މިއަދު އިއުލާނުކޮށް، އެއަށް އަމަލުކުރަން ވަނީ ފަށާފައެވެ.

ގަވައިދުގެ މަގުސަދަކީ މިފަދަ މަރުތައް ތަހުގީގު ކުރުމަށް މަރުވެފައިވާ މީހާގެ ޕޯސްޓްމޯޓަމް އެގްޒަމިނޭޝަން ހެދުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުތައް ބަޔާންކުރުން ކަމަށް ގަވައިދުގައިވެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގުމަށް ހަމަޖެހިފައިވާ މި ގަވައިދުގައިވާ ގޮތުން ޕޯސްޓްމޯޓަމް އެގްޒަމިނޭޝަން ހެދުމަށް ކޯޓު އަމުރެއް އޮންނަ ހާލަތުގައި، އެ އަމުރާ އެއްގޮތްވާ ގޮތުގެ މަތިން ޕޯސްޓްމޯޓަމް ހެދޭނެއެވެ.

މަރުތަކުގެ ހަގީގަތް ހޯދުމަށް ޕޯސްޓްމޯޓަމް ހެދުމުގެ އިހުތިޔާރު ފުލުހުންނަަށް ލިބިފައިވީ ނަމަވެސް ޕޯސްޓްމޯޓަމް ހެދުމަށް ހުއްދަ ދެވޭނެ ހަމައެކަނި މީހަކީ ޕޮލިސް ކޮމިޝަނަރެވެ. އަދި ޕޯސްޓްމޯޓަމް ހެދޭނެ ތަނެއްގެ ގޮތުގައި ބަޔާން ކޮށްފައިވަނީ ސަރުކާރުން ހުއްދަދީފައިވާ ތަންތަނެވެ.

އެއީ ބޭރު ގައުމެއްގެ މަރުކަޒެއް ނަމަ އެތަނަކީ އެގައުމެއްގެ ސަރުކާރުން ޕޯސްޓްމޯޓަމް ހެދުމަށް ހުއްދަދީފައިވާ ތަނަކަށް ވާންޖެހޭނެއެވެ.

ގަވައިދުގައި ވާގޮތުން ޕޯސްޓްމޯޓަމް ހަދާ ހަށިގަނޑަކީ ކާކުކަން ދެނެނުގަނެވޭ ހާލަތްތަކުގައި އެއީ ކާކުކަން ދެނެގަތުމަށް ޓަކައި ހަށިގަނޑުން ނަގަންޖެހޭ އެންމެހައި ސާމްޕަލް ނަގަން ޖެހެއެވެ. އަދި އެގްޒަމިނޭޝަންގެ ކުރިން ޑޭޓާބޭސް މެދުވެރިކޮށް އެ ހަށިގަނޑަށް އައިޑެންޓިފިކޭޝަން ނަންބަރެއް ދިނުމަށް ވެސް ގަވައިދުން ލާޒިމުކުރެއެވެ.

comment ކޮމެންޓް