ޖަރުމަނު ސަފީރަކަށް، ޝާން ޝާކިރު ހަމަޖެއްސުމަށް މަޖިލީހުން ފާސްކޮށްފި

ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލް އާއިޝަތު ޝާން ޝާކިރު--- ފޮޓޯ/ ރައީސް އޮފީސް

ރާއްޖެއިން ޖަރުމަނަށް ކަނޑައަޅައިފައި ހުންނަވާ ސަފީރަކަށް، ގ. ޕެންޒީމާގެ އައިޝަތު ޝާން ޝާކިރު އައްޔަން ކުރުމަށް ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ޖަރުމަނުވިލާތަށް ރާއްޖެއިން ކަނޑަޅުއްވާފައި ހުންނަވާ ސަފީރު، އަޙުމަދު ލަޠީފް އަނބުރާ ގެންނަވައި، އެ މަގާމަށް އައިޝަތު ޝާން ޝާކިރު އައްޔަން ކުރުމަށް ރައީސް ފޮނުއްވާފައިވާ މައްސަލަ ދިރާސާ ކޮށްފައިވަނީ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީންނެވެ. މި މައްސަލަ ދިރާސާ ކުރުމަށްފަހު އެ ކޮމިޓީން ވަނީ އެ މަގާމަށް އޭނާ އައްޔަނުކުރުމަށް ފެންނަ ކަމަށް ނިންމާފައެވެ.

ކޮމިޓީ ރިޕޯޓުގައި ބުނީ ޝާން ޝާކިރަކީ ބައިނަލްއަގްވާމީ އެކި ރޮނގުތަކުން މަސައްކަތްކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. އަދި އެއީ ޑިޕްލޮމެޓިކް މިޝަންއާއި ތައުލީމާއި ތަޖުރިބާގެ ގޮތުން ބަލާއިރު ސަފީރު ކަމަށް އައްޔަނު ކުރުމަށް ގާބިލު ބޭފުޅެއް ކަމަށެވެ. އަދި އިންޓަވިއު ކުރުމަކާ ނުލައި، ޝާން އެމަގާމަށް އައްޔަނު ކުރުމަށް ރުހުން ދިނުމަށް ފެންނަ ކަމަށް ކޮމިޓީން ނިންމާފައިވެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ޝާންއަށް ރުހުން ދިނުމަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 29 މެންބަރުންގެ އިއްތިފާގުންނެވެ.

ޝާން މިވަގުތު ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމުގައެވެ. މިނިސްޓަރުގެ ނައިބުގެ ފެންވަރުގެ އެ މަގާމަށް އޭނާ އައްޔަން ކުރައްވައިފައިވަނީ ދިވެހިރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމުގައި ހުންނަވަނިކޮށް، 2020 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ.

އޭގެ ކުރިން ޝާން ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ޖޮއިންޓް ސެކްރެޓަރީގެ މަގާމާއި، މެލޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ ހައި ކޮމިޝަނަރުގެ މަގާމާއި، ސައޫދީ އަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރުގެ މަގާމުގެ އިތުރުން ވެސް، ފޮރިން މިނިސްޓްރީގެ އެހެނިހެން އިސް މަގާމުތައް ފުރުއްވާފައެވެ.

comment ކޮމެންޓް