ބައި އިލެކްޝަންތަކާ ހެދި އިލެކްޝަންސް ކޮމިޝަނުގެ ބަޖެޓް ހުސްވަނީ

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤު---- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި އިލެކްޝަން ގިނަވެ އިލެކްޝަންސް ކޮމިޝަނުގެ ބަޖެޓް ހުސްވާން ގާތްވެފައިވާ ކަމަށް އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ވާހަކަދައްކަވަމުން ފުއާދު ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުން ކޮންމެ މަހަކު ތިނެއް ނުވަތަ ހަތަރު މެންބަރުން އިސްތިއުފާ ދޭކަމަށެވެ.

އެ ހުސްވާ މަޤާމުތަކަށް މީހުން އިންތިޚާބުކުރުމަށް ބައި އިލެކްޝަންތައް ބޭއްވުމަށް ބޮޑު ޚަރަދެއް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"މަހެއްގެ މައްޗަށް ތިން ހަަތަރު ގޮނޑި އެބަދޭ ހުސްވެގެން. ދޮޅު ލައްކައެއްހާ ރުފިޔާ ހަރަދުވޭ ކޮންމެ ބައި އިލެކްޝަނަކަށް،" ފުއާދު ވިދާޅުވިއެވެ.

އެ ބައި އިލެކްޝަންތައް ބޭއްވުމަށް ބެޖެޓު ހަމަޖެއްސުމަށް ފިނޭންސް މިނިސްޓްރީގައި އެދުމުން ކުޑަ ބަޖެޓަކަށް އެދި ހުށަހަޅަން އިލްތިމާސްކުރާ ކަމަށެވެ. ބަޖެޓް ބޮޑުނުކުރުމުން އެ ބައި އިލެކްޝަންސްތައް ބާއްވަން ކުރަންޖެހޭ މަސައްކަތް ބުރަވާ ކަމަށް ފުއާދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު ބާއްވަން ފެށުމުގެ ސަބަބުން އެ ކޮމިޝަނުގެ މުވައްޒަފުންގެ މަސައްކަތް ދެ ގުނައަށް ބޮޑުވެއްޖެ ކަމަށެވެ. ނަމަވެސް 14 އަހަރުގެ ތެރޭގައި އެ ކޮމިޝަނަށް އެއްވެސް ވަރަކަށް މުވައްޒަފުން އިތުރުވެފައި ނުވާކަމަށް ފުއާދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ސްޓާފުންގެ އަދަދަށް އެއްވެސް ވަރަކަށް ބަދަލެއް ނާދޭ. އަދި އާންމު ގޮތެއްގައި އަހަރެއްގެ މައްޗަށް ދެ މީހަކު ވެސް އިތުރު ވެފައެއް ނެތް. އެހެން ނަމަވެސް މަސަައްކަތް ދެ ގުނަ ތިން ގުނައަށް ވުރެން ވެސް އިތުރުވެއްޖެ،" ފުއާދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ކޮމިޝަނަށް ބައި އިލެކްޝަންތައް ބޭއްވިދާނެކަމަށެވެ. ނަމަވެސް އެކަން ކުރެވޭނީ އެކަމަށް ބޭނުންވާ ފައިސާ ލިބުމުން ކަމަށް ފުއާދު ވިދާޅުވިއެވެ.

"މިހާރު ވެސް ފިނޭންސުން އަންގަވާފަ އޮތީ އިދާރީ ކަންކަމަށް ކަނޑައަޅުއްވާފައިވާ ފައިސާ ބޭނުންކޮށްގެން ބައި އިލެކްޝަންތައް ބާއްވާށޭ. މިދާ ގޮތަށް ދަންޏާ ޖުލައި ނުވަތަ އޮގަސްޓު އެ ހިސާބުގައި މުޅި ބަޖެޓު ހުސްވާނެ،" ފުއާދު ވިދާޅުވިއެވެ.

އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި އިލެކްޝަންތަކަށް އިލެކްޝަންސް ކޮމިޝަނުން މިހާރު 1.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި އެ ކޮމިޝަނުންބުނީ އެ ކޮމިޝަނަށް ބައި އިލެކްޝަންސްތައް ބޭއްވުމަށް ޖުމުލަ ލިބިިފައިވަނީ 1.5 މިލިއަން ރުފިޔާ ކަމަށް ފުއާދު ވިދާޅުވިއެވެ.

comment ކޮމެންޓް