"އަމާން ވެށި" އަދި "އަމާން ހިޔާ"ތަކަށް ދިރާގުގެ އެހީތެރިކަން

ދިރާގުގެ އެހީ ޖެންޑާ މިނިސްޓްރީއާ ހަވާލުކުރުމުގެ ތެރެއިން --- ފޮޓޯ/ ދިރާގު

ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ "އަމާން ވެށި" އަދި "އަމާން ހިޔާ" މަރުކަޒުތަކަށް ދިރާގުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މިދިޔަ ހޯމަ ދުވަހު ޖެންޑާ މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހަ މަރުކަޒަކަށް ދިރާގުގެ ފައިބާ ބްރޯޑްބޭންޑް އަދި ދިރާގު ޓީވީގެ ޚިދުމަތް ދޭން ވަނީ ފަށާފައެވެ.

އެ މަރުކަޒު ތެރޭގައި ހިމެނެނީ:

 • ބ. އަމާން ވެށި، އޭދަފުށި
 • ށ. އަމާން ވެށި، ފުނަދޫ
 • ޏ. އަމާން ވެށި، ފުވައްމުލައް
 • ހއ. އަމާން ވެށި، ދިއްދޫ
 • ދ. އަމާން ވެށި، ކުޑަހުވަދޫ
 • ލ. އަމާން ވެށި، ފޮނަދޫ

މީގެ އިތުރުން ޖެންޑާއިން މިހާރު ގާއިމުކުރުމަށް ނިންމާފައިވާ ފަސް މަރުކަޒަށް ވެސް ދިރާގުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ.

އޭގެތެރޭގައި ހިމެނެނީ:

 • ނ. އަމާން ވެށި، މަނަދޫ
 • ހދ. އަމާން ވެށި، ކުޅުދުއްފުށި
 • މ. އަމާން ވެށި، މުލައް
 • ޅ. އަމާން ވެށި، ނައިފަރު
 • ސ. އަމާން ވެށި، ހިތަދޫ

މި 11 މަރުކަޒުގެ ކޮމްޕިއުޓަރު ލެބަަށް ވެސް ދިރާގުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން ނިންމާފައިވާކަމަށް ދިރާގުން ބުންޏެވެ.

"ކުޑަކުދިންގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން މި އެހީތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިއީ ޑިޖިޓަލް ލިޓެރަސީއަށާއި، ޝާމިލު ތައުލީމަށް އަޅުގަނޑުމެން ކުރާ މަސައްކަތްތަކުގެ ދަށުން ކުރެވޭ ކަމެއް" ދިރާގުގެ ސީއީއޯ އިސްމާއީލް ރަޝީދު ވިދާޅުވިއެވެ.

ޖެންޑާ މިނިސްޓަރު އާއިޝަތު މުޙައްމަދު ދީދީ ވަނީ ދިރާގުން ވެދެއްވި އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވާފައެވެ.

ދިރާގުން ވަނީ ހުޅުމާލޭގައި ހުންނަ ފިޔަވައްޗާއި، ވިލިނގިލީގަައި ހުންނަ ކުޑަކުދިންގެ ހިޔާއަށް ވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ.

comment ކޮމެންޓް