ބައްޕައަކީ ބަލި މީހެއް، އިންޓަވިއު ނެގީ ސިޔާސީ ބޭނުމަށް: ރިޟްވާންގެ ދައްތަ

ރަހީނުކޮށް މަރާލާފައިވާ ނޫސްވެރިޔާ ރިލްވާންގެ މަންމަ އާއި ދައްތަ އިންސާފު ހޯދަން ގޮވާލާ އެއްވުމެއްގައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ރަހީނުކޮށް މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲގެ ބައްޕަ ޢަބްދުﷲ މޫސާގެ އިންޓަވިއު 'ޗެނަލް13'އިން ނަގާފައިވަނީ ސިޔާސީ ބޭނުމަކަށް ކަމަށް ރިޟްވާންގެ ދައްތަ ފާތިމަތު ޝެހެނާޒް ބުނެފިއެވެ.

'ޗެނަލް13'އަށް ރިޟްވާންގެ ބައްޕަ ދިން އިންޓަވިއުއެއް ރޭ ދައްކާފައިވާއިރު ޝެހެނާޒް ބުނީ ބައްޕައަކީ ބަލި މީހެއް ކަމަށާއި މިހާރު ބައެއް ކަންކަން ރަނގަޅަށް ހަނދާންވެސް ނުހުންނަ ކަމަށެވެ.

"އާއިލާގެ އެހެން ބަޔަކަށް އެންގުމެއް ވެސް ނެތި ޗެނަލް13 އިން ބައްޕަގެ އިންޓަވިއު ނަގާ ބަލިހާލަތަށް ކުޑަކޮށްވެސް ރިއާޔަތް ކުރުމެއް ނެތި ވަކި ސިޔާސީ ވިސްނުމެއްގައި މިފަދަ ދަށުދަރަޖައިގެ އަމަލެއް ހިންގީތީ އާއިލާއިން އިންތިހާއަށް ކަންބޮޑުވަން،" ޝެހެނާޒްގެ ޓްވީޓްގައިވެއެވެ.

ޝެހެނާޒް ބުނީ ރިޟްވާންގެ މައްސަލައިގައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތް އާއިލާއިން ބަލައިގަންނަ ކަމަށެވެ.

އެ އިންޓަވިއުގައި އޭނާގެ ބައްޕަ ބުނެފައިވަނީ ވެރިކަމަށް ވަޑައިގަތުމުގެ ކުރިން މިހާރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، ރިޟްވާނަށް އިންސާފު ހޯދައިދިނުމަށް އަޑުއުފުލުމަށް ކަމަށް ވިދާޅުވެ ބޭއްވި މުޒާހަރާތަކަކީ ވެރިކަން ހޯދަން ޖެއްސެވި މަޅިއެއްކަމަށެވެ.

ޢަބްދުﷲ ބުނީ މިހާރު އޮތް ސަރުކާރަށް ރިޟްވާނަށް އިންސާފެއް ހޯދައެއް ނުދެވޭނެ ކަމަށެވެ. އަދި ދެން އެކަން ކޮށްދެވޭނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ކަމަށް އޭނާ ދެކެއެވެ.

މީގެ އިތުރުން، މި ސަރުކާރަށް ރިޟްވާނުގެ މައްޗަށް ކަށުނަމާދު ކުރެވޭނެ އިންތިޒާމެއް ވެސް ހަމަޖައްސައި ނުދެވުނު ކަމަށާއި އެކަން ކުރެވޭނީ ރައީސް ޔާމީނު އަލުން ވެރިކަމަށް އައިސްގެން ކަމަށް ޢަބްދުﷲ ބުންޏެވެ.

comment ކޮމެންޓް