ވ. ތިނަދޫ މިސްކިތުގެ ހާލަތާ ބެހޭ ގޮތުން އެރަށުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށް، މިއަދު ހިމޭން އިހުތިޖާޖެއް ކޮށްފިއެވެ.
އެރަށު ކައުންސިލްގެ ރައީސް ޝިފާގު ޙުސައިން 'ސަން'އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ތިނަދޫގައި ފިރިހެނުން ނަމާދު ކުރުމަށް ހަދާފައިވާ މިސްކިތުން ގަބުރު ފެނުމާ ގުޅިގެން އެ މިސްކިތް މީގެ 10 އަހަރު ކުރިން ބަންދު ކޮށްފައިވާ ކަމަށެވެ.
އެއަށް ފަހު މިއަދާ ހަމައަށް ވެސް އެރަށުގައި ފިރިހެނުން ނަމާދުކުރަމުން ދަނީ އަންހެނުން ނަމާދު ކުރުމަށް ހަދާފައިވާ، 34 އަހަރަށް ވުރެ ގިނަ ދުވަސްވީ މިސްކިތެއްގައި ކަމަށް އޭނާ މައުލޫމާތު ދެއްވިއެވެ.
ދުއިސައްތަ މީހުންގެ އާބާދީއެއް އޮންނަ ތިނަދޫގައި މިއަދު ކުރި އިހުތިޖާޖަކީ ހިމޭން އިހުތިޖާޖެއް ކަމަށް ޝިފާގު ވިދާޅުވިއެވެ.
މިހާރު ބޭނުން ކުރަމުންދާ މިސްކިތަކީ ކޮންމެ އަހަރަކުވެސް ރަށު ކައުންސިލާއި ރައްޔިތުން ގުޅިގެން އާބާތުރަ ފިލުވަމުން އަންނަ މިސްކިތެއް ކަމަށާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީގައި ފެންޑާގައި ނަމާދުކުރެވޭ ގޮތް ހެދުމާއެކު ނަމާދު ކުރުމަށް އިތުރު ބައެއް ހަދާފައިވާނެ ކަން ވެސް ޝިފާގު ފާހަގަ ކުރެއްވިއެވެ.
ނަމަވެސް މިހާރު މިސްކިތުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް ވިދާޅުވެ އޭނާ ވިދާޅުވީ ޖާގައިގެ ދަތިކަމުގެ މައްސަލަ ވެސް ބޮޑުވެފައިވާ ކަމަށެވެ.
އެކަމާ ގުޅޭ މަޝްވަރާތައް އިސްލާމިކް މިނިސްޓްރީއާއެކު ކުރައްވާފައިވާ ކަމަށް ވެސް ޝިފާގު ވިދާޅުވިއެވެ. އަދި އެ އަރަށުގައި އައު މިސްކިތެއް އެޅުމަށް ބަޖެޓް ކުރާނެ ކަމުގެ ޔަގީން ކަން މިނިސްޓްރީން ދީފައިވާކަން ޝިފާގު ހާމަކުރެއްވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ އެރަށަކީ ފާއިތުވި ހުރިހާ ސަރުކާރަކުން ވެސް އިހުމާލުވެފައިވާ ރަށެއް ނަމަވެސް މި ސަރުކާރުން އެރަށަށް ދިމާވެފައިވާ ހުރިހާ މައްސަލައެއް ހައްލު ކޮށްދީފައިވާ ކަމަށެވެ.
އެގޮތުން 18 އަހަރަށް ފަހު އެ ރަށު ސްކޫލުގައި ކިޔަވައިދޭން ފެށުމާއެކު، ބަނދަރުގެ މަސައްކަތާއި ނަރުދަމާގެ މަސައްކަތް ފެށުމުގެ އިތުރުން ގޯތި ދޫކުރުމުގެ މަސައްކަތް ވެސް ކޮށްދީފައިވާ ކަން ޝިފާގު ފާހަގަ ކުރެއްވިއެވެ. އޭނާ ވިދާޅުވީ މިސްކިތުގެ މައްސަލަވެސް މި ސަރުކާރުން ހައްލު ކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.