އެމްޓީސީސީން ވެސް ރިއަލް އެސްޓޭޓް ވިޔަފާރިއަށް ވަންނަނީ

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ސަން އަށް އިންޓަވިއު ދެއްވަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެމްޓީސީސީގެ ވިޔަފާރި ފުޅާކޮށް، އާމްދަނީ އިތުރުކުރުމަށް ރިއަލް އެސްޓޭޓް ވިޔަފާރިއަށް ވަނުމުގެ ވިސްނުން އެބަ ހުރި ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރޭ ކުރުނބާ މޯލްޑިވްސްގައި އޮތް އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ އެމްޓީސީސީން މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ބަނދަރުހެދުމާއި ބިންހިއްކުން ފަދަ މަސައްކަތްތައް ކުރިމަގުގައި ލިބޭ މިންވަރު އަންނާނީ މަދުވަމުން ކަމަށެވެ. އެހެންކަމުން ވިޔަފާރި އިތުރަށް ފުޅާކުރުމަށް ރިއަލް އެސްޓޭޓް ފަދަ ދާއިރާއަކަށް ވަންނަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެ ވިޔަފާރީގައި އަމާޒަކީ ބޮޑެތި މަޝްރޫއުތަކެއް ހިންގުނު ކަމަށާއި، ރާއްޖޭގައި އާންމުކޮށް ކުރާ ފަދަ ކުދި ގެދޮރުގެ ވިޔަފާރިއަށް ވަނުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

މީގެ އިތުރުން އޭނާ ވަނީ އެމްޓީސީސީން އަބަދު ވެސް އަމާޒު ހިފަނީ ނިމިދިޔަ އަހަރަށް ވުރެ، ހިނގަމުންދާ އަހަރުގެ ފައިދާ 50 މިލިއަން ރުފިޔާ އިތުރު ކުރުމަށް ކަމަށެވެ. އެގޮތުން މި އަހަރުގެ އަމާޒަކީ 300 މިލިއަން ރުފިޔާގެ ފައިދާއެއް ހޯދުން ކަމަށް އޭނާ ވިދާޅުވި އެވެ .

ކުންފުނީގެ ފައިދާ އިތުރުވަމުންދާ ވަރަކަށް ކެޕޭސިޓީ ވެސް އިތުރު ކުރަމުން އަންނަކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑުމެން ހަވާލުވިއިރުގައި ގާތްގަނޑަކަށް ވިއްސަކަށް ޕްރޮޖެކްޓް އެއްފަހަރާ ހިނގަމުން ދާނީ. އެއީ އޭރުގެ ކެޕޭސިޓީ. ނަމަވެސް އަޅުގަނޑުމެން ސަރުކާރުގެ އެހީތެރިކަމާއެކު ޕްރޮޖެކްޓްތައް ލިބެމުން ދިޔައީމަ ކެޕޭސިޓީ އިތުރުވެސް ކޮށްފިން،" އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މުވައްޒަފުންނާއި، އިކުއިޕްމަންޓްގެ ގޮތުން ބަލާއިރު ވެސް ކުންފުނީގެ ކެޕޭސިޓީ މިހާރު ދެގުނަ އިތުރުވެފައިވާ ކަމަށެވެ.

ދާދި ފަހުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވެސް ވަނީ އެ ކުންފުނިން ވެސް ރިއަލް އެސްޓޭޓް ވިޔަފާރިއަށް ވަނުމަށް ނިންމާފައިވާކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ސްޓެލްކޯއިން ވެސް އެ ވިޔަފާރިއަށް ވަންނަނީ ފައިދާ އިތުރު ކުރުމަށް ކަމަށެވެ.

comment ކޮމެންޓް