ޤައުމެއްގެ މުސްތަޤްބަލް ބިނާވާނީ ޒުވާނުންގެ މައިބަދާގައި ވަރުހުރި މިންވަރަކަށް: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ -- ފޮޓޯ/ ހޯމް މިނިސްޓްރީ

ޤައުމުގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނީ ޤައުމުގެ ހެދިބޮޑުވަމުން އަންނަ ޒުވާންޖީލުގެ ކިބައިގައި މަތިވެރި ސިފަތައް ހުރެގެންކަމަށާއި އެއްވެސް ޤައުމެއްގެ މުސްތަޤްބަލް ބިނާވާނީ އެ ޤައުމެއްގެ ޒުވާނުންގެ މައިބަދާގައި ވަރުހުރި މިންވަރަކަށްކަމަށް ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ޔޫތް ލީޑާސް ފޯރަމް ށ. މިލަންދޫގައި ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ފޯރަމުގައި، ށ. އަތޮޅުގެ 13 ރަށެއްގެ، 100 އެއްހާ ޒުވާނުން ބައިވެރިވިއެވެ.

އިމްރާން ވިދާޅުވީ، ޒުވާން ޖީލަކީ ހަށިގަނޑުހެޔޮ ރޫފަހުރި, ޢިލްމީ ޤާބިލްކަމާއި, ފަންނާއި ހުނަރުވެރިކަންހުރި މަސައްކަތްތެރިކަމާއި މުރާލިކަންހުރި ރިވެތި އަޚްލާޤާއި, ސުލޫކުން ޒީނަތްތެރިވެގެންވާ ބައެއްނަމަ އެ ޤައުމު ދާނީ ފަތުއަޑު ކިޔާފައި ބާރަށް ކުރިއަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ދިވެހިންގެ މެދުގައި ދިމާވި ކޮންމެ ދަތިކަމަކާއި ރާއްޖެއަށް ދިމާވި ބޮޑު ކޮންމެ ގޮންޖެހުމަކާ ކުރިމަތިލައިގެން ނިކުމެފައި ވަނީ ޒުވާން ހިތްވަރުގަދަ ބަތަލެއް ކަމަށެވެ.

"ބައެއްގެ މެދުގައި އިލްމްވެރިކަން ފެތުރި ޢާއްމުވެއްޖެނަމަ ޖާހިލުކަމާއި ނޭންގުންތެރިކަން ނެތިވެ އިންދިރާސްވެދާނެ. ތަނަވަސްކަމާއި ތިޔާގިކަން ޢާއްމުވެއްޖެނަމަ ފަޤީރުކަމާއި ދަތުމަޑުކަން ފިލައިގެން ހިނގައިދާނެ. ބައެއްގެ މެދުގައި މުރާލިކަމާއި ކެރުންތެރިކަން ފެތުރިއްޖެނަމަ އެބައެއްގެ މެދުން ކަންނެއްކަމާއި, ފިނޑިކަން ނެތިވެ ހިނގައިދާނެ," މިނިސްޓަރު ވިދާޅުވިއެވެ.

ޔޫތް ލީޑާސް ފޯރަމަކީ ހޯމް މިނިސްޓްރީގައި އޮންނަ، ކޮލެޖް ޔުނިވާސިޓީގެ ދަރިވަރުން ތަމްސީލުކުރާ ނެޓްވޯކެކެވެ.

މިނިސްޓްރީގެ ފަރާތުން މިފަދަ ނެޓްވޯކެއް އުފައްދައި، ޒުވާން ލީޑަރުން ބިނާކުރުމަށް ފޯރަމްތައް ހިންގަނީ، މިނިސްޓްރީއާ މަތިކޮށްފައިވާ ދާހިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޒުވާނުންގެ ދައުރު ބޮޑުވުމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް