މެރިޓައިމް ދާއިރާގެ އަންހެނުންގެ ދުވަސް ފާހަގަ ކުރަނީ

ޓްރާންސްޕޯޓް މިނިސްޓަރު ޢާއިޝަތު ނަހުލާ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މެރިޓައިމް ދާއިރާގައި މަސައްކަތްކުރާ އަންހެނުންގެ ދުވަސް ފާހަގަ ކުރަން އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) އިން ނިންމައިފިއެވެ.

މެރިޓައިމް ދާއިރާގެ އަންހެނުންގެ ދުވަހުގެ ގޮތުގައި، ކޮންމެ މެއި މަހެއްގެ 18 ވަނަ ދުވަސް ފާހަގަ ކުރަން ކަނޑައަޅާފައި ވަނީ އައިއެމްއޯގެ 32 ވަނަ ޖަލްސާގައެވެ.

އެއީ އައިއެމްއޯގެ 31 ވަނަ ޖަލްސާގައި ފާސް ކުރެވުނު، "2019 ވަނަ އަހަރަށް ކަނޑައަޅާފައިވާ ވޯލްޑް މެރިޓައިމް ތީމްގެ ލެގަސީ ކުރިއަރުވައި، މެރިޓައިމް ދާއިރާއިން އަންހެން ކަނބަލުންނަށް ހުރަހެއްނެތް މަސައްކަތުގެ މާހައުލެއް ހޯދައިދިނުން" މި ގްރާރާ ގުޅިގެން ކަނޑައެޅުނު ދުވަހެކެވެ.

މިކަމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ވަނީ މެރިޓައިމް ސިނާއަތުގައި އަންހެނުން ކުރަމުންދާ މަސައްކަތުގެ އަގު ވަޒަން ކުރުމަށް އެންމެންނަށް ގޮވާލާ ކަމަށެވެ.

ސަރުކާރުން އެކުލަވާލާ، މި ދާއިރާއާ ގުޅޭ ކަންކަމުގައި އަންހެނުންނަށް އިސްކަން ދިނުމަށް މަސައްކަތް ކުރަމުން ދާކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.

"މި މިނިސްޓްރީގެ އަމާޒަކީ މެރިޓައިމް ސިނާއަތުގައި ޖެންޑާ އިމްބެލެންސް ނައްތާލާ މެރިޓައިމް ސިނާއަތަކީ އެންމެންނަށް ހަމަހަމަ ފުރުސަތު ލިބިގެންދާނެ ދާއިރާއަކަށް ހެދުން،" މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ، މި ދާއިރާއަށް ވަނުމަށް އަންހެނުންނަށް ހުރި ހުރަސްތައް ގިރާކޮށް، މި ދާއިރައިން އަންހެނުންނަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމަށް ހުރިހާ ބައިވެރިންނަށް ގޮވާލާ ކަމަށެވެ.

comment ކޮމެންޓް