އިންޑިއާ އައުޓް ހަރަކާތް ރާވައި ހިންގި ކަމުގެ ތުހުމަތުގައި މުޙައްމަދު އިސްމާއީލް ހައްޔަރުކޮށްފި

މުހައްމަދު އިސްމާއިލް ހައްޔަރު ކޮށްގެން ގެންދަނީ--- ސަން ފޮޓޯ/ މުޙައްމަދު ޙައްޔާން

އިންޑިއާ އައުޓް ހަރަކާތް ރާވައި ހިންގި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާއީލް ހައްޔަރު ކޮށްފިއެވެ.

ޤާނޫނުލް އުގޫބާތުގެ 533 ވަނަ މާއްދާގެ (ހ) ގެ އެއް ވަނަ ނަންބަރުގެ ދަށުން ވެސް އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވެއެވެ. އެ މާއްދާ އަކީ ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމާ ގުޅޭ މާއްދާއެވެ.

ޤާނޫނުލް އުގޫބާތުގެ 615 ވަނަ މާއްދާގެ (ހ)ގެ ހަ ވަނަ ނަންބަރުގެ ދަށުން ވެސް އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވެއެވެ. އެއީ އާންމު މަސްލަހަތަށް ގެއްލުންހުރި އަމަލެއް ކުރުމާ ގުޅޭ މާއްދާއެވެ.

އެ އަމުރުގައި ވަނީ މުޙައްމަދު އިސްމާއީލް އެ ހަރަކާތް އިތުރަށް ފުޅާކޮށް، އެކަމުގައި އިތުރު މީހުން ބައިވެރިކުރުވާ ކަމަށެވެ. އަދި އެ ހަރަކާތް ހުއްޓުވަން ދައުލަތުގެ އިދާރާތަކުން ކުރަމުންދާ މަސައްކަތަށް ގޮންޖަހައި އޭނާ ހުރަސްއަޅަމުންދާ ކަމަށް ވެސް ކޯޓު އަމުރުގައިވެއެވެ.

މުޙައްމަދު އިސްމާއިލް ހައްޔަރު ކޮށްގެން ގެންދަނީ --- ސަން ފޮޓޯ/ މުޙައްމަދު ޙައްޔާން

ކޯޓު އަމުރުގައިވާގޮތުން އިންޑިއާ އައުޓް ބެނާތަކާއި ކުރެހުންތަކާއި ލިޔުންތައް ތައްޔާރުކޮށް އެތަކެތި މާލެ އާއި އަތޮޅުތަކުގެ ރަށްތަކަށް ފޯރުކޮށްދޭ ކަމުގެ ތުހުމަތު ވެސް އޭނާގެ މައްޗަށް ކުރެއެވެ.

އެކަމުގެ ސަބަބުން ބައިނަލްއަގުވާމީ ގުޅުންތަކާއި އަވަށްޓެރި ޤައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ޚާރިޖީ އަދި ސަގާފީ ގުޅުންތަކަށް ނުރަނގަޅު އަސަރުކުރާ ކަމަށް ވެސް ކޯޓު އަމުރުގައިވެއެވެ.

މީގެ އިތުރުން އޭނާއަކީ މީގެ ކުރިންވެސް ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ތަނެއްގެ ބެރުފެންސުގައި ސްޕްރޭ ފުޅިއެއް ބޭނުންކޮށްގެން އާންމުކޮށް ފެންނަހެން އިންޑިޔާ އައުޓް ލިޔުނު ކަމުގެ ތުހުމަތުކު ކުރެވިގެން ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކޮށް ދޫކޮށްލާފައިވާ މީހެއް ކަމަށެވެ. ނަމަވެސް އެއަށް ފަހުވެސް އެފަދަ އަމަލުތައް ތަކުރާރު ކުރަމުންދާތީ އޭނާ މުޖުތަމައުގެ ތެރެއަށް ވީއްލާފައި ހުރެއްޖެނަމަ، އާންމު މަސްލަހަތާއި
ޤައުމީ މަސްލަހަތާއި ޤައުމީ ސަލާމަތަށް ގެއްލުންދިނުމުގެ އިޙުތިމާލް ފާޅުކަން ބޮޑުގޮތެއްގައި ފެންނަން އެބައޮތް ކަމަށް ވެސް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.

ކޯޓު އަމުރުގައި ވަނީ އެ ހަރަކާތުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަމާއި ނަފްރަތު އުފެދޭނެ ކަމަށެވެ. އަދި އެއްބަޔަކު އަނެއްބައެއްގެ މެދުގައި ހަމަނުޖެހުން އުފެދި ޤައުމީ މަސްލަހަތަށް އެކަމުގެ ސަބަބުން ބުރޫއަރާފާނެކަމަށް ބެލެވޭކަމަށް ވެސް ކޯޓު އަމުރުގައިވެއެވެ.

މުޙައްމަދު އިސްމާއިލް ހައްޔަރު ކޮށްގެން މާފަންނު ޕޮލިސް ސްޓޭޝަނަށް ވައްދަނީ --- ސަން ފޮޓޯ/ މުޙައްމަދު ޙައްޔާން

އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރުގައި، އެ ގަރާރު ތަންފީޒު ކުރުމަށް ދައުލަތުގެ ހުރިހާ އިދާރާތަކާއި މުއައްސަސާތަކަށް އަންގާފައިވާ ކަމަށް ވެސް ކޯޓު އަމުރުގައިވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތް ރާވައި ހިންގާ ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 48 މީހަކާއި 42 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

comment ކޮމެންޓް