ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމަކަށް އިންޑިއާ

ރާއްޖެ އައި ފްލައިޓުން މީހުން ފައިބަނީ -- ސަން ފައިލް ފޮޓޯ

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ލިސްޓުގެ އެއްވަނައަށް އިންޑިއާ އަރައިފިއެވެ.

މި އަހަރު ފެށުނުއިރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ދިހަ ގައުމުގެ ތެރޭގައި އިންޑިއާ ނުހިމެނެއެވެ. އެ ލިސްޓަށް އިންޑިއާ އެރީ ޖެނުއަރީ މަސް ނިމެން ގާތްވެފައިވަނިކޮށެވެ.

އޭރު އެއްވަނައިގައި ރަޝިޔާ އޮތް އިރު، ދެވަނައިގައި އޮތީ އިނގިރޭސިވިލާތެވެ. އިންޑިއާ އޮތީ ތިން ވަނައިގައެވެ.

އޭގެ ފަހުން މިދިޔަ ފެބްރުއަރީ މަހުގެ 24ވަނަ ދުވަހު ރަޝިޔާއިން ޔޫކްރޭނަށް އަރައިގަތުމުން، ރަޝިޔާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވިއެވެ. އަދި މިދިޔަ މަހުގެ ކުރީކޮޅު މާކެޓްގެ އެއްވަނައަށް ޔޫކޭ އަރައި، ރަޝިޔާ ދެވަނައަށް ވެއްޓުނުއިރު ވެސް އިންޑިއާ އޮތީ ތިންވަނައިގައެވެ.

ނަމަވެސް މިދިޔަ މަހުގެ ފަހުކޮޅު، ރަޝިޔާ ތިންވަނައަށް ވައްޓާލުމަށްފަހު، މާކެޓްގެ ދެވަނައަށް އިންޑިއާ އެރިއެވެ. އަދި މި ހަފުތާ ތެރޭގައި އިންޑިއާ ވަނީ ލިސްޓުގެ އެއްވަނައަށް އަރާފައެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުން، ރާއްޖޭގެ ފަތުރުވެރިންގެ މާކެޓުގެ 12.9 ޕަސެންޓް މިހާރު ހިއްސާ ކުރަނީ އިންޑިއާއިންނެވެ. އަދި ޔޫކޭގެ ފަތުރިވެރިންގެ ނިސްބަތް 12.7 ޕަސެންޓުގައި އޮތް އިރު ރަޝިޔާ ފަތުރުވެރިންގެ ހިއްސާއަކީ 9.6 ޕަސެންޓެވެ.

މި ލިސްޓުގައި ދެން ހިމެނޭ ގައުމުތަކަކީ ޖަރުމަނުވިލާތް، އިޓަލީ، އެމެރިކާ، ފްރާންސް، ސްވިޒަލޭންޑް، ސައޫދީ އަރަބިއާ އަދި އޮސްޓްރިއާއެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 639،418 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އެގޮތުން މި މަހުގެ ފުރަތަމަ ދެ ހަފުތާގައި 62،628 ފަތުރުވެރިން އައިސްފައިވެއެވެ. އެއީ މިދިޔަ ތިން އަހަރު ވެސް އެ މުއްދަތުގައި ރާއްޖެ އައި ފަތުރުވެރިންނަށް ވުރެ އިތުރު އަދަދެކެވެ.

މި މަހުގެ މިހާތަނަށް، ދުވާލެއްގެ މައްޗަށް ރާއްޖެއަށް އެވަރެޖުކޮށް 4،473 ފަތުރުވެރިން އައިސްފައިވެއެވެ. އަދި އެވްރެޖްކޮށް އަށް ދުވަހު ރާއްޖޭގައި މަޑުކޮށްފައިވެއެވެ.

comment ކޮމެންޓް