ތިނަދޫން މީހުން ބޭލުވި މައްސަލަ: މާލޭގައި ބާއްވާ އަޑުއެހުންތަކުގައި ބަޔާންދޭނެ މީހަކު ނުވި

ގދ. ތިނަދޫން މީހުން ބޭލުވި ހާދިސާގެ ފޮޓޯއެއް

ގދ. ތިނަދޫން މީހުން ބޭލުވި މައްސަލައާ ގުޅިގެން މާލޭގައި ބާއްވަން ތާވަލްކުރެވިފައިވާ އަޑުއެހުންތައް ލަަސްވަމުންދަނީ ބަޔާން ދޭނެ މީހުން ރަޖިސްޓްރީ ކޮށްފައި ނުވާތީ ކަމަށް އިންތިގާލީ އިންސާފުގެ އޮފީހުން ބުނެފިއެވެ.

އެ އޮފީހުގެ ޕަބްލިކް ރިލޭޝަންސް އެގްޒެކެޓިވް އައިޝަތު ފަތުހީ މިއަދު 'ސަން' އަށް ވިދާޅުވީ ތިނަދޫގައި ބޭއްވި އަޑުއެހުން ތަކުން ފާހަގަކުރެވުނު މީހުންނަށް މާލޭގައި ބާއްވާ އަޑުއެހުންތަކުގައި ބަޔާންދިނުމަށް ގުޅަމުންދާ ކަމަށެވެ. ނަމަވެސް ބަޔާންދޭނެ މީހަކު ނުވި ކަމަށް އޭނާ ވިދާޅުވިއެވެ.

އައިޝަތު ވިދާޅުވީ މިހާރު ކުރިއަށް ދަނީ މައްސަލަ ހުށަހަޅާފައިވާ ވަކިވަކި ފަރުދުންގެ ބަޔާންތައް އެނަލައިޒް ކުރުމުގެ މަސައްކަތް ކަމަށެވެ.

އެ މައްސަލައިގެ އަޑުއެހުންތައް ޕަބްލިކް ހިޔަރިންއެއްގެ ގޮތުގައި އާންމުންނަށް ހުޅުވާލައިގެން ތިނަދޫގައި ވަނީ ބާއްވާފައެވެ.

އެ މައްސަލަ އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހެޅީ ތިނަދޫ ކައުންސިލުންނެވެ. އެ ހުށަހެޅުމުގައި މައިގަނޑު ހަތަރު ކަމަކަށް އެދިފައިވެއެވެ. އޭގެ ތެރޭގައި، މާލޭގައި ހުންނަ ވެލާނާގޭގެ ނަން "ގދ. ތެނަދޫ" ވެލާނާގެއަށް ބަދަލުކުރުމަށް އެދިފައި ވެއެވެ.

މީގެ އިތުރުން އެ ކަމަށް ދިވެހި ދައުލަތުގެ ފަރާތުން، ތިނަދޫ ރައްޔިތުންގެ ކިބައިން މާފަށް އެދުމަށާއި، ނިގުޅައިގަނެފައިވާ ހައްގުތައް ހޯދައި ދިނުމަށާއި، އެކަމުގައި ބައިވެރިވި މީހުންގެ މުދަލާއި ބިންތަކުން ލިބޭ 50 އިންސައްތަ ފައިދާ ތިނަދޫ ރައްޔިތުންނަށް ދާއިމަށް ލިބޭނެ ގޮތް ހެދުމަށް ވެސް އެ ހުށަހެޅުމުގައި އެދިފައިވެއެވެ.

ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ދުވަސްވަރު އެ ރަށުން މީހުން ބޭލީ ވަކި ސަރުކާރެއް އިއުލާނުކުރުމާއެކު، ހަވަރާއެކު އެރަށަށް ވަޑައިގަތުމަށް ފަހުއެވެ. އެ ހާދިސާގައި އަނިޔާވެރި، ލާއިންސާނީ އަމަލުތަކެއް ހިންގި ކަމަށް ގިނަ ބަޔަކު ބުނެއެވެ.

comment ކޮމެންޓް