ރަޝިއާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ގެއްލުން އެންމެފަހުން އެމެރިކާއާއި ޔޫރަޕަށް!

އެމެރިކާގައި އާންމު ތަކެތި ވިއްކާ މޯލް އެއް

ވޮޝިންޓަން (16 މޭ 2022) : ޔުކްރޭން ހަނގުރާމައާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އާދަޔާ ޚިލާފަށް ބޮޑުވި މައްސަލަ ހައްލު ނުކުރެވޭތީ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުގައި ތަކެއްޗާއި ޚިދުމަތުގެ އަގު ބޮޑުވެއްޖެއެވެ.

އެމެރިކާގެ މަޝްހޫރު ނޫހެއް ކަމަށްވާ ޕޮލިޓިކޯ ބުނާގޮތުން ތެލުގެ އަގު ބޮޑުވުމުން އެމެރިކާގައި މިހާރުވަނީ އާންމު ދިރިއުޅުމަށް ބޭނުންވާ ކާބޯތަކެއްޗާއި އެނޫން ތަކެއްޗާ އަދި ދިރިއުޅުމަށް ބޭނުންވާ އަސާސީ ޚިދުމަތްތަކުގެ އަގު ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑުވެފައެވެ. މީގެތެރޭގައި ޓްރާންސްޕޯޓް ޚިދުމަތް ހިމެނެއެވެ.

އެ ނޫސް ބުނާގޮތުން ތެލާއި ތެލުގެ ބާވަތްތަކުގެ އަގު އެމެރިކާގައި 20 އިންސައްތަ ބޮޑުވެފައިވާއިރު ތަކެއްޗާއި ޚިދުމަތުގެ އަގުތައް ވަނީ 30 އިންސައްތައަށް ބޮޑުވެފައެވެ. އެމެރިކާގެ އިންވެސްޓްމަންޓް ބޭންކެއް ކަމަށްވާ ޖޭޕީ މޯގަންގެ ތަޖުރިބާކާރުން ވިދާޅުވާގޮތުގައި ޔުކްރޭން ހަނގުރާމައާއެކު ތެލުގެ އަގުބޮޑުވުމުން އެމެރިކާގެ އިގްތިސާދަށް މަހަކު 10 ބިލިޔަން ޑޮލަރުގެ ގެއްލުމެއް ވަނީ ވާންފަށާފައެވެ. މާނައަކީ ތެލަށް އިތުރަށް މަހަކު 10 ބިލިޔަން ޑޮލަރު ޚަރަދު ކުރަންޖެހުމެވެ.

ޔޫރަޕަށް ބަލާއިރު އެމެރިކާގެ ވޯލްސްޓްރީޓް ޖާނަލް ބުނާގޮތުން ޔޫރަޕްގެ ގިނަ ގައުމުތަކުގައި ތެލާއި ގޭހުގެ އަގުވަނީ 25 އިންސައްތަ ބޮޑުވެފައެވެ. މިއާއެކު ޔޫރަޕްގެ ގިނަ ގައުމުތަކުގައި ތަކެތީގެ އަގުތައް ވަނީ އެވްރެޖްކޮށް 30 އިންސައްތައާއި 35 އިންސައްތައާ ދެމެދުގެ މިންވަރަކަށް އުފުލިފައެވެ.

ޔުކްރޭން ހަނގުރާމައާއެކު ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު އުފުލުނީ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އެޅުމާ ގުޅިގެންނާ އަދި އެމެރިކާއި ޔޫރަޕްގެ މަދު ގައުމުތަކަކުން ރަޝިއާގެ ތެލާއި ގޭސް ނުގަތުމަށް ނިންމުމުގެ ސަބަބުންނެވެ.

ދުނިޔޭގެ ބާޒާރަށް ތެލުގެ ސަޕްލައި އިތުރުކުރުމަށްޓަކައި ސައޫދީއާއި ޔޫއޭއީ ފަދަ ގައުމުތަކުގެ އެހީތެރިކަން ހޯދުމަށް އެމެރިކާއާއި ޔޫރަޕްގެ ގައުމުތައް ކުރި މަސައްކަތްވަނީ މުޅިން ނާކާމިޔާބުވެފައެވެ. ނަތީޖާއެއްގެ ގޮތުން ތެލުގެ އަގުދަށަކަށް ނުދެއެވެ. ތެލުގެ އަގު ބޮޑުވުމުން ފައިދާވަނީ ތެޔޮއުފައްދާ އަދި އެކްސްޕޯޓް ކުރާ ގައުމުތަކަށް އެކަންޏެވެ. އެ ނޫން ގައުމުތަކަށް ލިބެނީ ގެއްލުމެވެ.

ޔުކްރޭން ހަނގުރާމައާއެކު އެމެރިކާއާއި ޔޫރަޕްގެ އިތުުރުން ދުނިޔޭގެ އެނޫން ގައުމުތަކުގައިވެސް ތަކެތީގެ އަގުވަނީ އެކި މިންވަރަށް އުފުލިފައެވެ.

ޔުކްރޭން ހަނގުރާމައިގެ ސަބަބުންނާ އަދި ރަޝިއާ އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ސަބަބުން ކައްކާ ތެލާއި އެ ނޫން ވެސް ރަޝިއާއާއި ޔުކްރޭނުން އިންޕޯޓްކުރާ ތަކެތި ޔޫރަޕްގެ އެތައް ގައުމެއްގެ ބާޒާރުތަކުގައި ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. މިތަކެތި މާދުރު ގައުމުތަކުން ގެންނަން ޖެހުމުގެ ސަބަބުން އެ ތަކެތީގެ އަގުތައް ބޮޑުތަނުން އުފުލިފައިވާ ކަމަށް ވޯލްސްޓްރީޓް ޖާނަލް ބުނެއެވެ.

ޔޫރަޕަށް ކުރިމަތިވެފައިވާ އަނެއް މައްސަލައަކީ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ޔޫރަޕްގެ ގައުމުތަކުގައި އުފައްދާ ދަނޑުވެރިކަމުގެ ތަކެތި ރަޝިއާއަށް އެކްސްޕޯޓް ނުކުރެވޭތީ އެތަކެއްޗަށް ބާޒާރު ނުލިބޭ މައްސަލައެވެ. އަދި ބާޒާރު ލިބޭ ހާލަތްތަކުގައިވެސް އެތަކެތި މާދުރު ގައުމުތަކަށް އެކްސްޕޯޓް ކުރަންޖެހޭތީ ޓްރާންޕޯޓް ޚަރަދުތައް ބޮޑުވުމުން އެތަކެތީގެ އަގުތައް ބޮޑުވުމުން އެތަކެތި ނުވިކޭ މައްސަލަ ވެސް ވަނީ ޔޫރަޕްގެ އެތައް ގައުމަކަށް ކުރިމަތިވެފައެވެ.

މިކަންކަމުގެ ސަބަބުން ޔޫރަޕްގައި އިގްތިސާދީ ދަތިތައް ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާތީ އާންމުން މުޒާހަރާތަކަށް ނުކުންނަން ތައްޔާރު ވަމުންދާކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ޔުކްރޭން ހަނގުރާމައާއެކު ހުޅަނގުން ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅި ނަމަވެސް އިގްތިސާދީ ބޮޑެތި ބާރުތައް ކަމަށްވާ ޗައިނާއާއި އިންޑިއާ އަދި އާސިޔާން ޖަމާއަތުގެ ގައުމުތަކުން އެކަމަށް އެއްބާރުލުން ނުދޭތީ އެ ފިޔަވަޅުތަކުގެ އަސަރު ރަޝިއާ އަށް ކުރާމިންވަރު ނިސްބަތުން ކުޑަ ކަމަށްވެއެވެ.

އަނެއްކޮޅުން ރަޝިއާގެ ތެލާއި ގޭސް ގަންނަން ޔޫރަޕަށް މަޖްބޫރުވެފައިވާތީ ރަޝިއާއަށް ލިބޭ އާމްދަނީއަށް މާބޮޑު ބަދަލެއް ނާދެއެވެ. އަނެއްކޮޅުން ދަތިކުރުމުގެ ފިޔަވަޅުތަައް އެޅިތާ ކުރީކޮޅު ރަޝިއާގެ ފައިސާގެ އަގު ދަށަށް ދިޔަނަމަވެސް ރަޝިއާގެ ތެލާއި ގޭސް ރަޝިއާގެ ފައިސާ ކަމަށް ވާ ރުބެލްއިން ގަތުމަށް ރަޝިއާއިން ޔޫރަޕަށް މަޖުބޫރު ކުރުމުން ރަޝިއާގެ ފައިސާގެ އަގުވަނީ ވެއްޓުމުގެ ބަދަލުގައި އޭގެ އަގު ކުރިޔަށްވުރެވެސް މައްޗަށް ގޮސްފައެވެ.

އަނެއްކޮޅުން އެމެރިކާ ޑޮލަރާއި ޔޫރޯ ބޭނުންކޮށްގެން ރަޝިއާ ޗައިނާއާއި އިންޑިއާއާއެކު ކުރާ ގިނަ މުއާމަލާތްތަކެއްވެސް އެ ތިން ގައުމުގެ ފައިސާ ބޭނުންކޮށްގެން މިހާރު ކުރަމުން ގެންދާތީ އޭގެ ގެއްލުންވެސް އެމެރިކާއަށާއި ޔޫރަޕަށް ވަނީ ފޯރަން ފަށާފައެވެ. އަދި މިކަމުގެ ފައިދާ ވަނީ އެ ތިން ގައުމަށް ލިބެން ފަށާފައެވެ.

comment ކޮމެންޓް