އައިޖީއެމްއެޗްގެ ޑޮކްޓަރުން ރީޖިނަލް ހޮސްޕިޓަލްތަކަށް ޒިޔާރަތް ކުރަނީ

އައިޖީއެމްއެޗް ހޮސްޕިޓަލް -- ސަން ފައިލް ފޮޓޯ

އައިޖީއެމްއެޗްގެ ފަރާތުން، ރީޖިނަލް ހޮސްޕިޓަލްތަކަށް ޑޮކްޓަރުންގެ ޓީމެއް ޒިޔާރަތް ކުރަން ހަމަޖެހިއްޖެއެވެ.

މި ދަތުރުތައް ކުރާނީ މި މަހުން ފެށިގެން، އަންނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށެވެ.

ރީޖިނަލް ހޮސްޕިތަލްތަކަށް ޒިޔާރަތް ކުރާ ޓީމުގައި ހިމެނެނީ އައިޖީއެމްއެޗްގެ އެކި ޑިޕާޓްމެންޓްތަކުގެ ޑޮކްޓަރުންނާއި އެހެނިހެން މުވައްޒަފުންނެވެ.

އޭގެތެރޭގައި ހިތުގެ ބަލިތަކަށާއި ކެންސަރު ބައްޔަށާއި ކަށީގެ ބަލިތަކަށާއި އެތެރެހަށީގެ ބަލިތަކަށާއި ކުޑަކަމުދާ ނިޒާމާ ބެހޭ ބަލިތަކަށާއި ރޭޑިއޮލޮޖީއަށް ޙާއްޞަ ޑޮކްޓަރުންނާއި މުވައްޒަފުން ހިމެނެއެވެ.

މި ޓީމުން ޒިޔާރަތް ކުރާނީ، ރާއްޖޭގެ ހަ ރީޖިނަލް ހޮސްޕިޓަލަކަށެވެ. އޭގެ ތެރޭގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ އިތުރުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް އަދި އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށެވެ.

އިއްޔެއިން ފެށިގެން، ހިތުގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުން ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ބައްލަވަން ފައްޓަވާފައެވެ. އަދި އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ކެންސަރުގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރެއް އެ ހޮސްޕިޓަލުގައި ބައްލަވާނެއެވެ.

މި މަހު ރޭޑިއޮލޮޖީގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ އައްޑޫއަށެވެ.

ކަށީގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުން މި މަހު އުނގޫފާރުގައި ހަރަކާތްތެރިވުމަށް ހަމަޖެހިފައި ވާއިރު، އެތެރެހަށީގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުން މި މަހު ބައްލަވާނީ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައެވެ.

comment ކޮމެންޓް