ކުރިއަށް އޮތް ހަފްތާގައި ވެސް މޫސުން ގޯސް، ސަމާލުވޭ!

ކަނޑުގަދަ ދުވަހެއްގައި ދަތުރު ކުރަމުން ދާ އޮޑިއެއް -- ސަން ފައިލް ފޮޓޯ

ކުރިއަށް އޮތް ހަފްތާގައި ވެސް ރާއްޖޭގެ އެކި ސަރަހައްދު ތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭތީ، ކަނޑުދަތުރު ކުރާ ފަރާތްތަކުން ސަމާލު ވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް)އިން އިލްތިމާސް ކޮށްފިއެވެ.

މެޓް އޮފީހުގެ އޮފިޝަލަކު "ސަން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހއ. އަތޮޅުން ފަށައިގެން ލ. އަތޮޅު ހިމެނޭ ސަރަހައްދަށް ކުރިއަށް އޮތް ތިން ދުވަހުގައި ވެސް ދައްކަނީ ވިއްސާރަކޮށް ކަމަށެވެ. ނަމަވެސް ދެކުނުގެ އަތޮޅު ތަކަށް އާއްމު ގޮތެއްގައި މޫސުން ރަނގަޅު ވާނެ ކަމަށް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ މެދުރާއްޖެތެރެއަށްވުރެ ބޮޑަށް ރާއްޖޭގެ އުތުރަށް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެގޮތުން، އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކަށް ބަލާއިރު، ހއ. އިން ފަށައިގެން ތ. އަތޮޅާ ހަމައަށް ވެސް އާއްމު ގޮތެއްގައި ވައި ގަދަވާނެ ކަމަށެވެ.

އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގައި އެވްރެޖް ގޮތެއްގައި 15 މޭލާއި، 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭއިރު، ދެނުކުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ދެކުނުން ގަޑިއަކު ފަސް މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ.

މީގެ އިތުރުން ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވިލާގަނޑުގައި ގަޑިއަކު 45 މޭލުގެ ބާރު މިނުގައި ވައިގަދަވުން އެކަށީގެންވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ބ. އަތޮޅުން ފަށައިގެން މ. އަތޮޅާ ހަމައަށް މިއަދު 10:30އިން ފަށައިގެން 14:30އާ ހަމައަށް ވަނީ ޔެލޯ އެލާޓް ވެސް ނެރެފައެވެ.

މެޓް އޮފީހުން ބުނީ މި ގަޑިތަކުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގަޑިއަކު 25 މޭލާއި، 30 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ރާއްޖެއަށް މި ދުވަސްވަރު ކުރަމުން މި އަންނަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. ރާއްޖޭގެ ދެކުނަށް ހުޅަނގު މޫސުން ފެށިފައި ވަނީ މި މަހުގެ އަށްވަނަ ދުވަހުގައެވެ.

މި ފަދަ ވިއްސާރަ ދުވަސްވަރެއްގައި ވައިގަދަވުމާއެކު ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިސްތިމާސް ކުރެއެވެ.

comment ކޮމެންޓް