މިލަންދޫގައި ކުޑަކުއްޖަކަށް އަނިޔާ ކުރާ ވީޑިއޯއެއް، މައްސަލަ ދަނީ ތަހުގީގުކުރަމުން

މިލަންދޫ--- ފޮޓޯ: ފްލިކާ

ށ. މިލަންދޫގައި ކުޑަ ފިރިހެންކުދިންތަކެއް އެ އުމުރުގެ އެހެން ކުއްޖަކަށް އަނިޔާ ކުރާ ވީޑިއޯއެއް މިއަދު ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.

އެ ވީޑިއޯއިން ފެންނަގޮތުގައި ގިނަ އަދަދެއްގެ ކުދިންތަކެއް އެ ފިރިހެންކުއްޖާ މިލަންދޫ ފުޓުބޯޅަ ދަނޑާ ދިމާލުގައި އޮންނަ ވަލަށް ވައްދާ އަނިޔާކުރެއެވެ. އަދި އެ ކުއްޖާ ބިންމައްޗައް ވައްޓާލާ އަނިޔާކުރާ އިރު، އެ ކުއްޖާގެ ރުއިމުގެ އަޑު ވެސް ކޮންމެވެސް ވަރަކަށް އިވެއެވެ. ލަފާކުރެވޭ ގޮތުގައި އެކުދިންގެ އުމުރުން ވާނީ 13 ނުވަތަ 14 އަހަރެވެ.

އެކަމާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަވަމުން އެރަށު ކައުންސިލް ގެ ރައީސް އަބްދުﷲ އާތިފް ވިދާޅުވީ މި ހާދިސާ ހިނގީ އެ ކުދިންގެ މެދުގައި ޖެހުނު މައްސަލައެއްގެ ސަބަބުން ކަަމަށެވެ.

"އަދި އެއީ ކޮންކަހަލަ މައްސަލައެއް ކަމެއް، އެކަމުގެ ތަފްސީލެއް އަޅުގަނޑުމެނަކަށް ވެސް ނުލިބޭ." އޭނާ ވިދާޅުވިއެވެ.

މި މައްސަލަ މިހާރުވަނީ ފުލުހަށާއި ޖެންޑާއަށް ހުށަހަޅާފައެވެ. އަދި މި މައްސަލައިގެ ތަހުގީގަށް ބޭނުންވާ ފުރިހަމަ އެހީތެރިކަން ކައުންސިލްގެ ފަރާތުން ލިބޭނެކަމަށް އާތިފް ވިދާޅުވިއެވެ.

"މިކަހަލަ ކަމެއް މި ރަށުގަ ތަކުރާރުވިޔަ ނުދިނުމަށްޓަކާ އަޅުގަނޑުމެން ހުރިހާ މުއައްސަސާއަކާވެސް މަޝްވަރާކުރަމުން މި ގެންދަނީ ހަމަ." އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ މައްސަލަ މިހާރު ދަނީ ތަހުގީގުކުރަމުންކަމަށް ފުލުހުން ވިދާޅުވިއެވެ.

comment ކޮމެންޓް