ގޫގުލްގެ އާ މޮޑެލްއަކާއެކު ޓްރާންސްލޭޓް އެޕަށް ދިވެހި ބަސް

ގޫގުލް ޑިވެލޮޕާސް ކޮންފަރެންސް 2022ގެ ތެރެއިން --- ފޮޓޯ/ ގޫގުލް

ގޫގުލްއިން ތަރައްގީ ކުރަމުން އަންނަ އައު މެޝިން ޓްރާންސްލޭޝަން (އެމްޓީ) މޮޑެލްއަކާ އެކު ދިވެހި ބަސް އެ ކުންފުނީގެ "ޓްރާންސްލޭޓް" އެޕަށް އިތުރުކޮށްފިއެވެ.

ގިނަ ބަސްތަކެއް ތަރުޖަމާ ކުރުމުގެ ގާބިލުކަން ލިބިފައިވާ "ޓްރާންސްލޭޓް" އެޕަށް ދިވެހި ބަހާއެކު އިތުރު 24 ބަހެއް އިތުރުކުރިކަން އިއްޔެ އެ ކުންފުނިން ބޭއްވި ޑިވެލޮޕާސް ކޮންފަރެންސްގައި ވަނީ އިއުލާނުކޮށްފައެވެ.

ދިވެހި ބަހުގެ އިތުރުން އިއްޔެ އެ އެޕަށް އިތުރުކުރި ބަސްތަކުގެ ތެރޭގައި ސާންސްކްރިތު، އަސަމީސް އަދި ބޯޖްޕޫރީ ފަދަ ބަސްތައް ހިމެނެއެވެ. އަދި އެމެރިކާގެ އަސްލުވެހީންގެ ބަސްތަކުގެ ތެރެއިން ކުއަޗުއާ، ގުއަރާނީ އަދި އެއިމާރާ އާއި ސިއެރާ ލިއޯންގައި ވާހަކަދައްކާ އިނގިރޭސީގެ ބަހުގެ ބަހުރުވަ، ކްރިއޯ ވެސް ވަނީ އިތުރުކުރެވިފައެވެ.

ގޫގުލް އޭއައި ބްލޮގުގައި އިއްޔެ ޝާއިއުކުރި ލިޔުމެއްގައި ވާގޮތުން ޑޭޓާ މަދުވުމާއި، އަދި މޮޑެލް ފަރުމާކުރުމުގައި ހުރި ދަތިތަކުގެ ސަބަބުން މިފަދަ ބަސްތައް އެ އެޕަށް އިތުރުކުރުން ވަނީ ދަތިކަމަކަށް ވެފައެވެ.

އެހެންކަމުން، މި ބަސްތައް ތަރުޖަމާ ކުރުމަށްޓަކައި ގޫގުލް އިން ވަނީ ޑޭޓާ މަދު ބަސްތަކަށް "ޒީރޯ ރިސޯސް ޓްރާންސްލޭޝަން" މޮޑެލްއެއް އުފައްދާފައެވެ. މިއީ ސީދާ އެ ބަހުގެ ތަރުޖަމާގެ ޑޭޓާ މަދު ބަސްތައް ވެސް ދަސްކުރުމުގެ ގާބިލުކަން ލިބިފައިވާ މޮޑެލްއެކެވެ.

އެހެންކަމުން ގޫގުލް ޓްރާންސްލޭޓަރުގައި މިހާރު ދިވެހި ބަސް އެހެން 132 ބަހަށް ތަރުޖަމާ ކުރެވޭނެއެވެ.

މީގެ ކުރިން މައިކްރޮސޮފްޓްގެ ބިންގް ޓްރާންސްލޭޓާ އިންވެސް ވަނީ ދިވެހި ބަސް ތަރުޖަމާ ކުރެވޭނެހެން ހަދާފައެވެ.

comment ކޮމެންޓް