ޑިބްރޫނާގެ ޖާދުވީ ކުޅުމުން މޮޅުވެ ސިޓީން ލީގު ތައްޓާ ފިޔަވަޅެއް ގާތަށް

މެންޗެސްޓާ ސިޓީ އާއި ވޯލްވްސް ބައްދަލުކުރި މެޗުގެ ތެރެއިން

ކެވިން ޑިބްރޫނާގެ ޖާދުވީ ކުޅުމުން މޮޅުވެ މެންޗެސްޓާ ސިޓީން ލީގު ތައްޓާ ފިޔަވަޅެއް ގާތަށް ޖެހިލައިފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ 5-1 އިން ވޯލްވްސް ބަލިކޮށް އެ ޓީމުން ވަނީ ލީގު ތާވަލްގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފައެވެ. ލީގުގައި ބާކީ އޮތް ދެ މެޗުން މޮޅުވެގެން ސިޓީއަށް މި ސީޒަނުގައި ޕްރިމިއާ ލީގު ކާމިޔާބު ކުރެވޭނެއެވެ.

މިރޭ ކުޅުނު އެ މެޗުގައި ސިޓީން ޖެހި ފަސް ގޯލުގެ ތެރެއިން ހަތަރު ގޯލު ޖަހައިދީފައިވަނީ ޑިބްރޫނާއެވެ. އެ މެޗުގައި އޭނާގެ ފަރާތުން ފެނިފައިވަނީ ތަފާތު މޮޅު ކުޅުމެކެވެ.

މިރޭގެ މެޗު ފަށައިގެން ސީޓީން ވަނީ ތަފާތު މޮޅު ކުޅުމެއް ކުޅެފައެވެ. ވޯލްވްސްގެ ގޯލަށް ނުރައްކާ ގިނަ ހަމަލާތަކެއް ސިޓީން ވަނީ އުފައްދާފައެވެ. އެގޮތުން މެޗުގެ ހަތް ވަަނަ މިނެޓުގައި ޑީބްރޫނާ ވަނީ އޭނާގެ ފުރަތަމަ ގޯލު އަދި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދީފައެވެ. އެ ގޯލު އޭނާ ޖަހާފައިވަނީ ބަނާޑޯ ސިލްވާ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

ނަމަވެސް މެޗުގެ 11 ވަނަ މިނެޓުގައި ވޯލްވްސްއިން ގޯލު ޖަހައި މެޗުގެ ނަތީޖާ ވަނީ ހަމަހަމަ ކޮށްފައެވެ. އެ ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ވޯލްވްސްގެ ލީންޑާ ޑެންޑޮންކާއެވެ.

މެންޗެސްޓާ ސިޓީ އާއި ވޯލްވްސް ބައްދަލުކުރި މެޗުގެ ތެރެއިން---

އޭގެ ފަސް މިނެޓު ފަހުން ޑިބްރޫނާ ކާމިޔާބުކޮށްދިން ގޯލާއެކު އަނެއްކާ ސިޓީން ވަނީ މެޗުގެ ލީޑު ނަގާފައެވެ. އޭނާ އެ ގޯލު ޖަހައިފައިވަނީ ރަަހީމް ސްޓާލިންގެ އެހީތެރިކަމާއެކުގައެވެ.

މެޗުގެ 24 ވަނަ މިނެޓުގައި ޑިބްރޫނާ ސިޓީއަށް ކާމިޔާބުކުރި ގޯލާއެކު އޭނާ ތިން ގޯލު ޖަހައި ހެޓްރިކެއް ފުރިހަމަކުރިއެވެ. އެ ގޯލު އޭނާ ކާމިޔާބުކޮށްފައިވަނީ ވެސް ސްޓާލިން ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.

އެ ނަތީޖާއާއެކު މެޗުގެ ފުރަތަމަ ހާފު ނިމުނު ނަމަވެސް ދެވަނަ ހާފުގެ 60 ވަނަ މިނެޓުގައި ސިޓީން ވަނީ އެ ޓިމުގެ ހަތަރު ވަނަ ގޯލު ކާމިޔާބުކޮށްފައެވެ. އެ ގޯލު ވެސް ޖަހައިދީފައިވަނީ ޑިބްރޫނާއެވެ.

މެޗުގެ 84 ވަނަ މިނެޓުގައި ސްޓާލިން ވަނީ ސިޓީގެ ފަސް ވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

ސިޓީ ދެން ޕްރިމިއާ ލީގުގައި ކުޅޭނީ އަންނަ އާދިއްތަ ދުވަހު ވެސްޓުހަމްއާ ދެކޮޅަށް ނިކުންނައިރު ވޯލްވުސް އެ ދުވަހު ކުޅެނީ ނޯވިޗް ސިޓީއާ ދެކޮޅަށެވެ. އެ މެޗަކީ ދެ ޓީމަށް ވެސް މޮޅުވުން މަޖުބޫރު ދެ މެޗެވެ.

comment ކޮމެންޓް