މި ކުއާޓަރުގައި ގިނަ ސިނާއަތްތަކުގެ އަގުތައް މައްޗަށް ދާނެ

މާލޭގެ ފިހާރައެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހިނގަމުންދާ ކުއާޓަރުގައި ގިނަ ސިނާއަތްތަކުގެ އަގުތައް މައްޗަށް ދާނެ ކަމަށް ވިޔަފާރިވެރިން ލަފާކޮށްފިއެވެ.

އެމްއެމްއޭގެ ކުއާޓާލީ ބިޒްނަސް ސާވޭގައި ބައިވެރިވި ވިޔަފާރިތަކުން ވަނީ މިދިޔަ ކުއާޓަރުގައި އިންޕުޓް ޚަރަދު މައްޗަށް ގޮސްފައިވާކަމަށް ބުނެފައެވެ.

އެގޮތުން، އިމާރާތްކުރުމާއި، ދަތުރުފަތުރު އަދި މުވާސަލާތީ ޚިދުމަތްތަކުގެ ސިނާއަތްތަކުގެ ޚަރަދުތައް ވެސް ބޮޑުތަނުން އިތުރުވެފައިވާ ކަމަށް އެ ދިރާސާގެ ރިޕޯޓުގައި ވެއެވެ. މީގެ އިތުރުން، ރީޓެއިލް އަދި ހޯލްސޭލް ވިޔަފާރިތަކުގެ ވިޔަފާރީގެ ޚަރަދު ވެސް ވަނީ މައްޗަށް ގޮހެވެ.

މިއާއެކު ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތައް ފިޔަވާ އެހެން ސިނާއަތްތަކުން ނަގާ އަގު ވެސް މައްޗަށް ދިޔަ ކަމަށް އެ ދިރާސާއިން ދައްކައެވެ. އެގޮތުން އެންމެ ބޮޑު މަތިވުމެއް އައީ ފަތުރުވެރިކަން އަދި ދަތުރުފަތުރާއި މުވާސަލާތުކުރުމުގެ ދާއިރާއިންނެވެ.

އެމްއެމްއޭއިން ބުނީ ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތަކުން މުދާ ވިއްކާ އެވްރެޖް އަގު ދަށްވި ކަމުގައި ވިޔަސް، މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ އަގުތައް ދަށަށް ދިޔަ ރޭޓު މަޑުޖެހިފައިވާ ކަމަށެވެ.

ދިރާސާގައި ބައިވެރިވި ވިޔަފާރިތަކުގެ ތެރެއިން ފަތުރުވެރިކަން، ދަތުރުފަތުރާއި މުވާސަލާތު އަދި އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ މި ހިނގާ ކުއާޓަރުގައި ވެސް އިންޕުޓް ޚަރަދު އިތުރުވާނެ ކަމަށް ލަފާކޮށްފައެވެ.

އެހެންކަމުން ފަތުރުވެރިކަން ފިޔަވާ އެހެނިހެން ހުރިހާ ސިނާއަތްތަކަކުން ނަގާ އަގު މި ކުއާޓަރުގައި މަތިވާނެކަމަށް އަންދާޒާ ކުރެވެއެވެ.

comment ކޮމެންޓް