މާލޭ ސިޓީ ކައުންސިލްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދޭން ފިނޭންސް މިނިސްޓްރީގައި އެދުމަށް އެ ކައުންސިލަށް ހުށަހަޅައިފިއެވެ.
މާލޭ ސިޓީ ކައުންސިލްގެ 51 ވަނަ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން، ޑެޕިއުޓީ މޭޔަރު އަޙުމަދު ނަރީޝް ވިދާޅުވީ ސަރުކާރުގެ އެހެން މުވައްސަސާތަކުގެ މުސާރަ ވެސް ބޮޑު ކުރަމުން އަންނަ މި ދަނޑިވަޅުގައި ކައުންސިލް މުވައްޒަފުންގެ މުސާރަ ވެސް ބޮޑު ކޮށްދޭން ޖެހޭ ކަމަށެވެ.
ނަރީޝް ވިދާޅުވީ މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންނަކީ ރައްޔިތުންނާ ސީދާ ގުޅުންހުރި ޚިދުމަތްތަކެއް ކޮންމެ ދުވަހަކު ވެސް ދެމުން އަންނަ ބައެއް ކަމަށެވެ.
"އެންމެ ބިޔަ ބޮޑު މަސައްކަތެއް މި ކުރަނީ މާލޭ ސިޓީ މުވައްޒަފުން، ދިވެހިރާއްޖޭގެ ތިން ބައި ކުޅަ ދެ ބަޔަށް މި ޚިދުމަތް ދެނީ އަޅުގަނޑުމެންގެ ކައުންސިލްގެ މި މުވައްޒަފުން، އެހެންވީމަ މުވައްޒަފުން މި ކުރާ މަސައްކަތަށް އެކަށީގެންވާ އުޖޫރައެއް ދެވެން ވާނެ،" ނަރީޝް ވިދާޅުވިއެވެ.
ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ނަރީޝް އިތުރަށް ވިދާޅުވީ ސަރުކާރުން ސިޓީ ކައުންސިލާ މެދު އަމަލު ކުރަމުން އަންނަނީ ވަރަށް ދެރަކޮށް ކަމަށެވެ. މިގޮތުން ސަރުކާރުން ހުއްދަ ނުދީގެން އެ ކައުންސިލަށް ބޭނުންވާ އެތައް ސަތޭކަ މުވައްޒަފުން ނުނެގިވާ ކަމަށް ނަރީޝް ވިދާޅުވިއެވެ.
"ސިޓީ ކައުންސިލަށް ބޭނުންވާ ސަތޭކަ މުވައްޒަފުން ނުނެގިފައި އަޅުގަނޑުމެން މި ތިބީ، އެ ފުރުސަތު ސަރުކާރުން ނުދޭތީ، އެ ކަމުގެ ދަތި އުނދަގޫ އެންމެ ބޮޑަށް ކުރިމަތިލާން ޖެހިގެން މިއުޅެނީ މި ދައުރުގެ ކައުންސިލް މެންބަރުންނާ،" ނަރީޝް ވިދާޅުވިއެވެ.
ސިޓީ ކައުންސިލްގެ މަސައްކަތްތައް އެންމެ ފުރިހަމައަށް ނުކުރެވޭ ސަބަބަކީ ވެސް މުވައްޒަފުންގެ ދަތިތައް ކަމަށް ނަރީޝް ވިދާޅުވިއެވެ.
މުސާރަ ބޮޑުކޮށްދޭން އެދި ނަރީޝް ހުށަހަޅުއްވި ހުށަހަޅުއްވުމަށް ވިލިމާލެ ދާއިރާގެ މެންބަރު ނަހުލާ އަލީ ވަނީ ތާއީދުކުރައްވައިފައެވެ.
މިއަދުގެ ސިޓީ ކައުންސިލްގެ ޖަލްސާގައި ވަނީ އެ ކައުންސިލްގެ އަހަރީ ދުވަސް ފާހަގަކުރުމަށް ރާވާ ހިންގާ ހަރަކާތްތައް ވިލަރެސް ކުރުމަށް ކޮމިޓީއެއް އެކުލަވާލުމަށް ފާސްކޮށްފައެވެ.