ރަފާ އަދި މިޝްކާ ވެސް ކުއާޓާއަށް

ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓީޓީ މުބާރާތުގެ ތެރެއިން

ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕްގެ ޖޫނިއާ ސިންގަލްސްގެ ކުއާޓާއިން ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް ޖާގަ ހޯދައިފިއެވެ.

ރަފާ ކުއާޓާއިން ޖާގަ ހޯދީ ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ ގްރޫޕްގެ ދެ ވަނަ ހޯދައިގެންނެވެ.

ފުރަތަމަ މެޗުގައި ރޭ ރަފާ ވަނީ މޮޅުވެފައެވެ. އެއީ ޕާކިސްތާނުގެ ހޫރު ހަސަންއާ ވާދަކޮށް ތިން ސެޓު ދެ ސެޓުން މޮޅުވެގެންނެވެ.

ގްރޫޕްގެ ފަހު މެޗުގައި ރަފާ މިއަދު ނުކުތީ ސްރީ ލަންކާގެ ބިމަންދަނީއާ ދެކޮޅަށެވެ. މެޗުން ރަފާ ބަލިވެފައިވަނީ ސީދާ ތިން ސެޓުންނެވެ.

ފުރަތަމަ ސެޓުގައި ރަފާ ބަލިވެފައިވަނީ 11-6އިންނެވެ. ދެ ވަނަ ސެޓުގައި ވެސް ރަފާ ވަނީ ބަލިވެފައެވެ. މި ސެޓުން ރަފާ ބަލިވީ 11-4އިންނެެވެ. ތިންވަނަ ސެޓުން ރަފާ ބަލިވެފައިވަނީ 11-6އިންނެވެ.

މީގެ އިތުރުން ކެޑޭޓް ސިންގަލްސް ބައިން ރާއްޖޭގެ މިޝްކާ މުހައްމަދު އިބްރާހީމް ވެސް ވަނީ ޖާގަ ހޯދައިފައެވެ. ގްރޫޕްގެ ފުރަތަމަ މެޗުގައި ރޭ މިޝްކާ ވަނީ ލަންކާގެ ކުޅުންތެރިއެއްގެ އަތުން ތިން ސެޓު އެއް ސެޓުން ބަލިވެފައެވެ.

މިއަދު ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗެން މިޝްކާ ވަނީ ސީދާ ތިން ސެޓުން މޮޅުވެ، ގްރޫޕްގެ ދެ ވަނަ ހޯދައި ކުއާޓާއިން ޖާގަ ހޯދައިފައެވެ. ކުއާޓާއި މިޝްކާ ނިކުންނާނީ އިންޑިއާގެ ސަންދިކާާ ދެކޮޅަށެވެ.

މީގެ އިތުރުން ރާއްޖޭގެ ފާތިމަތު ދީމާ އަލީ ވަނީ ޖޫނިއާ ސިންގަލްސް އަދި ކެޑޭޓް ސިންގަލްސްގެ ކުއާޓާ ފައިނަލުން ވެސް ޖާގަ ހޯދައިފައެވެ. މުބާރާތުގެ ކުއާޓާ މެޗުތަކާއި، ސެމީ މެޗުތަކާއި ފައިނަލް މެޗުތައް މިއަދު ކުޅޭނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް