ސިންގަލްސްގެ ދެ ކެޓަގަރީން ވެސް ދީމާ ކުއާޓާއަށް

ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕްގެ ތެރެއިން — ފޮޓޯ / ރައީސް އޮފީސް

މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕްގެ ސިންގަލްސް ގްރޫޕްގެ ހުރިހާ މެޗަކުން މޮޅުވެ އެެއް ވަނަ ހޯދައި، ރާއްޖޭގެ ފާތިމަތު ދީމާ އަލީ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

އަންހެން ސިންގަލްސްގައި ރޭ ދީމާ ވަނީ ހަތަރު މެޗު ކުޅެ، ހަތަރު މެޗުން ވެސް މޮޅުވެފައެވެ. ޖޫނިއާ ގްރޫޕް ސީގައި ރޭ ދީމާ ފުރަތަމަ ނިކުތީ ސްރީ ލަންކާގެ އަލްޔަޗިއްޓިއާ ދެކޮޅަށެވެ. އެ މެޗުން ދީމާ މޮޅުވެފައިވަނީ ސީދާ ތިން ސެޓުންނެވެ. ދެ ވަަނަ މެޗު ވެސް ދީމާ ކާމިޔާބުކޮށްފައިވަނީ ސީދާ ތިން ސެޓުންނެވެ. އެއީ ނޭޕާލްގެ އިވާނާ ތާޕާއާ ދެކޮޅަށް ކުޅެގެންނެވެ.

ރޭ ދީމާ ދެން ކުޅެފައިވަނީ ކެޑޭޓް ބައިގެ އަންހެން ސިންގަލްސްގައެވެ. އެ ބައިގައި ދީމާ ހިމެނިފައިވަނީ ގްރޫޕް ބީގައެވެ. މި ގްރޫޕްގެ ފުރަތަމަ މެޗުގައި ދީމާ ނިކުތީ ބަންގްލަދޭޝްގެ އޮއިޝީ އާ ދެކޮޅަށެވެ. މި މެޗު ދީމާ ވަނީ ސީދާ ތިން ސެޓުން ކާމިޔާބުކޮށްފައެވެ. ގްރޫޕްގެ ފަހު މެޗުގައި ދީމާ ނިކުތީ ނޭޕާލްގެ ބިޔަންކާއާ ދެކޮޅަށެވެ. މި މެޗުން ދީމާ މޮޅުވެފައިވަނީ ސީދާ ތިން ސެޓުންނެވެ.

ދެ ކެޓަގަރީންވެސް ދީމާ ކުއާޓާ ފައިނަލަށް ގޮސްފައިވާއިރު، ޖޫނިއާ ސިންގަލްސްގެ ކުއާޓާގައި ދީމާ ކުޅެން ޖެހޭނެ ކުޅުންތެރިއެއް އިނގޭނީ މިއަދު ކުޅޭ ގްރޫޕް ޑީގެ ފަހު މެޗުތައްް ނިމުމުންނެވެ.

ސިންގަލްސްގައި ރޭ ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް ވަނީ ކުޅުނު މެޗުން މޮޅުވެފައެވެ. އެއީ ޕާކިސްތާނުގެ ހޫރު ހަސަން އާ ވާދަކޮށް ތިން ސެޓު ދެ ސެޓުން މޮޅުވެގެންނެވެ. މި ގްރޫޕްގެ ފަހު މެޗުގައި މިއަދު ރަފާ ނިކުންނާނީ ސްރީ ލަންކާގެ ބިމަންދަނިޔާ އާ ދެކޮޅަށެެވެ.

ޖޫނިއާ ފިިރިހެން ކެޓަގަރީގެ ސިންގަލްސްގައި ރާއްޖޭގެ މުހައްމަދު ތާބިން ވަނީ ކުޅުނު މެޗުން ބަލިވެފައެވެ. ތާބިން ބަލިވެފައިވަނީ ބަންގްލަދޭޝްގެ އަތުން ސީދާ ތިން ސެޓުންނެވެ. މި ގްރޫޕުގެ ފަހު މެޗުގައި މިއަދު ތާބިން ނިކުންނާނީ ސްރީ ލަންކާގެ ކުޅުންތެރިޔަކާ ދެކޮޅަށެވެ. މި ބައިގައި ރާއްޖޭގެ އައުޒަމް އަޒީމް ވެސް ވަނީ ކުޅުނު މެޗުން ސީދާ ތިން ސެޓުން ބަލިވެފައެެވެ. އައުޒަމް ހިމެނޭ ގްރޫޕް އޭގެ ފަހު މެޗުގައި އައުޒަމް ނިކުންނާނީ ނޭޕާލްގެ ސަންޔޮންއާ ދެކޮޅަށެވެ.

މި މުބާރާތުގެ ސިންގަލްސްގެ ކުއާޓާ ފައިނަލާއި، ސެމީ ފައިނަލާއި ފައިނަލް މެޗުތައް ކުުޅޭނީ މިއަދުއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް