މުލަކު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ނަސީރުގެ އަތުން ތިން ލައްކައެއްހާ ރުފިޔާ ހޯދަން މީހަކު ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.
އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ މެންބަރު އިބްރާހީމް ނަސީރުއާއެކު ވިޔަފާރި ކުރިކަމަށް ބުނާ މީހެކެވެ.
އޭނާ 'ސަން' އަށް ބުނީ, މެންބަރު އިބްރާހީމް ނަސީރާއެކު ހިކިމަހާއި ލޮނުމަސް އެކްސްޕޯޓް ކުރުމުގެ މަސައްކަތުގެ ތެރެއިން އޭނާއަށް ލިބެންވާ 17,800 އެމެރިކާ ޑޮލަރު (274,476 ރުފިޔާ) މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ.
އެ ފައިސާ އޭނާއަށް ދޭންވާ ފަރާތުން އިބްރާހީމް ނަސީރުގެ އެކައުންޓަށް ޖަމާކޮށް އޭނާ ބޭނުންކުރުމުގެ ހުއްދަ ދިން ނަމަވެސް, ދައުވާ އުފިލި މީހާ ބުނާ ތާރީޚެއްގައި އެ ފައިސާ އޭނާއަށް ދިނުމަށް އަނގަބަހުން އެއްބަސްވެފައިވާ ކަމަށް ވަނީ ބުނެފައެވެ.
ނަމަވެސް މެންބަރު އިބްރާހީމް ނަސީރާ އަނގަބަހުން އެއްބަސްވި ގޮތަށް އެ ފައިސާ ދައުވާ އުފުލި މީހާއަށް ލިބިފައި ނުވާކަމަށް އޭނާ ވަނީ ބުނެފައެވެ.
އެހެން ކަމުން ސިވިލް ކޯޓަށް އޭނާ މައްސަލަ ހުށަހެޅީ އިބްރާހީމް ނަސީރު އަތުން އެ ފައިސާ ނަގައިދިނުމަށް އެދިއެވެ.
އެކަމާ ގުޅިގެން މެންބަރު އިބްރާހީމް ނަސީރުގެ ބަހެއް ހޯދުމަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
ސާބިތު ދަރަންޏެއް އޮވެ, ޙުކުމާ އެއްގޮތަށް ދަރަނި ނުދައްކާ ނަމަ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ގާނޫނު އަސާސީގެ 73 ވަނަ މާއްދާގައި ވަނީ ބުނެފައެވެ. އެކަމަށް ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުންނެވެ.