ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ މައްސަލަ މިހާރަށްވުރެ ސީރިއަސްކޮށް ބެލުމަށް ސިޔާމް ގޮވާލައްވައިފި

އެމްޑީއޭގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ މައްސަލަތައް މިހާރަށް ވުރެ ހަރުދަނާކޮށް ބަލައި، ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް އެމްޑީއޭގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު ގޮވާލައްވައިފިއެވެ.

މިއަދު ފާހަގަކުރާ ރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި، ސިޔާމް ނެރުއްވި ޚިތާބުގައި ވަނީ ރާއްޖޭގެ ހުރިހާ ކުޑަކުދިންނާއި ބެލެނިވެރިންނަށް ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ފޮނުއްވައިފައެވެ.

ކޮންމެ މުޖްތަމަޢެއްގައިވެސް ކުޑަކުދިންނަކީ ނުހަނު މުހިންމު ބައެއް ކަން ފާހަގަކުރައްވައި ސިޔާމް ވިދާޅުވީ ކުޑަކުދިން ރައްކާތެރިކަމާއެކު ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަކީ މުސްތަގުބަލަށްޓަކައި ނުހަނު ބޮޑު އަހައްމިއްޔަތު ކަމެއް ދޭން ޖެހޭ ކަމެއް ކަމަށެވެ. މި މަސައްކަތްތައް ބިނާވެފައި އޮންނާން ވާނީ، ދީނި އަދި ގައުމީ ސިފަތަކުގެ މައްޗަށް ކަމަށް ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވަނީ ރާއްޖޭގައި ކުޑަކުދިންނަށް ކުރާ ޖިސްމާނީ އަދި ނަަފްސާނީ އަނިޔާތައް އިތުރުވަމުން އަންނާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

"ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް މިހާރަށްވުރެ ސީރިއަސް ގޮތެއްގައި ބަލައި، އެފަދަ ހަޑި މުޑުދާރު ކުށްތައް ކުރަމުން ގެންދާ ފަރާތްތަކަށް ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް އަޅުގަނޑު ގޮވާލަން،" ސިޔާމް ވިދާޅުވިއެވެ.

ހަމައެހެންމެކުޑަކުދިން ރައްކާތެރި ކުރުމަށް އެޅިފައިހުރި ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމަކީ ވެސް ކުރަން ޖެހިފައިވާ މުހިންމު މަސައްކަތެއްގެ ގޮތުގައި ސިޔާމް ސިފަ ކުރެއްވިއެވެ.

"އަޅުގަނޑުގެ އިޚްލާސްތެރި އިލްތިމާސަކީ، އަޅުގަނޑުމެންގެ ދެ ލޮލުގެ ނޫރު ފަދަ ކުޑަކުދިން ރައްކާތެރިކަމާއެކު ބަލަހައްޓައި، ހަރުދަނާ ތަރުބިއްޔަތުގެ މަތީގައި ބޮޑުކުރުމަށް ހުރިހާ ފަރުދުން ގުޅިގެން މަސައްކަތް ކުރުން،" ސިޔާމް ވިދާޅުވިއެވެ.

ރާއްޖޭގައި ކޮންމެ އަހަރަކު ވެސް ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ މެއި މަހުގެ 10 ވަނަ ދުވަހެވެ.

comment ކޮމެންޓް