ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޓޭޑް ޓީޓީ ޗެމްޕިއަންޝިޕްގެ ކެޑޭޓްގެ ޑަބަލްސްގެ ފަހު މެޗުގައި ރާއްޖެ އިންޑިއާ އަތުން ބަލިވި ނަމަވެސް، ތަފާތު މޮޅު ކުޅުމެއްދައްކައިފިއެވެ.
ފުރަތަމަ މެޗުގައި ރާއްޖެ ވަނީ ނޭޕާލް އަތުން ސީދާ ތިން ސެޓުން މޮޅުވެފައެވެ. ސެޓުތައް ރާއްޖެއިން ގެންދިޔައީ 11-2، 11-5 އަދި 11-9 އިންނެވެ.
ރާއްޖެ މިބައިގެ ސެމީ ފައިނަލަށް ދަތުރުކޮށްފައިވަނީ ދެ ވަނަ ޓީމުގެ ގޮތުގައެވެ. އިންޑިއާ ސެމީއަަށް ދިޔައީ އެއް ވަނަ ޓީމުގެ ގޮތުގައެވެ. އަނެއް ގްރޫޕްގައި ހިމެނެނީ ސްރީ ލަންކާއާއި ޕާކިސްތާނު އަދި ބަންގްލަދޭޝްްއެވެ. ރާއްޖެ ވާދަކުރަން ޖެހޭނީ މި ގްރޫޕްގެ ދެ ވަނަ ހޯދާ ޓީމަކާއެވެ.
މެޗުގެ ފުރަތަމަ ސެޓުގެ ކުޅުން ފަށައިގެން ދާދި އެއްވަރުކޮށް ކުޅެމުން ގޮސް އިންޑިއާއިން ވަނީ 9-6އިން ލީޑު ނަގާފައެވެ. އޭގެ ފަހުން ރާއްޖެއިން ވަނީ ނަތީޖާ 9-9އިން ހަމަކޮށްފައެވެ. އޭގެ ފަހުން އިންޑިއާއިން ވަނީ ދެ ޕޮއިންޓު ހޯދައި 11-9އިން ސެޓު ކާމިޔާބުކޮށްފައެވެ.
ދެ ވަނަ ސެޓު ފަށައިގެން ރާއްޖެއިން ވަނީ 4-2އިން ލީޑު ނަގާފައެވެ. އަދި ފާތިމަތު ދީމާ އަލީ އާއި މިޝްކާ މުހައްމަދު އިބްރާހީމްގެ ތަަފާތު މޮޅު ކުޅުމާއެކު ރާއްޖެއިން ވަނީ 7-4 އަށް ލީޑުފުޅާކޮށްފައެވެ. ނަމަވެސް މަޑުމަޑުން ކުޅުން ރަނގަޅުކޮށް އިންޑިއާއިން ވަނީ 6-7އަށް ލީޑު ކުޑަކޮށްފައެވެ. ރާއްޖެއިން ނެގި ޓައިމް އައުޓަށްފަހު ރާއްޖެއިންވަނީ ތިން ޕޮއިންޓު ހޯދާފައެވެ. އެއާއެކު ނަތީޖާ ވަނީ 10-6އަށް ބަދަލުވެފައެވެ. ނަމަވެސް އެއް ޕޮއިންޓު ހޯދައި 11-6 އިން ރާއްޖެ ވަނީ ދެ ވަނަ ސެޓުހޯދާފައެވެ.
ތިން ވަނަ ސެޓު ފަށައިގެން އިންޑިއާ ވަނީ 2-0 އިން ލީޑު ނަގާފައެވެ. އޭގެ ފަހުން އިންޑިއާއިން 3-1އަށް ލީޑު ނެގި ނަމަވެސް، ރާއްޖެއިން ވަނީ 3-3އިން ނަތީޖާ ހަމަހަމަކޮށްފައެވެ. ނަމަވެސް އިންޑިއާއިން ވަނީ 6-4އަށް ލީޑު ފުޅާކޮށްފައެވެ. އިތުރު ދެ ޕޮއިންޓު ހޯދައި އިންޑިއާއިން ލީޑު ފުޅާ ކުރީ 8-4އަކުންނެވެ. ބޮޑު ލީޑަކާއެކު އޮވެ އިންޑިއާއިން މި ސެޓު ހޯދީ 11-5 އިންނެވެ.
ހަތަރު ވަނަ ސެޓުގެ ފުރަތަމަ ދެ ޕޮއިންޓު ހޯދީ އިންޑިއާއިންނެވެ. ނަމަވެސް ރާއްޖެއިން ވަނީ 2-2އިން ނަތީޖާ ހަމަހަމަކޮށްފައެވެ. އިތުރު ޕޮއިންޓެއް ހޯދައި 3-2އިން ރާއްޖެ ލީޑު ނެގިއެވެ. އެ ފަހުން ރާއްޖެއިން ވަނީ 5-2އަށް ލީޑު ފުޅާކޮށްފައެވެ. އިންޑިއާއިން 4-5އަށް ކައިރި ކުރިއެވެ. ރާއްޖެއިން ރަނގަޅުކުޅުމެއް ދައްކައި 7-5އަށް ލީޑު ނެގިއެވެ. ރަނގަޅު ކުޅުމެއް ދައްކައި ރާއްޖެއިން ވަނީ 10-6 އަށް ލީޑު ނަގާފައެވެ. ރާއްޖެ މި ސެޓު ހޯދީ އިންޑިއާ އަށް ރަނގަޅު ފައިޓެއްދީ 11-6 އިންނެވެ.
ފަސް ވަނަ ސެޓުގެ ފުރަތަމަ ޕޮއިންޓު ހޯދީ އިންޑީއާއެވެ. ވަރަށް ވާދަވެރިކޮށް ގޮސް އިންޑިއާއިން ސެޓު ހޯދީ 11-9 އިންނެވެ. މި ސެޓުގައި ރާއްޖޭގެ ދީމާ އާއި މިޝްކާގެ ފަރާތުން ފެނުނީ ތަފާތު މޮޅުކުޅުމެކެވެ.