ވިސާނެތި 30 ދުވަހަށް ކަޒަކްސްތާނަށް ދެވޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ އޮފް ސްޓޭޓް ފާ ފޮރިން އެފެއާޒް އަޙްމަދު ޚަލީލްއެވެ. ކަޒަކްސްތާނުގެ ފަރާތުން ސޮއިކުރެއްވީ ކަޒަކްސްތާނުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ނޫރްލާން ޝަލްގަސްބަޔޭވްއެވެ.

ވިސާނެތި ކަޒަކްސްތާނަށް ދެވޭ އެއްބަސްވުމެއްގައި ސޮއިކުރުން -- ފޮޓޯ/ ފޮރިން މިނިސްޓްރީ
'އެގްރިމެންޓް އޮން މިއުޗުއަލް އެގްޒެމްޝަން އޮފް ވިސާ ރިކުއަޔާމަންޓްސް" ނަމަކަށް ކިޔާ މި އެއްބަސްވުމުގެ ދަށުން، ކަޒްކްސްތާނު ރައްޔިތުންނަށް ވެސް ވިސާ ނެތި 30 ދުވަހަށް ރާއްޖެ އާދެވޭނެއެވެ.
މި އެސްބަސްވުމުގެ ދަށުން، ޓްރާންސިޓް ކުރުމުގައި ވެސް ވިސާ ނަގާކަށް ނުޖެހޭނެއެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރ ޚަލީލް ވިދާޅުވީ، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކަޒަކްސްތާނުގެ ސަރުކާރުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާކަމަށެވެ.
މީގެ އިތުރުން، މި އެގްރިމެންޓްއާއެކު، ދެ ޤައުމުގެ ރައްޔިތުން އެއް ޤައުމުން އަނެއް ޤައުމަށް ދަތުރުކޮށް، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ޚަލީލް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙުގެ ސަރުކާރު އައި ފަހުން ތައިލެންޑް، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ރަޝިޔާ، މޮރޮކޯ އަދި ޗައިނާއަށް ވިސާ އާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.