އިންތިއާއި ފައްޔާޒުގެ ބަހުސެއް ސަންގު ޓީވީން ވެސް ބާއްވަނީ

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) --

ވެރިކަންކުރާ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢިލާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ(އިންތި)ގެ ބަހުސެއް، ސަންގު ޓީވީން ވެސް ބާއްވަން ނިންމައިފިއެވެ.

ސަންގު ޓީވީގެ އެމްޑީ އިބްރާހީމް ވަހީދު (އަސްވާޑް) ވިދާޅުވީ އެ ބަހުސް ބާއްވާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 9:00ގައި ކަމަށެވެ.

މީގެ ކުރިން ރާއްޖެ ޓީވީން ވެސް ވަނީ އެމްޑީޕީ ޗެއާޕަސަން އިންތިޚާބާ ގުޅިގެން ބާއްވާ ބަހުސެއްގައި ބައިވެރިވާން އިންތިއާއި ފައްޔާޒު އެއްބަސްވެވަޑައިގެންފައިވާ ކަމަށް ބުނެފައެވެ. އެ ބަހުސް އޮންނާނީ ބުދަ ދުވަހުގެ ރޭ 10:30ގައެވެ.

އެމްޑީޕީއަށް ފަސް އަހަރުގެ ދައުރަކަށް ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބު އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ.

އެ އިންތިޚާބުގެ ފޯރި ގަދަވެފައިވާއިރު، ދެ ކެންޑިޑޭޓުންގެ މެދުގައި ބަހުގެ ހަމަލާތައް އަންނަނީ ބަދަލުކުރަމުންނެވެ.

ގިނަ ބަޔަކު ދެކޭ ގޮތުގައި އެ އިންތިޚާބަކީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކުރިމަތިލުމެކެވެ.

ފައްޔާޒުގެ ފަހަތުގައި ރައީސް ޞާލިޙުގެ ސިޔާސަތުތަކަށް ތާއީދުކުރާ އެމްޑީޕީ މަޖިލިސް މެންބަރުންނާއި އާންމު މެންބަރުން ތިބިއިރު އިންތިގެ ފަހަތުގައި ތިބީ ރައީސް ނަޝީދުގެ ސިޔާސަތުތަކަށް ތާއީދުކުރައްވާ މެންބަރުންނެވެ.

comment ކޮމެންޓް