މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މޫސުމާބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ.
މިއަދު 9:15އިން ފަށައިގެން 14:00އަށް މި ޔެލޯ އެލާޓް ނެރެފައިވަނީ ލ. އަތޮޅުން ފަށައިގެން އައްޑޫ ސިޓީއާ ހަމައަށެވެ.
މޫސުމާބެހޭ ގައުމީ އިދާރާ (މެޓް)އިން ބުނީ މި ގަޑިތަކުގައި އެ ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މެޓް އޮފީހުން ބުނީ މީގެ އިތުރުން ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ގަޑިއަކު 19 މޭލާ 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހި އަދި ކަނޑުތައް، ގަދަވާނެ ކަމަށް ލަފާކޮށް، މެޓް އޮފީހުން ވަނީ މިއަދު 8:00އިން ފަށައިގެން 14:00އަށް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވައިޓް އެލާޓް ވެސް ނެރެފައެވެ.