ރައީސް ނަޝީދަށް ދިން ހަމަލާއަށް ފަންޑު ކުރިތޯ ބަލަން ތަހުގީގުކުރީ ރަނގަޅަށް: އައްބާސް

އައްބާސް ފާއިޒު ރައީސް ޞާލިޙާ ބައްދަލުކުރައްވަނީ--- ފޮޓޯ/ ރައީސް އޮފީސް

ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއަށް ފަންޑު ކުރިތޯ ބަލަން ތަހުގީގު ހިންގާފައިވަނީ އެންމެ ރަނގަޅަށް ކަމަށް އެ ހަމަލާގެ ކަންކަން ބެލުމަށް ސަރުކާރުން އައްޔަންކުރި އައްބާސް ފާއިޒް ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށް އިއްޔެ އެއްއަހަރު ފުރުމާގުޅިގެން އައްބާސް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އެ ހަމަލާދނުމިގައި ބައިވެރިވި މީހުންނާއި ފަންޑުކުރި ގޮތް ބެލުމަށް ފުލުހުން ތަހުގީގު ހިންގާފައިވަނީ އެކަހަލަ މައްސަލަތައް ތަަހުގީގުކުރުމުގައި އަމަލުކުރާ "ބެސްޓް ޕްރެކްޓިސް"އާ އެއްގޮތަށް ކަމަށެވެ.

މީގެ އިތުރުން އައްބާސް ވިދާޅުވީ އެ ހަމަލާއަށް ފަންޑުކުރި މީހުން ހޯދުމަށް އެ ތަހުގީގު އިތުރަށް ފުޅާކުރަންޖެހޭކަމަށެވެ. އަދި އެ ހަމަލާއަށް ފަންޑުކުރި މީހުން މިއަދާހަމައަށް ވެސް ހޯދިފައި ނުވުމަކީ ހިތާމައެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ ބަޔާނުގައި އައްބާސް ވަނީ އެ މައްސަލައިގެ ޝަރީއަތް ލަސްވަމުންދާތީ އެކަމުގެ ކަންބޮޑުވުން ހިއްސާކޮށްފައެވެ. އެ މައްސަލަ އެގޮތަށް ލަސްވަމުން ދިއުމަކީ އެފަދަ މައްސަލަތަކުގައި ރައްޔިތުން ތަހުގީގީ އިދާރާތަކާއި ޝަރުއީ ނިޒާމަށް އޮންނަ އިތުބާރު ގެއްލިދާނެ ކަމެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ މައްސަލައިގެ ތަހުގީގު ހިނގާގޮތް ވަރަށް ކައިރިން ޕްރޮސިކުއުޓާ ޖެނެރަލް ބަލާކަމަށް ވެސް އައްބާސް ވިދާޅުވިއެވެ. އެ މައްސލައަށް ޕީޖީގެ ފަރާތުން ލިބެންޖެހޭ ހުރިހާ އެހީތެރިކަމެއް ލިބޭކަމަށާއި، ކުށް ސާބިތުކުރެވޭވަރަށް ހެކި ލިބިފައިވޭތޯ ޤަވައިދުން ބަލާކަމަށް ވެސް އޭނާ ވިދާޅުވިއެވެ

comment ކޮމެންޓް