ރަޝިޔާ-ޔޫކްރޭން ހަނގުރާމައިން ރާއްޖޭގެ ފަތުރުވެރިކަމުގެ ބޮޑު ބަޔަކަށް އަސަރުކުރި

ފަތުރުވެރިން ރާއްޖެ އައުން -- ސަން ފައިލް ފޮޓޯ

ރަޝިޔާ-ޔޫކްރޭން ހަނގުރާމައިގެ ނޭދެވޭ އަސަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ބޮޑު ބަޔަކަށް ކުރި ކަމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ)އިން ހެދި ސާވޭއަކުން ދައްކައިފިއެވެ.

މި އަހަރުގެ މާޗް 24އިން ފެށިގެން މިދިޔަ މަހުގެ 12 ވަަނަ ދުވަހުގެ ނިޔަލަށް އެމްއެމްއޭއިން ކުރިއަށް ގެންދިޔަ އެ ސާވޭގައި ބައިވެރިކޮށްފައި ވަނީ ރާއްޖޭގައި ހިންގާ ތަފާތު ވިޔަފާރީތަކުގައި އިސްކޮށް ހަރަކާތްތެރިވާ މީހުންނެވެ.

އެ ސާވޭގެ ނަތީޖާ ދައްކާ ގޮތުން، މި އަހަރުގެ ފަތުރުވެރިކަމުގެ ދާއިރާގެ 20 ޕަސެންޓް ބުކިންއަކީ ރަޝިޔާ މީހުންނަށް ވާނެ ކަމަށް ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ މީހުން ވަނީ ލަފާކޮށްފައެވެ.

ނަމަވެސް ރަޝިޔާ-ޔޫކްރޭންގެ ހަނގުރާމައިގެ ސަބަބުން، މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ 72 ޕަސެންޓް ބުކިންއަށް އޭގެ ނޭދެވޭ އަސަރު ކޮށްފައިވާކަމަށް ސާވޭއިން ދައްކައެވެ.

މި ސާވޭގައި ބައިވެރިވި މީހުންގެ 34 ޕަސެންޓް ބުނެފައި ވަނީ، ހަނގުރާމައިގެ ސަބަބުން، ފަތުރުވެރިކަމުގެ އާމްދަނީ، އަންދާޒާ ކުރިވަރަށް ވުރެ 10 ޕަސެންޓް މަދު ކަމަށެވެ. އަދި އަންދާޒާގެ 10 ޕަސެންޓާ 25 ޕަސެންޓާ ދެމެދުގެ އަދަދެއް މަދުވިކަމަށްވެސް އަނެއް 34 ޕަސެންޓް މީހުން ބުނެފައިވެއެވެ.

ރަޝިޔާ-ޔޫކްރޭން ހަނގުރާމައިގެ ސަބަބުން، އަންދާޒާ ކުރިވަރަށް ވުރެ 25 ޕަސެންޓް މީހުން މަދުވި ކަމަށް ސާވޭގެ 42 ޕަސެންޓް ބައިވެރިން ބުންޏެވެ.

ރާއްޖެއަށް ރަޝިޔާ ހާއްސަވާ އެންމެ ބޮޑު އެއް ސަބަބަކީ އެ ގައުމަކީ ވަރަށް ފަހަކާ ޖެހެންދެން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމު ކަމަށްވާތީއެވެ. ނަމަވެސް ޔޫކްރޭން ހަނގުރާމަ ފެށުނު ފަހުން ރަޝިއާގެ މާކެޓު ވަނީ، ރާއްޖޭއަށް އެންމެ ގިނައިން ޒިޔާރަތް ކުރާ ގައުމުތަކުގެ ލިސްޓުގެ ތިން ވަނައަށް ވެއްޓިފައެވެ.

ޓޫރިޒަމް މިނިސްޓްރީން މިދިޔަ ހަފްތާގައި އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރު ރާއްޖެއަށް އައިސްފައި ވަނީ ރަޝިއާގެ 56،162 ފަތުރުވެރިންނެވެ. އަދި މިހާރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ އިނގިރޭސިވިލާތާއި އިންޑިއާއިންނެވެ.

comment ކޮމެންޓް