ނޫސްވެރިކަމަށް ފުރިހަމަ މިނިވަންކަން ހޯދައިދެވިއްޖެ: ރައީސް

ރައީސް ސޯލިހު ނޫސްވެރިންނާ ބައްދަލުކުރެއްވުމުގެ ތެރެއިން-- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގައި ނޫސްވެރިކަން، ވަރަށް ހަރުކަށި ހިފެހެއްޓުންތަކެއްގެ ތެރޭގައި ވަނިކޮށް، ރާއްޖޭގެ ނޫސްވެރިކަމަށް ފުރިހަމަ މިނިވަންކަން ހޯދައިދެވިއްޖެ ކަމަށާއި އެކަމާ އުފާކުރައްވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު މިއަދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި މިއަދު ފާހަގަކުރާ، މި އަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބުގައި ރައީސް ވިދާޅުވީ ރާއްޖެއަކީ އޭޝިއާ ސަރަހައްދުގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު މިހާރު އެންމެ ފުރިހަމައަށް ލިބިދީފައިވާ، އަދި އެ ހައްގުގެ ބޭނުން އެންމެ ފުރިހަމައަށް ހިފާ މަދު ގައުމުތަކުގެ ތެރެއިން އެއް ގައުމު ކަމަށެވެ.

ރައީސް ވިދާޅުވީ ދިވެހި ނޫސްވެރިކަމަށް ފުރިހަމަ މިނިވަންކަން ދިނުމުގެ ނަތީޖާއާ މެދު ވަރަށް ހިތްހަމަޖެހި، އުފާ ކުރައްވާ ކަމަށެވެ. އަދި ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް އެކަން ކުރައްވާނެ ކަމުގެ ޔަގީން ކަން ވެސް ރައީސް ދެއްވެވިއެވެ.

"ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ހިމާޔަތްކޮށްދިނުމަށް ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް، ހަބަރާއި މަޢުލޫމާތު ފެތުރުމުގެ ފުރިހަމަ މިނިވަންކަމާއި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު، ކުރިމަގުގައި ވެސް ދިވެހި ނޫސްވެރިންނަށާއި ދިވެހި ރައްޔިތުންނަށް ފުރިހަމައަށް ލިބިދޭނެކަން މި ފުރުސަތުގައި ޔަގީންކޮށްއަރުން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިނިވަން ނޫސްވެރިކަމަށް ފުރުޞަތު ދިނުމަކީ، ސަރުކާރު ޒިންމާދާރު ކުރުވައި، ޑިމޮކްރެސީ ހަރުދަނާ ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި ކޮރަޕްޝަނާއި ހިޔާނާތް ނައްތާލުމަށް ޓަކައި ވެސް މިއީ މުހިންމު ކަމެއް ކަމަށެވެ. އަދި ފަހިވެފައިވާ މިނިވަން މާހައުލުގެ ސަބަބުން ފެނިގެންދަނީ ޒިންމާދާރު ނޫސްވެރިކަމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި ހުރި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ކަންކަން، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ތެރެއިން ރައްޔިތުންނާ ހަމައަށް ތިލަކުރުމަކީ، ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ތަންފީޒުކުރުމަށްވެސް ލިބޭ ނުހަނު ބޮޑު ބާރެއް." ރައީސް ވިދާޅުވިއެވެ.

ހަމައެހެންމެ ކުރިއަރައިފައިވާ ޑިމޮކްރެސީތަކުގައި ގާއިމުވެފައިވާ ފަދަ، ޒިންމާދާރު ނޫސްވެރިކަމެއް ގާއިމު ކުރެވޭނީ ވެސް، ނޫސްވެރިކަން ހިފެހެއްޓުމުގެ ބަދަލުގައި، ނޫސްވެރިންނަށް ފުރިހަމަ މިނިވަންކަން ދިނުމުންކަން، މިދިޔަ ތިން އަހަރުގެ ތަޖުރިބާއިން ހާމަވެގެން ގޮސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ކޮންމެ ނޫސްވެރިއެއްގެ ކޮނޑުގައި ވެސް ހަގީގަތާއި ތެދު މަޢުލޫމާތު ހާމަކުރުމާއި، އަނެކުންގެ އަބުރު ރައްކާތެރިކުރުމުގެ ހައްގު ޙިމާޔަތްކޮށްދިނުމުމުގެ މަތިވެތި ގައުމީ މަސްއޫލިއްޔަތު އެޅިފައިވާ ކަން ނޫސްވެރިންނަށް ހަނދާންކޮށްދެއްވަވައިފައެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ ތިން ވަނަ ދުވަހެވެ. މީގެ 29 އަހަރު ކުރިން 1993 ވަނަ އަހަރުން ފެށިގެން ފާހަގަކުރަމުން އަންނަ މި ދުވަހުގެ، މި އަހަރުގެ ޝިއާރަކީ "ޖާނަލިޒަމް އަންޑަ ޑިޖިޓަލް ސީޖް" އެވެ.

comment ކޮމެންޓް