ޓެލްއަވީވު (މޭ 03) : ޖަރުމަނުގެ ކުރީގެ ޒައީމު އެޑޮލްފް ހިޓްލަރުގެ އަސްލަކީ ޔަހޫދީ ދަރިކޮޅު ކަމަށް ރަޝިއާގެ ޚާރިޖީ ވަޒީރު ސާގީ ލާވްރޯވް ސިފަކުރެއްވުމުން އިސްރާއީލުގެ ބޮޑުވަޒީރު ނެފްތާލީ ބެނެޓް ވަރަށް ބޮޑަށް ރުޅިގަދަވެއްޖެއެވެ.
ބެނެޓް ވިދާޅުވިގޮތުގައި ރަޝިއާގެ ޚާރިޖީ ވަޒީރުގެ ވާހަކަފުޅަކީ ވަރަށް ނުރައްކާތެރި އަދި މުޅިން ދޮގު ވާހަކަ ތަކެކެވެ. ނަމަވެސް ހިޓްލަރަކީ ޔަހޫދީ ދަރިކޮޅަށް ނިސްބަތްވާ މީހެއް ނޫންކަން ހާމަކުރުމަށް ތާރީޚީ އެއްވެސް ހަގީގަތެއް ދެއްކުމުގައި ބެނެޓް ވަނީ ނާކާމިޔާބު ވެފައެވެ. ލާވްރޯވް އަށް ރައްދު ދެއްވަން ބެނެޓް އަށް ދެއްކުނު ހަމައެކަނި ހުއްޖަތަކީ ހިޓްލަރަކީ ޔަހޫދީންނާ ދެކޮޅަށް ބޮޑެތި ޖަރީމާތަކެއް ހިންގެވި ޑިކްޓޭޓަރެއް ކަމަށާ އެފަދަ މީހަކު ޔަހޫދީ ދަރިކޮޅަށް ނިސްބަތް ނުވާނެކަމަށް ވިދާޅުވުމެވެ.
ހިޓްލަރުގެ އަސްލަކީ ޔަހޫދީ ދަރިކޮޅުކަމަށް ރަޝިއާގެ ޚާރިޖީ ވަޒީރު ވިދާޅުވުމުން އިސްރާއީލުގެ ޚާރިޖީ ވުޒާރާއިން ވަނީ ޓެލްއަވީވުގައި ހުންނަވާ ރަޝިއާގެ ސަފީރު އިސްރާއީލުގެ ޚާރިޖީ ވުޒާރާއަށް ހާޒިރުކޮށް އެކަމާ އިހްތިޖާޖުކުރާ ލިޔުމެއް އޭނާއާ ހަވާލުކޮށްފައެވެ. މި މައްސަލާގައި އިސްރާއީލުގެ ޚާރިޖީ ވަޒީރު ވެސް ވަނީ ރަޝިއާގެ ޚާރިޖީ ވަޒީރަށް ބަހުގެ ހަމަލާތައް ދެއްވާފައެވެ.
ހިޓްލަރުގެ އަސްލަކީ ޔަހޫދީ ދަރިކޮޅު ކަމަށް ރަޝިއާގެ ޚާރިޖީ ވަޒީރު ވިދާޅުވީ ޔުކްރޭންގެ ރައީސް ވްލަޑިމީރު ޒެލެންސްކީ އަކީވެސް ޔަހޫދީ އެއްކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅެއްގެ ތެރެއިންނެވެ. ލާވްރޯވް ވިދާޅުވިގޮތުގައި ހިޓްލަރުގެ ނާޒީ ފިކުރު ޔުކްރޭންގައި ބާރަށް ފެތުރެމުން ދަނީ އަދި ނިއު ނާޒީން ޔުކްރޭންގައި ބާރުގަދަ ކުރަމުން ދަނީ ޔަހޫދީ ދަރިކޮޅުގެ ބޭފުޅެއް ކަމަށްވާ ޒެލެންސްކީގެ ވެރިކަމުގައެވެ.
އޭނާ މިހެން ވިދާޅުވީ ޔަހޫދީ ދަރިކޮޅުގެ ޒެލެންސްކީ ޔުކްރޭންގައި ވެރިކަން ކުރައްވާއިރު ޔުކްރޭންގައި ހިޓްލަރުގެ ނާޒީ ފިކުރު ނުފެތުރޭނެކަމަށް ޒެލެންސްކީ ގެ ސަޕޯޓަރުން ދައްކަމުން ގެންދާ ވާހަކަތަކާ ގުޅިގެންނެވެ. ރަޝިއާ ބުނާގޮތުން ޔުކްރޭނަށް ހަމަލާދޭން ޖެހުނު އެއް ސަބަބަކީވެސް ޔުކްރޭންގައި ދިރިއުޅޭ ރަޝިއާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް އެ ގައުމުގެ ނާޒީ ފިކުރުގެ ހަރުކަށި މީހުން ދެމުންގެންދާ ހަމަލާތައް ހުއްޓުވުމުގައި ޔުކްރޭން ސަރުކާރު ފެއިލް ވުމުންނެވެ.
ޔުކްރޭންގެ ނާޒީ ފިކުރުގެ ޖަމާއަތްތަކުން އެ ގައުމުގެ ރަޝިއާ ދަރިކޮޅުގެ މީހުންނަށް ގޯނާކޮށް އެ މީހުންނާ ދެކޮޅަށް މީހުން މެރުމާ މުދާތައް ހަލާކުރުމުގެ ޖަރީމާތައް ހިންގަމުން ގެންދާ ކަމަށް ރަޝިއާ ވަރަށް ކުރީއްސުރެ ތުހުމަތު ކުރެއެވެ. ނަމަވެސް ޔުކްރޭނުން މިކަމަށް އަޅާލާފައެއް ނުވެއެވެ. މިކަމަށް އިޝާރާތް ކުރައްވައި ރަޝިއާގެ ޚާރިޖީ ވަޒީރު ވިދާޅުވީ ޔަހޫދީންނާ ދެކޮޅަށް އަނިޔާވެރި އަމަލުތައް ހިންގި ހިޓްލަރަކީވެސް ޔަހޫދީ ދަރިކޮޅުގެ މީހެއްކަން ތާރީޚު ހެކިދޭކަމުގައެވެ.
ހިޓްލަރަކީ ޔަހޫދީ ދަރިކޮޅުގެ މީހެއް ނޫންކަން އިސްރާއީލުގެ ބޮޑުވަޒީރު ނެފްތާލީ ބެނެޓް އަށް ސާބިތުކޮށް ދެވިފައެއް ނުވެއެވެ. އިސްރާއީލަކީ ހިޓްލަރުގެ ޒައާމަތުގައި ޔަހޫދީންނާ ދެކޮޅަށް ހިންގި ކަމަށްބުނާ ހޮލޮކޯސްޓް (ގޭސް ޗެމްބަރުތަކަށް ލައިގެން ޔަހޫދީން މެރުން)ގެ ބޭނުން ސިޔާސީ ގޮތުން ވަރަށް ބޮޑަށް ހިފަމުން ގެންދާ އިސްތިއުމާރީ ބާރެކެވެ.
އިސްރާއީލުގެ ވެރިން ދެކޭގޮތުގައި ހިޓްލަރު ޔަހޫދީންނާ ދެކޮޅަށް ހޮލޮކޯސްޓް ހިންގުމުން ޔަހޫދީންގެ ރައްކާތެރި ކަމަށް ބުނެ ކޮންމެފަދަ ޖަރީމާއެއް ހިންގުމުގެ ހައްގުވެސް އިސްރާއީލަށް އޮންނާނެއެވެ. އިސްރާއީލުން ފަލަސްތީނަށް ވެރިވެގަނެ ފަލަސްތީނު ރައްޔިތުން މަރައި އެ މީހުންގެ މުދަލާއި ގެދޮރަށް ވެރިވެގަނެ އަރަބި ގައުމުތަކަށް ބޮންއަޅައި އާންމުން މެރުމުގެ ޖަރީމާތައް ހިންގިޔަސް އެކަން ކުރަނީ އިސްރާއީލު ޔަހޫދީންގެ ސަލާމަތަށްޓަކައި ކަމަށް ބުނެ އެކަންކަމާމެދު ދުނިޔެ ޗުއްޕުވެސް ބުނެގެން ނުވާނެ ކަމަށް އިސްރާއީލުގެ ވެރިން ދެކެއެވެ.
އިސްރާއީލު ވަނީ ހޮލޮކޯސްޓްގެ ބަދަލެއްގެ ގޮތުގައި ޖަރުމަނަށް ބިރުދައްކައިގެން އެތައް ސަތޭކަ ބިލިޔަން ޑޮލަރެއްވެސް ޖަރުމަނު އަތުން އަތުލާފައެވެ. ނަމަވެސް އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކުގެ ބަދަލުހޯދުމުގެ ހައްގު ފަލަސްތީނަށް އޮންނާނެކަމަށް އިސްރާއީލު ގަބޫލެއް ނުކުރެއެވެ.
އެޑޮލްފް ހިޓްލަރުގެ އަސްލަކީ ޔަހޫދީ ދަރިކޮޅު ކަމަށް ރަޝިއާގެ ޚާރިޖީ ވަޒީރު ވިދާޅުވި ވާހަކަތައް ރަޝިއާގެ ޚާރިޖީ ވުޒާރާގެ ވެބްސައިޓްގައި ވެސް ވަނީ ޝާއިއުކޮށްފައެވެ. ޔުކްރޭން ހަނގުރާމައާ ގުޅިގެން ރަޝިއާއާއި އިސްރާއީލުގެ ގުޅުންތައް ދަނީ ގޯސްވަމުންނެވެ. ގުޅުންތައް ގޯސްވަނީ ޔުކްރޭން ހަނގުރާމައިގާ އިސްރާއީލުން ޔުކްރޭން ކޮޅަށާ އަދި ޔުކްރޭނުގެ ފަހަތުގައިވާ އެމެރިކާ ކޮޅަށް އިސްރާއީލު ޖެހިފައިވާތީއެވެ.