މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއަށް ވުރެ، ޕާޓީ "ހިންގާލަން" މާ މޮޅުވާނެ ކަމަށް، އެ ޕާޓީގެ ޗެއާޕާސަން އިންތިހާބުގެ ވާދަވެރިޔާ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް މިއަދު ރ. ވާދޫއަށް ވަޑައިގެން ޕާޓީގެ މެންބަރުންނާ ބައްދަލުކުރައްވައި، ފައްޔާޒް ވިދާޅުވީ އެ ޕާޓީގެ ފަލްސަފާ ރާއްޖޭގައި އިތުރަށް ދިރުވައި، ހިފަހައްޓަން ޖެހޭ ކަމަށެވެ.
ފައްޔާޒް ވިދާޅުވީ އެ ކަން ކުރެވެން އޮތީ އެމްޑީޕީގެ ސަރުކާރާއި ޕާޓީ އެކުވެ މަސައްކަތް ކޮށް، ސަރުކާރު ދަމަހައްޓައިގެން ކަމަށެވެ.
"އެ ކަން ހާސިލް ކުރުމަށް ޓަކައި އަޅުގަނޑުމެން އެބަ ޖެހޭ ސަރުކާރު ދަމަހައްޓަން، އަދި 2023 ވެސް ކާމިޔާބު ކުރަން، 2023 ކާމިޔާބު ކުރަން ބޭނުންވާ ކަމަށް ވަންޏާ އަޅުގަނޑުމެން އެބަ ޖެހޭ ޕާޓީ ހިންގަން،" ފައްޔާޒް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ބޮޑެތި ގޮން ޖެހުންތަކެއް ހުރިކަން ފާހަގަކުރައްވައި ފައްޔާޒް ވިދާޅުވީ އެ ބޭފުޅާގެ ޓީމުން ނިކުމެ ތިބީ ސަރުކާރާއި ޕާޓީއާ އެއްކޮށް މަސައްކަތް ކޮށް، އެ ގޮންޖެހުންތައް ގިރާ ކުރުމަށް ކަމަށެވެ.
"ޕާޓީއާއި ސަރުކާރާ އެއްކޮށް، އެކައްޗެއް ކިޔައިގެން މަސައްކަތް ކޮށްފި ކަމަށް ވަންޏާ އޭގެ ގިނަ ކަންތައްތަކުން އަޅުގަނޑުމެންނަށް އަރައިގަނެވޭނެ، އެއް މަގަކަށް އެއް މިސްރާބަކަށް މަސައްކަތް ކޯށްފިކަމަށް ވަންޏާ 2023 ހޯދުމަކީ އުނދަގޫ ކަމެއް ނޫން، ދަތިކަމެއް ނޫން،" ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް އިތުރަށް ވިދާޅުވީ އެމްޑީޕީ މިއަދު އޮތީ ވެރިކަމުގައި ކަމަށާއި ޕާޓީގައި "ވެރިކަން ކުރާ ޕާޓީގެ ސިފަ" ޖައްސަން ޖެހޭ ކަމަށެވެ.
ހަމައެހެންމެ ޗެއާޕާސަން ކަމަށް ދެން ވާދަކުރައްވާ އިންތިއަށް އިޝާރާތް ކުރައްވައި، ފައްޔާޒް ވިދާޅުވީ އިންތިއަކީ ޕާޓީގެ ވަރުގަދަ ބޭފުޅެއް ނަމަވެސް އެ ބޭފުޅާއަށް ވުރެ ފައްޔާޒް މާ ކުޅަދާނެ ވާނެ ކަމަށެވެ.
"މި ކުރަން އުޅޭ ކަންތަކުގެ އަޅުގަނޑަށް ގަބޫލުކުރެވެނީ އަޅުގަނޑޭ އިންތިއަށް ވުރެ މޮޅުވާނީ، އެއީ ހިންގުމުގެ ދާއިރާގައި،" ފައްޔާޒް ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ފޯރި ގަދަވެފައިވާއިރު، ދެ ކެންޑިޑޭޓުންގެ މެދުގައި ބަހުގެ ހަމަލާތައް އަންނަނީ ދެމުންނެވެ.
ގިނަ ބަޔަކު ދެކޭ ގޮތުގައި އެ އިންތިހާބަކީ ރައީސް މުޙައްމަދު ނަޝީދާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ކުރިމަތިލުމެކެވެ. ފައްޔާޒުގެ ފަހަތުގައި ރައީސް ޞާލިހުގެ ސިޔާސަތުތަކަށް ތާއީދުކުރާ އެމްޑީޕީ މަޖިލިސް މެންބަރުންނާއި އާންމު މެންބަރުން ތިބިއިރު އިމްތިޔާޒް ފަހުމީގެ ފަހަތުގައި ތިބީ ރައީސް ނަޝީދުގެ ސިޔާސަތުތަކަށް ތާއީދުކުރައްވާ މެމްބަރުންނެވެ.
ފަސް އަހަރުގެ ދައުރަކަށް ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބު އޮންނާނީ މި މަހުގެ 14 ވަނަ ދުވަހުއެވެ.