ވިލުފުށީ ކައުންސިލުގެ ފަރާތުން ކޮންމެ އަހަރަކު އެއް ރައްޔިތަކު ހައްޖަށް ފޮނުވަނީ

ތ. ވިލުފުށި -- ފޮޓޯ/ ޕީއެސްއެމްނިއުސް

ތ. ވިލުފުށީ ކައުންސިލްގެ ފަރާތުން ކޮންމެ އަހަރަކު އެރަށުގެ ކޮންމެވެސް އެއް ރައްޔިތަކު ޙައްޖަށް ފޮނުވުމަށް ނިންމައިފިއެވެ.

ވިލުފުށީ ކައުންސިލުން ނެރުނު އިއުލާނެއްގައި ވަނީ މިއަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް އެ ކައުންސިލްގެ ޚަރަދުގައި ކޮންމެވެސް އެއް ރައްޔިތަކަށް ޙައްޖަށް ދިޔުމުގެ ފުރުޞަތު ދޭނެ ކަމަށެވެ.

މި އަހަރުގެ ޙައްޖު ދަތުރަށް ޝައުގުވެރިވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހުޅުވާލާފައެވެ.

ވިލުފުށީ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި އިތުރަށް ބުނެފައި ވަނީ ހައްޖު ދަތުރަށް އެދި ހުށަހަޅާ ފަރާތުގެ ވަކި ޝަރުތުތަކެއް ފުރިހަމަ ވާން ޖެހޭނެ ކަމަށެވެ. އެގޮތުން ކައުންސިލްގެ ހައްޖު ދަތުރަށް އެދި ހުށަހަޅާ ފަރާތަކީ ފަރުޟު ހައްޖެއް އަދާކޮށްފައިިވާ މީހަކަށް ނުވުމާއި ވިލުފުށީ ރައްވެއްސަކަށް ވުމާއި އަމިއްލަ ޚަރަދުގައި ޙައްޖަށް ދެވޭނެ ތަނަަވަސްކަން ނެތް މީހަކަށް ވާންޖެހޭނެއެވެ.

މީގެ އިތުރުން މީލާދީ ގޮތުން 50 އަހަރު ފުރިފައި ވުމާއި އެހެންމީހެއްގެ އެހީއާ ނުލައި އަމިއްލައަށް އުޅެވޭނެ މީހަކަށް ވުމާއި ޖިނާއީ ކުށެއްގެ ތުހުމަތުގައި ތަހުޤީޤު ކުރެވެމުންދާ މީހަކަށް ނުވުމާއި ޖިނާއީ ކުށެއް ސާބިތުވެ ޙުކުމް ތަންފީޒުކުރާ މީހަކަށް ވެގެން ނުވާނެކަމަށް އެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

ފޯމާއެކު އައިޑީ ކާޑު ދެފުށުގެ ކޮޕީއާއި ތިން މަސް ނުވާ ޕޮލިސް ރިޕޯޓުގެ އިތުރުން ފާއިތުވި ހަ މަސްްދުވަހުގެ ބޭންކް ސްޓޭޓްމެންޓުވެސް ހުށަހަޅަން ޖެހޭނެކަމަށް އިއުލާނުގައި ވެއެވެ.

އޮންލައިންކޮށް ފޯމު ހުށަހަޅަން ބޭނުންވާ ފަރާތްތައް ވިލުފުށީ ކައުންސިލްގެ މެއިލްއަށް ފޯމު އަދި ބޭނުންވާނެ އިތުރު ލިޔެކިޔުންތައް އީމެއިލް ކުރުމަށް ވަނީީ އެދިފައެވެ.

ޙައްޖު ދަތުރަށް އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ އަންނަ މަހުގެ 19 ވަނަ ދުވަހު މެންދުރު 14:00އެވެ.

comment ކޮމެންޓް