މަރިޔަމް ޝުނާނާ، އެއީ މިހާރު ބީރައްޓެހި ނަމަކަށް ނުވާނެއެވެ. އެ ނަން އިވިފައި ވަނީ އެޓާނީ ޖެނެރަލްގެ އޮފީހުގެ މަގާމަކާ ގުޅިގެން ކަމަށްވީ ނަމަވެސް ނުވަތަ ސީލައިފް މައްސަލައާ ގުޅިގެން ކަމަށްވީ ނަމަވެސް، އެއީ ކުޅަދާނަ ވަކީލެއްގެ ގޮތުގައި މިހާރު ގިނަ ބަޔަކަށް ވަނީ ފާހަގަވެފައެވެ.
ޝުނާނާ މަތީ ތައުލީމް ހާސިލް ކުރައްވަން އެންމެ ފުރަތަމަ ގަސްތުކޮށްގެން ހުންނެވީ ޝަރުއީ ދާއިރާއަކުން ނޫނެވެ. އޭނާ ފުރަތަމަ ބޭނުންފުޅުވީ ކޮމްޕިއުޓާ ޕްރޮގްރާމިން އުނގެނުމަށެވެ. ނަމަވެސް 2003 ވަނަ އަހަރު ބަންޑާރަ ނައިބުގެ އޮފީހުގައި ސެކެޓްރީއެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމުން ޝަރުއީ ދާއިރާއަށް ޝައުގުވެރިކަން އުފެދުނެވެ.
ޝުނާނާ އެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކުރެއްވީ ގައުމީ ޔުނިވާސިޓީންނެވެ. އެއާއެކު އޭނާއަށް އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުން ވެސް މާސްޓާސް ހެދުމަށް ފުރުސަތު ލިބުމުން، ނިއު ޔޯކް ޔުނިވާސިޓީން މާސްޓާސް ޑިގްރީ އިން ކޯޕަރޭޓް ލޯ ފުރިހަމަކުރެއްވިއެވެ.
އެއަށް ފަހު ރާއްޖެ ވަޑައިގެން، ބަންޑާރަ ނައިބުގެ އޮފީހުގައި ދައުލަތުގެ ވަކީލެއްގެ ގޮތުގައި ޝުނާނާ މަސައްކަތް ކުރައްވަން ފެއްޓެވީ ކަމާ ވަރަށް ގަޔާވެގެން، ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ނިޔަތް ގަނެގެންނެވެ.
ނަމަވެސް އޭރު މަސައްކަތުގެ މާހައުލުން ޝުނާނާއަށް ފެނުނީ އޭނާގެ އުސޫލުތަކާ ޚިލާފު މަންޒަރެކެވެ. ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށް ވަކީލުން ކުރާ ހުވަޔާ ފުށޫއަރާ އަމަލުތަކެކެވެ.
ސައްހަ އުސޫލުތަކުގައި އަބަދުވެސް ހިފަހައްޓަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ޝުނާނާއަށް އެފަދަ މައްސަލަތަކާ ބެހޭ ގޮތުން ހަނު ހުންނަވަން އުނދަގޫވިއެވެ. އަދި އެފަދަ ޝަކުވާތައް ކުރެއްވުމުން ވަޒީފާ އަދާ ކުރެއްވުމުގައި ގިރާ ކުރަން ޖެހުނު ހުރަސްތައް ވެސް އިތުރުވިއެވެ.
އެންމެ ފަހުން، 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހު، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތާ ދެކޮޅަށް ޝުނާނާ ވާހަކަ ދެއްކެވުމުން، އޭނާއަށް ވަޒީފާއިން އިސްތިއުފާ ދެއްވަން ވެސް މަޖުބޫރުވީއެވެ.
އެ އޮފީހުގައި 10 އަހަރު ވަންދެން ކުރެއްވި މަސައްކަތް ނިމުނީ ހިތި ގޮތަކަށް ނަމަވެސް، އެއީ ޝުނާނާ ގާނޫނީ ދާއިރާއިން ތައުލީމް ހާސިލުކުރައްވަން ފެއްޓެވި އިރުން ފެށިގެން ދެކިލެއްވި ހުވަފެނެއްގައި ކުލަ ޖެހެން ފެށި ހިސާބެވެ.
އަމިއްލަ ލޯ ފާމަކާއެކު ހިލޭ ގާނޫނީ ލަފާ ދޭ ސެންޓަރެއް
ޝުނާނާ ބަންޑާރަ ނައިބުގެ އޮފީހުން ވަކިވުމާ ގާތްކޮށް އަމިއްލަ ލޯ ފާމެއް އުފެއްދެވިއެވެ. އެ ކުންފުނީގެ މައިގަނޑު މަސައްކަތަކީ ވިޔަފާރިއާ ގުޅުން ހުރި މައްސަލަތަކުގައި ގާނޫނީ ޚިދުމަތް ފޯރުކޮށްދިނުން ކަމުގައިވީ ނަމަވެސް ޝުނާނާ ގެންދެވީ އާންމު މަސްލަހަތާ ގުޅުން ހުރި މައްސަލަތަކުގައި ވެސް އެހީ ފޯރުކޮށްދެއްވަމުންނެވެ.
"ޕަބްލިކް ޓްވީޓެއް ކުރީ. މާލީ ތަނަވަސްކަން ނެތް މީހުންނަށް ވަޒީފާގެ މައްސަލަތަކުގައި އެހީތެރިކަން ފޯރުކޮށްދެމޭ. ވަޒީފާގެ މައްސަލައިގެ އިތުރުން އޭރު ވަރަށް ބައިވަރު މައްސަލަ އައި. އޭގެ ތެރެއިން ބައެއް މައްސަލަ ސުޕްރީމް ކޯޓާ ހިސާބަށް ގޮސް ވަރަށް ގިނަ ކޭސް ކާމިޔާބުވެސްވި،" ޝުނާނާ ކިޔައިދެއްވިއެވެ.
"މިކަހަލަ ރަނގަޅު ބަދަލުތައް ގެނެވޭތީ އެހެން ވަކީލުން ވެސް ބައިވެރިވާން ފެށީ ހިލޭ ސާބަހަށް. ދެން އެމީހުންނާއެކު ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު ހުޅުވަން ނިންމީ."
ހިލޭ ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި އުފައްދާފައިވާ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ)އިން މައްސަލަތައް ކޯޓަށް ހުށަހަޅައި ދިނުމުގެ އިތުރުން އެއަށް ވުރެ ބޮޑެތި މަސައްކަތްތައް ވެސް ކުރެއެވެ.
އޭގެ ތެރޭގައި މީހުންގެ ހައްގުތައް ކަށަވަރު ކޮށްދިނުމަށް ވަކި ގާނޫނެއް އުފައްދަން ޖެހޭ ނަމަ އެފަދަ ގާނޫނެއް އުފެއްދުމަށް ގޮވާލުމާއި މިހާރު ތަންފީޒު ކުރާ ގާނޫނުތަކަށް އިސްލާހު ގެންނަން ވަކާލާތު ކުރުން ހިމެނެއެވެ.
"ޕީއައިއެލްސީ އަދި ޝުނާނާ އެންޑް ކޯގެ ޓީމުން ބޭނުން ވަނީ ގާނޫނު މެދުވެރިކޮށް ވަރަށް ބޮޑު އިމްޕެކްޓެއް މުޅި ގައުމަށް ގެންނަން. ގާނޫނުގެ ތެރެއިން ދިވެހިރާއްޖެއަށް ބޮޑު އިންގިލާބީ ބަދަލެއް ގެންނަން،" ޝުނާނާ ވިދާޅުވިއެވެ.
އެ ޝިއާރުގެ ދަށުން މަސައްކަތްކޮށް، ފާއިތުވި ތިން އަހަރު ތެރޭގައި އެ ޓީމުން ވަނީ ވަރަށް ތާރީޚީ މައްސަލަތަކެއް ކޯޓަށް ހުށަހަޅާފައެވެ.
އޭގެ ތެރޭގައި، ސިއްހީ ދާއިރާގެ މަސައްކަތްތެރިންނަށާއި ފަންނުވެރިންނަށް މުސާރަ އާއި މަގާމުގެ ކުރިއެރުން ނުލިބޭތީ 489 ސިވިލް ސާވިސް މުވައްޒަފުންގެ ފަރާތުން ހުށަހެޅި މައްސަލައާއި 203 މީހުންގެ ފަރާތުން ހުށަހެޅި ސީލައިފް މައްސަލައާއި ބ. ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތާ ހަވާލުވި އާރުއައިއެކްސް (ރިޒް) ކުންފުނިން އިންސާނީ ވަގުފާރި ކުރި ކަމުގެ ތުހުމަތުގައި 202 މީހެއްގެ ފަރާތުން ހުށަހެޅި މައްސަލަ ހިމެނެއެވެ.
"ރާއްޖޭގެ ތާރީޚުގައި ހުށަހެޅުނު އެންމެ ބޮޑު ތިން މައްސަލައިގައި ވަކާލާތު ކުރެވިއްޖެ، ގާނޫނީ މައްސަލަތަކުގެ ބާވަތުން ބެލި ނަމަވެސް ވަރަށް ތާރީޚީ މައްސަލަތަކެއް ހުށަހެޅިއްޖެ،" ޝުނާނާ ފާހަގަކުރެއްވިއެވެ.
ކޮންމެ މީހަކަށް ވެސް ގާނޫނީ އެހީ ލިބޭނެ ގޮތެއް ހޯދައިދިނުން
ޕީއައިއެލްސީން ދަނީ ވަކިވަކި މައްސަލަތަކުގައި ލަފާ ދިނުމުގެ އިތުރުން މީހުން ގާނޫނަށް އަހުލުވެރިކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެގޮތުން ވީހާވެސް ގާތުން މީހުންނަށް އެހީ ފޯރުކޮށްދިނުމަށް ޓަކައި ޕީއައިއެލްސީން ދަނީ ރާއްޖޭގެ އެންމެ ފުރަތަމަ "މޮބައިލް ލީގަލް އެއިޑް ކްލިނިކް" ހިންގަމުންނެވެ.
އެ ކްލިނިކުން ރަށްރަށަށް ޒިޔާރަތްކޮށް، ގާނޫނީ ޚިދުމަތް ބޭނުންވެފައިވާ ދިވެހިންނާއި ބޭރު މީހުންނަށް ވެސް ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތުދެއެވެ. އަދި ތަފާތު ސަބަބުތަކާ ހެދި އެފަދަ ސެޝަންތަކަށް ހާޒިރު ނުވެވޭ މީހުންގެ ގޭގެޔަށް ޒިޔާރަތްކޮށް ވެސް އެހީ ފޯރުކޮށްދެއެވެ.
"ކޮންމެ މަހަކު ކްލިނިކުން ދާނެ ރަށްރަށަށް. ފުރަތަމަ ހުރިހާ އަތޮޅަކަށް ގޮސް، ދެން ހުރިހާ ރަށަކަށް ވެސް ދާނެ،" ޝުނާނާ ކިޔައިދެއްވިއެވެ.
މީގެ އިތުރުން، އަންހެނުން ބާރުވެރިކުރުމަށް ކުރާ މަސައްކަތްތަކުގައި ވެސް ޝުނާނާއާއި އޭނާގެ ޓީމުން ބައިވެރިވެއެވެ. އެގޮތުން އަންހެނުންގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވާނެ ގޮތްތަކާ ބެހޭ މައުލޫމާތު ޝުނާނާ އެންޑް ކޯއިން ތަފާތު ޖަމިއްޔާތަކާ ގުޅިގެން ފޯރުކޮށްދެއެވެ. އޭގެ ތެރޭގައި ވިޔަފާރިއާ ބެހޭ މަޝްވަރާތައް ކުރިއަށްގެންދާނެ ގޮތާއި ކޮންޓްރެކްޓުތައް ހަދާނެ ގޮތާ ބެހޭ މައުލޫމާތު ހިއްސާކުރެއެވެ.
ގާނޫނީ ދާއިރާގެ ކުރިމަގު އަލިކުރުން
ޝުނާނާ ވަކީލެއްގެ މަގާމުގައި މަސައްކަތް ކުރައްވަން ފެއްޓެވި އިރު އެންމެ ފުރަތަމަ ދިމާވި ގޮންޖެހުންތަކުގެ ތެރޭގައި މައްސަލަތައް ދިރާސާ ކުރަން ބޭނުންވާ ވަސީލަތްތައް ނެތުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ގާނޫނީ ދާއިރާއިން ހަދާފައިވާ ދިރާސާތައް މަދުވުމާއި މައްސަލަތަކާ ބެހޭ މައުލޫމާތު އެއް ތަނަކުން ފަސޭހަކަމާ އެކު ލިބެން ނެތުން ހިމެނެއެވެ.
އެހެންކަމުން ޝުނާނާ ވަނީ އޭނާއަށް ދިމާވި ދަތިތައް، އެހެން ވަކީލުންނަށް ކުރިމަތި ނުވާނެ ގޮތެއް ހެދުމަށް ޓަކައި ހާއްސަ މަސައްކަތްތަކެއް ކުރައްވާފައެވެ.
އޭގެ ތެރޭގައި "ޝުނާ ޑޮޓް ލޯ"ގެ ނަމުގައި ގާނޫނީ ޑޭޓާބޭހެއް ތައްޔާރުކުރުން ހިމެނެއެވެ. އެ ޑޭޓާބޭހުގައި ސުޕްރީމް ކޯޓުން މިހާތަނަށް ކޮށްފައިވާ ހުރިހާ ހުކުމްތަކާއި ހައިކޯޓުގެ ފަހުގެ ހުކުމްތައް ފެންނަން ހުރެއެވެ.
އެއީ ވަކީލުންގެ އިތުރުން ގާނޫނީ ދާއިރާއިން ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރުންނާއި އާންމު ރައްޔިތުންގެ މައުލޫމާތުގެ ހަޒާނާއަށް މުއްސަނދި ކަމެއް ގެނެސްދެމުންދާ ޑޭޓާބޭސްއެކެވެ.
ހަމައެއާއެކު "ވަޒީފާއާ ބެހޭ ގާނޫނީ އުސޫލުތައް"ގެ ނަމުގައި ޝުނާނާ ފޮތެއް ލިޔުއްވާފައިވެއެވެ. އެ ފޮތުގައި ސުޕްރީމް ކޯޓުގެ ގަޒިއްޔާތަކުގައި ވަޒީފާއާ ބެހޭ ގާނޫނު މާނަކޮށްފައިވާ ގޮތާއި ވަޒީފާއާ ބެހޭ އެކިއެކި އުސޫލުތަކާ ބެހޭ މައުލޫމާތު ހިއްސާކުރައްވާފައިވެއެވެ.
ޝުނާނާ ގާނޫނީ ދާއިރާއިން ކުރައްވަމުން ގެންދަވަނީ ވަކި ބަޔެއްގެ މަސްލަހަތު އިސްކުރެއްވުމުގެ ބަދަލުގައި، ޖީލުތަކަކަށް ދެމިގެން ދާނެ ފަދަ ފައިދާހުރި މަސައްކަތްތަކެކެވެ. ހަމަ ހަގީގަތުގައި ވެސް އިންގިލާބެއް ގެނައުމުގައި ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާ ކުރައްވަނީއެވެ.