އީރާން މިހާރުއޮތީ ބޭނުންނަމަ ނިއުކްލިޔާ ބޮން އުފެއްދޭ ހާލަތުގައި: އެމެރިކާ

އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކެން

ވޮޝިންޓަން (27 އެޕްރީލް 2022): އީރާނުގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމަށް 2015 ވަނަ އަހަރު ދުނިޔޭގެ ބޮޑެތިބާރުތަކާއެކު އީރާނުން ސޮއިކުރި އެއްބަސްވުމުން 2018 ވަނަ އަހަރު އެމެރިކާ ވަކިވުމާ ގުޅިގެން އީރާނުން ޔޫރޭނިޔަމް ފައްކާކުރުމުގެ މަސައްކަތް "މެކުހަށް" ޖަހާފައިވާތީ މިހާރު އީރާން އޮތީ ބޭނުންވެއްޖެ ހިނދެއްގައި މަދުހަފްތާ ކޮޅެއްގެ ތެރޭގައި ނިއުކްލިޔާ ބޮން ހެދޭފަދަ ގާބިލް ހާލަތެއްގައި ކަމަށް އެމެރިކާއިން ބުނެފިއެވެ.

އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް އެމެރިކާ އެނބުރި ރުޖޫއަވުމަށްޓަކައި އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި އީރާނާއެކު ދައްކަމުން ގެންދާ ވާހަކަތަކުގެ އަޕްޑޭޓް ކޮންގްރެސް އާ ހިއްސާ ކުރައްވަމުން އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކަން ވިދާޅުވީ 2018 އިން ފެށިގެން އީރާންވަނީ ނިއުކްލިޔާ ޕްރޮގްރާމުގެ ހައްސާސް ހުރިހާ ހަރަކާތްތަކެއް އަލުން ފަށައި "މެކުހަށް" ޖަހާފައެވެ. މިއާއެކު އީރާނުގެ ނިއުކްލިޔާ އެހަރަކާތްތައް ބަލައި މޮނިޓާ ކުރުމުގެ ފުރުސަތުވެސް އީރާން ނުދޭ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ނިއުކްލިޔާ އެއްބަސްވުމުން އެމެރިކާ ވަކިވުމާއެކު އީރާން ނިއުކްލިޔާ ހަރަކާތްތައް އެންމެ ކުރީގެ ހާލަތަށް އަނބުރައި ގެނައުމުގެ ނަތީޖާއެއްގެ ގޮތުން ނިއުކްލިޔާ ބޮމެއް އުފައްދަން ބޭނުންވާވަރަށް ފައްކާކޮށްފައިވާ ޔޫރޭނިޔަމް އީރާނުގައި މިހާރު އެބަހުރިކަމުގެ ޖާސޫސީ މައުލޫމާތު ލިބިފައިވާކަމަށް ބްލިންކެން ވިދާޅުވިއެވެ.

ކޮންގްރެސް ގެ ޚާރިޖީ ކަންކަމާބެހޭ ސަބްކޮމިޓީއާ މުޚާބަތު ކުރައްވައި ބްލިންކަން ވިދާޅުވިގޮތުގައި އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމްގެ އަސްކަރީ ބައި ހުއްޓުވަން ބޭނުންނަމަ އެމެރިކާއަށް އޮތީ ޓްރަމްޕް ގެ ވެރިކަމުގައި 2018 ވަނައަހަރު އެމެރިކާ ވަކިވި އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް އެނބުރި އަލުން ރުޖޫއަވުމެވެ.

މިއީ ބާރުގެ ބޭނުންކޮށްގެން ހައްލުކުރެވޭނެ މައްސަލައެއް ނޫންކަން ފާހަގަ ކުރައްވަމުން ބްލިންކަން ވިދާޅުވީ ނިއުކްލިޔާ އެއްބަސްވުމަށް އެމެރިކާ އަލުން ރުޖޫއަވުމަށްޓަކައި މިދިޔައަހަރުގެ އެޕްރީލްމަހު އީރާނާއެކު ފެށި ވާހަކަތައް މިހާރުވަނީ ކާމިޔާބުވުމާ ވަރަށް ގާތުގައެވެ. އީރާނާ ދެކޮޅަށް އެމެރިކާ އަޅާފައިވާ ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތަކެއް މި އެއްބަސްވުމަށް އެމެރިކާ އަލުން ރުޖޫއަވުމާއެކު އުވާލަންޖެހޭނެކަން ބްލިންކަން ފާހަގަ ކުރެއްވިއެވެ.

އީރާނުގެ ދީނީ މުރުޝިދު އާޔަތުﷲ އަލީ ޚަމަނާއި

ވިއެނާ ގައި ކުރިޔަށްދާ މިވާހަކަތައް ބިނާވެފައިވަނީ އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް އެމެރިކާ އެނބުރި ރުޖޫއަވުމާއެކު ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށާ މިއާއެކު އީރާންވެސް އެގައުމުގެ ނިއުކްލިޔާ ހައްސާސް ހަރަކާތްތައް ހުއްޓާލާގޮތަށެވެ. މިއެއްބަސްވުމުގެ ދަށުން އީރާނަށް ޔޫރޭނިޔަމް ފައްކާ ކުރެވެނީ 5 އިންސައްތަ އަށެވެ. އެއީ ނިއުކްލިޔާ އިންޖީނުގެތަކުން ކަރަންޓް އުފައްދަން ބޭނުންވާ މިންވަރެވެ.

އެމެރިކާ މިއެއްބަސްވުމުން ވަކިވުމާއެކު އީރާންވަނީ ޔޫރޭނިޔަމް ފައްކާކުރާ މިންވަރު 5 އިންސައްތައިން 60 އިންސައްތައަށް މައްޗަށް ގެންގޮސްފައެވެ. މީގެއިތުރުން އީރާނުންވަނީ ނިއުކްލިޔާ ގިނަ ހަރަކާތްތަކެއް ސިއްރުކޮށް އެގައުމުގެ ނިއުކްލިޔާ ބައެއް ރިއެކްޓަރުތަކަށް ބައިނަލްއަގްވާމީ އިނިސްޕެކްޓަރުންނަށް ނުވަދެވޭނެ ގޮތްވެސް ހަދާފައެވެ.

ނަމަވެސް އެއްބަސްވުމަށް އެމެރިކާ އެނބުރި ރުޖޫއަވެ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިފިނަމަ ނިއުކްލިޔާ ރިއެކްޓަރުތަކަށް ބައިނަލްއަގްވާމީ އިނިސްޕެކްޓަރުން ވަދެ ބަލައިފާސްކުރުމުގެ ފުރުސަތު ދޭނެކަމަށް އީރާންވަނީ ބުނެފައެވެ.

އަނެއްކޮޅުން އީރާނުގެ ދީނީ މުރުޝިދު އާޔަތުﷲ އަލީ ޚަމަނާއި ވަނީ ޔުކްރޭން ހަނގުރާމައާއެކު ދުނިޔެ ލީޑުކުރުމުގެ ގާބިލްކަން އެމެރިކާއަށް ގެއްލިފައިވާ ކަމަށް ވިދާޅުވެފައެވެ. ޚަމަނާއި ވިދާޅުވީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ބާރުކުޑަކަން ރަޝިއާއާ ދެކޮޅަށް އެމެރިކާ އެޅި ފިޔަވަޅުތަކުން އެނގިއްޖެ ކަމުގައެވެ. ރަޝިއާގެ އެއްވެސް ހަރަކާތެއް ހުއްޓުވުމުގައި އެމެރިކާ ގެ ދަތިކުރުމުގެ ފިޔަވަޅުތައް ނާކާމިޔާބުވުމާ އަދި އެމެރިކާ ރަޝިއާ އާ ދެކޮޅަށް އެޅި ފިޔަވަޅުތަކަށް ދުނިޔޭގެ ގައުމުތަކުން އެއްބާރުލުން ނުދިނުމަކީ އެމެރިކާދެކެ ގައުމުތައް ބިރުގަތް ދުވަސްވަރު މާޒީވެގެން ދިޔުންކަން ޚަމަނާއި ފާހަގަ ކުރެއްވިއެވެ.

އީރާނާ ދެކޮޅަށް އެމެރިކާ އެޅި ފިޔަވަޅުތަކުންވެސް އީރާނުގެ ސިޔާސަތު ބަދަލުނުކުރެވުނު ކަމާ އަދި އެމެރިކާގެ މަގްސަދުވެސް ހާސިލް ނުކުރެވި އެންމެފަހުން އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް އެނބުރި ރުޖޫއަވުމުގެ ވާހަކަތައް އީރާނާއެކު ފަށަންކަން އެެމެރިކާއަށް ޖެހުނުކަން ޚަމަނާއި ފާހަގަ ކުރެއްވިއެވެ.

ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާއިން އީރާނާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އަލުން އެޅީ ނިއުކްލިޔާ އެއްބަސްވުމަށް އެމެރިކާ ބޭނުންވާ ބަދަލުތައް ގެންނަން އީރާނަށް މަޖްބޫރު ކުރުމުގެ މަގްސަދުގައެވެ. ނަމަވެސް މިމަގްސަދު ހާސިލް ނުވެ އަދި އީރާންވެސް އިނދަޖައްސާލުމުގައި ނާކާމިޔާބު ވުމުން އެމެރިކާ މިވަނީ ކުރީގެ އެއްބަސްވުމަށް އަލުން އެނބުރި ރުޖޫއަވުމުގެ ވާހަކަތައް އީރާނާއެކު މިދިޔަ އަހަރު ފަށާފައެވެ.

މިވާހަކަތައް މިހާރުވަނީ ކާމިޔާބުވުމާ ވަރަށް ގާތަށް ގޮސްފައި ކަމަށް އެމެރިކާވެސް އަދި އީރާންވެސް ބުނެފައިވެއެވެ.

comment ކޮމެންޓް