ޖީސުސްގެ ހަތަރު ލަނޑުން ވަޓްފޯޑު ބަލިކޮށް، ސިޓީން ލީޑު ފުޅާކޮށްފި

ސިޓީން މިރޭ ކުޅުނު މެޗުގައި ޖީސުސް ޕެނަލްޓީ ޖަހަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ވަޓްފޯޑާ ދެކޮޅަށް ކުޅުނު މެޗުގައި ގެބްރިއަލް ޖީސުސް ކާމިޔާބުކޮށް މެންޗެސްޓާ ސިޓީން ލީގު ތާވަލްގެ އެއް ވަނައިގައި ލީޑު ފުޅާކޮށްފިއެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުން އެޓީމު މޮޅުވީ 5-1 ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ޒިންޗެންކޯގެ އެހީތެރިކަމާއެކު ޖީސުސް ވަނީ ސިޓީގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގައިދީފައެވެ. އޭގެ ފަހުން މެޗުގެ 23 ވަނަ މިނެޓުގައި ސިޓީއަށް ލީޑު ފުޅާކޮށްދިނީ ވެސް ޖީސުސް އެެވެ. މި ލަނޑު އޭނާ ޖަހާފައިވަނީ ކެވިން ޑި ބްރައިނާ ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.

އޭގެ ފަސް މިނެޓު ފަހުން، މެޗުގެ 28 ވަނަ މިނެޓުގައި ހަސާނޭ ކަމަރާ ވަނީ ވަޓްފޯޑަށް ލަނޑެއް ޖަހައިދީ ފަރަގު ކުޑަކޮށްފައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީން ވަނީ އެ ޓީމުގެ ތިން ވަނަ ލަނޑު ޖަހާފައެވެ. ޖީސުސްގެ އެހީތެރިކަމާއެކު މި ލަނޑު ކާމިޔާބުކޮށްދިނީ ރޮޑްރީއެވެ.

ދެ ވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނެޓުގެ ތެރޭގައި ސިތީއަށް ވަނީ ޕެނަލްޓިއެއް ލިބިފައެވެ. މި ޕެނަލްޓީ ކާމިޔާބުކޯށް، ޖީސުސް ވަނީ އޭނާގެ ހެޓްރިކް ހަމަކޮށްފައެވެ.

ސިޓީގެ ފަހު ލަނޑު، މެޗުގެ 53 ވަނަ މިނެޓުގައި ޑިބްރައިނާގެ އެހީތެރިކަމާއެކު ކާމިޔާބުކޮށްދިނި ވެސް ޖީސުސްއެވެ. މި ލަނޑާއެކު އޭނާ ވެފައިވަނީ މި ސީޒަންގެ ޕްރިމިއާ ލީގުގެ މެޗެއްގައި ހަތަރު ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާއެެވެ.

މެޗުން މޮޅުވެ ސިޓީން އެއް ވަނަ މަގާމުގައި އޮތީ 33 މެޗުން 80 ޕޮއިންޓު ހޯދައިގެންނެވެ. ސިޓީއަށް ވުރެ އެއް މެޗު މަދުން ކުލެ، ލިވަޕޫލުން ދެ ވަނައިގައި އޮތީ 76 ޕޮއިންޓާއެކުއެވެ. ތިން ވަނައިގައި ޗެލްސީ އޮތި 31 މެޗުން 62 ޕޮއިންޓު ހޮދައިގެންނެވެ.

comment ކޮމެންޓް