ހުޅުމާލޭ ރެސްޓޯރެންޓެއްގައި ވަޅިން ހަމަލާދީ މަރާލި މީހާގެ ހަށިގަނޑު ގައުމަށް ފޮނުވާލައިފި

މި މަހުގެ 16 ވަނަ ދުވަހު ހުޅުމާލޭގައި ހުންނަ ޚާންޖީ ރެސްޓޯރެންޓުގައި ވަޅިން ހަމަލާދީ މަރާލި މީހާގެ ހަށިގަނޑު، އޭނާގެ ގައުމަށް ފޮނުވައިފިއެވެ.

ވަޅިން ހަމަލާ ދިނުމުގެ ސަބަބުން މަރުވެފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އެމްޑީ ޝަމީމެވެ.

ފުލުހުން "ސަން" އަށް މައުލޫމާތު ދެމުން ބުނީ، ޝަމީމުގެ ހަށިގަނޑު ރޭ ބަންގްލަދޭޝަށް ފޮނުވާލާފައިވާ ކަމަށެވެ.

ޝަމީމަށް ވަޅިން ހަމަލާ ދިނީ އެ ރެސްޓޯރެންޓުގައި ކައްކާއެއްގެ ގޮތުގައި މަސައްކަތް ކުރާ، ޕާކިސްތާނުގެ މީހެއް ކަމަށްވާ މުހައްމަދު އަބީދު، 26އެވެ.

އަނިޔާ ލިބުނު ޝަމީމު ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ މީގެކުރިން ބުނެފައެވެ.

އެ ހަމަލާ ދިނުމަށްފަހު އަބީދު ވަނީ ފިލާފައެވެ. ފުލުހުން އޭނާ ހޯދާފައި ވަނީ، ހާދިސާ ހިނގިތާ އެއްދުވަސް ފަހުން، ހުޅުމާލޭ ދެވަނަ ފިޔަވަހިންނެވެ.

comment ކޮމެންޓް