އިންޑިއާ އައުޓް ހަރަކާތާ ދެކޮޅަށް ރައީސް ނެރުއްވި ޤަރާރު ބާތިލް ކުރަން ކޯޓަށް ދަނީ

ޕީޕީއެމްއިން ބާއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެެއިން--- ފޮޓޯ/ ޕީޕީއެމް

"އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތައް ނުރައްކަލެއް ކަމަށް ބުނެ މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ނެރުއްވި ޤަރާރު ބާތިލް ކުރަން ކޯޓަށް ދާނެކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ އެ ޤަރާރަކީ ޤާނޫނާ ހިލާފު ޤަރާރެއް ކަމަށެވެ.

އެ ޤަރާރު ބާތިލްކުރުމަށް މިހާރު ޕީޕީއެމްގެ ޤާނޫނީ ވަކީލުންގެ ޓީމާއެކު މަޝްވަރާ ކުރަމުންދާކަމަށާއި ވަރަށް އަވަހަށް އެކަމަށް ގޮތެއް ނިންމަވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ޤާނޫނީ ޓީމާ އެކު ވާހަކަ ދައްކަމުން މި ގެންދަނީ އެ ޤަރާރު ބާތިލް ކުރަން،" އަދުރޭ ވިދާޅުވިއެވެ.

ރައީސް ޞާލިޙު ސޮއިކުރައްވައި މިއަދު ގެޒެޓުކޮށްފައިވާ "އެކިއެކި ޝިއާރުތަކުގެ ދަށުން ވަކިވަކި ގައުމުތަކާ މެދު ނަފުރަތު އުފެއްދުމަށް ރާވައިގެން ހިންގާ ހަރަކާތްތައް ހުއްޓުވުން" ގަރާރުގައި ވަނީ އިންޑިއާއާ މެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި، ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ބައްދަލުވުމުގައި ކަނޑައަޅާފައިވާ ކަމަށެވެ.

އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭންތަކަކީ ގައުމީ ސަލާމަތާ ގުޅުން ހުރި، ނުރައްކާ އޮތް ކަމެއް ކަމަށް ރައީސްގެ ގަރާރުގައިވެއެވެ.

މީގެ އިތުރުން އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން ރާއްޖޭގެ އަމަންއަމާންކަމާއި ހަމަޖެހުން ގެއްލި، ރާއްޖޭގެ އިގުތިސާދަށާއި އިޖުތިމާއީ ނިޒާމުތަކަށް ބޮޑު ބުރައެއް އުފުލަންޖެހި، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ އެކަހެރިވުމުގެ ބިރު އޮތް ކަމަށް ގަރާރުގައިވެއެވެ.

އެ ނުރައްކަލުން ރާއްޖެ ސަލާމަތް ނުކުރެވިއްޖެ ނަމަ ފޫނުބެއްދޭ ފަދަ ގެއްލުންތަކެއް ލިބި، ރާއްޖެއަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ދެމެހެއްޓުމަށާއި ބޭރުގައި ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނާއި ބޭރު ގައުމުތަކަށް ޒިޔާރަތްކުރާ ދިވެހިންނަށާއި ރާއްޖޭގައި ތިބި ބިދޭސީންނަށް ފޯރުކޮށްދޭން ޖެހޭ ރައްކާތެރިކަމާއި ހމާޔަތް ޔަގީންކޮށްދިނުމަށް ދަތިވާނެ ކަމަށް ވެސް ގަރާރުގައިވެއެވެ.

އެހެންކަމުން ރައީސް ވަނީ، އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ކަނޑައަޅުއްވައި އެކަން ތަންފީޒު ކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކަށް އަންގަވާފައެވެ.

comment ކޮމެންޓް