އާދެ! މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހަޔާތްފުޅުން, މައްކާގެ މުޝްރިކުން ގަބޫލުކުރި ގަބޫލުކުރުންތަކުގެ ތެރޭގައި އިންސާނާ މަރުވުމަށްފަހު އަލުން ނުދިރުއްވާނޭކަންހިމެނެއެވެ. އިންސާނާ މަރުވުމަށްފަހުގައި އާ ހަޔާތެއް ނާންނާނެކަން އެމީހުން ގަބޫލުކުރިއެވެ.
ނަމަވެސް ﷲގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާޚިރަތަށް ބިރުވެރިވުމަށް ގޮވާލައްވަމުން ގެންދެވިއެވެ. އާޚިރަތުގައި މީހާގެ ހިސާބު ބެއްލެވޭނެކަމަށް އެކަލޭގެފާނު މައްކާގެ މުޝްރިކުންނަށް ވިސްނައިދެމުން ގެންދެވިއެވެ.
ނަމަވެސް މައްކާގެ މުޝްރިކުންގެ ތެރެއިން މީހަކު ބުނެވޭގޮތުގައި އަލް ޢާޞް ބުން ވާހިދު އަދި އެހެން ރިވާޔަތެއްގަ އަންނަ ގޮތުގައި އުބައްޔު ބުން ޚަލަފް މައްކާގެ މުޝްރިކުންގެ ތެރެއިން މީހަކު އިންސާނެއްގެ ހަށިގަނޑު، ފީވެފައި އޮތް ހަށިގަނޑެއް ނަގައިގެން އައިސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކުރިފުޅުމަތީގައި އެ ކަށިގަނޑު ފުނޑާލައެވެ. ފުނޑާލާ ކުދިކުދި ކޮށްލުމަށްފަހު ވިއްސިވިހާލިކޮށްލާ އެއްލައިލައެވެ. އެއަށްފަހު ދަންނަވަނީ ނިކަން ބައްލަވާށެވެ. މި ކަށިގަނޑު މިއޮތް ވިއްސި ވިހާލިވެގެން ދިޔައީއެވެ. މީތި ފީވެފައި އޮއްވައި މީގެން އަލުން މީހަކު ދިރުއްވާނީ ކިހިނެއްހެއްޔެވެ. އެހިނދު ﷲ ސުބުޙާނަހޫ ވަތަޢާލާ ޔާސީން ސޫރަތުގެ ފަހުގެ އާޔަތްތައް ބާއްވާލެއްވިއެވެ.
وَضَرَبَ لَنا مَثَلًا وَنَسِيَ خَلقَهُ. އަދި އެ އިންސާނާ ﷲ އަށް މިސާލެއް ޖެއްސެވިއެވެ. ނަމަވެސް މިސާލެއް ޖެއްސެވި އިރުގަ އޭނަ، އޭނާގެ ނަފުސު ހެއްދެވިގޮތާމެދުގައި ހަނދާން ނައްތާލިއެވެ. އޭނާ ޚަލްޤު ކުރެއްވި ގޮތާ މެދުގައި އޭނަ ހަނދާން ނައްތާލިއެވެ.
قالَ مَن يُحيِي العِظامَ وَهِيَ رَميمٌ. އަދި ކާކުހެއްޔޭ މި ކަށިގަނޑު ފީވެ ފުނޑުފުނޑު ވުމަށް ފަހުގަ ފީވެ ދިއުމަށް ފަހުގަ ހަލާކުވެ ދިއުމަށްފަހުގަ އަލުން މި ކަށިގަނޑު ދިރުއްވާނީ އޭނަ ސުވާލުކުރެއެވެ.
قُل يُحييهَا الَّذي أَنشَأَها أَوَّلَ مَرَّةٍ وَهُوَ بِكُلِّ خَلقٍ عَليمٌ. ކަލޭގެފާނު ވިދާޅުވާށެވެ. އެ ކަށިގަނޑު އަލުން ގެންނަވާނީ، އަލުން ދިރުއްވާނީ އެންމެ ފުރަތަމަ އެ ކަށިގަނޑު ޚަލްޤުކުރެއްވި ފަރާތެވެ. އެންމެ ފުރަތަމަ ނެތުމުގެ ތެރެއިން އެ ކަށިގަނޑު އުފެއްދެވި ފަރާތެވެ. އަދި ﷲ ސުބުޙާނަހޫ ވަތަޢާލާއީ މަޚުލޫގުންގެ ކަންތައްތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
ލޮބުވެތި އަޚުން! އަޅުގަނޑުމެންނަށް އާ ހަޔާތަކާ ކުރިމަތިލާން ޖެހޭނެއެވެ. އަޅުގަނޑުމެން މަރުވުމަށް ފަހުގައި އަޅުގަނޑުމެންނަށް އެހެން ދުނިޔެއެއް އެބައޮތެވެ. މަރުވުމަށް ފަހުގަ އަޅުގަނޑުމެން މަހުޝަރުކުރެވޭނެއެވެ. ދެވަނަ ތާޅަފިލި ފުމެލުމާއެކު ކައްވަޅުތަކުން މީހުން ނުކުމެގެން ﷲގެ ހަޟުރަތަށް ދާނެއެވެ. އެ މައިދާނުގައި ހިސާބު ބެއްލެވޭނެއެވެ. މީހާގެ އަމަލުތަކާމެދު ސުވާލުކުރެވޭނެއެވެ.
ދުނިޔޭގަ އަޅުގަނޑުމެން އުޅުނީ ކިހިނެއްތޯ، ކޮންގޮތަކަށްތޯ، މިވެނިކަމެއް އެވެނިކަމެއް އަޅުގަނޑުމެން ކުރި ކަންކަމާމެދު ސުވާލުކުރެވޭނެއެވެ. އެހެންކަމަށް ވާނަމަ މި ދުނިޔޭގައި އަޅުގަނޑުމެންނަށް ލިބިފައިވާ ކުޑަކުޑަ ހަޔާތުގައި އެކަމަށް ވިސްނައިގެން އަޅުގަނޑުމެންގެ އަމަލުތައް ސީދާކުރަންވީ ﷲ އަޅުގަނޑުމެންނަށް އަމުރުކުރައްވާފައިވާ ގޮތަށް އަޅުގަނޑުމެން ކަންކަން ކުރަންވީއެވެ. ނަހީކުރައްވާފައިވާ ކަންކަމުން އަޅުގަނޑުމެން ދުރުވާންވީއެވެ. އޭރުން އަޅުގަނޑުމެން ކާމިޔާބާ ފަލާޙުގެ އަހުލުވެރިންނަށް ވާނެއެވެ.
ނިކަން ބައްލަވާ! އަޅުގަނޑުމެންނަށް ހުވަފެން ފެނެއެވެ. މީހަކަށް ހުވަފެނެއް ފެނުމުން އެ ހުވަފެން ބަލާއިރު ވަރަށް ގިނަ ކަންކަން އޭނައަށް މެދުވެރިވެއެވެ. ނަމަވެސް ކުއްލިއަކަށް ހޭލެވި ގަޑި ބަލާލާއިރު އަދި ނިދިތާ 15 މިނިޓު ނުވެއެވެ. 10 މިނިޓު ނުވެއެވެ. ނަމަވެސް ވަރަށް ބޮޑު، ދިގު ހުވަފެނެއް ބަލާ މި ނިންމާލީއެވެ. ހާދަހާ ކުޑަ ވަގުތުކޮޅަކުއޭ މި ނިދުނީ ހިތަށް އަރާނެއެވެ. އަޅުގަނޑުމެން ޤިޔާމަތްދުވަހު އަޅުގަނޑުމެން މަހުޝަރު ކުރެވުމުން، އަޅުގަނޑުމެން މަރުވުމުން އަޅުގަނޑުމެންނަށް އެނގޭނީ ހާދަހާ ކުޑަ ވަގުތުކޮޅެކޭ މި ހަޔާތުގަ އަޅުގަނޑުމެން މި ހޭދަކުރީ ދެން ބާކީ މި އޮތީ ދާއިމަށް އަޅުގަނޑުމެން އުޅެން އޮތް ހަޔާތްކަން އެނގޭނެއެވެ.
ކައްވަޅުގެ ޢަޒާބާ ކައްވަޅުގެ ވޭނާ އަޅުގަނޑުމެން ކުރިމަތިލާން ޖެހޭނެއެވެ. ހިސާބު ބައްލަވާ ދުވަހު ހިސާބު މީޒާންކުރެވިގެން ދާނެ އަޅުގަނޑުމެންގެ އަމަލުތައް އެ ދުވަހާ އަޅުގަނޑުމެން ކުރިމަތިލާން ޖެހޭނެއެވެ. އެހެންކަމަށް ވާނަމަ ޢަމަލުތައް އިސްލާހުކުރައްވާށެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް އަންގަވާފައިވާ ކަންކަމަށް ފަރުވާތެރިވެ ބޯލަނބާށެވެ.