އެސްޓީއޯ ސަން ބަދިގެ: ޕޮޓޭޓޯ ޕައި

ސަން ބަދިގެ ޕްރޮގްރާމްގައި ރަމަޟާން މަހުގެ 20 ވަނަ ދުވަހު މި ގެނެސްދެނީ ޕޮޓޭޓޯ ޕައި ތައްޔާރު ކުރާނެ ގޮތެވެ. ޕޮޓޭޓޯ ޕައިއަކީ ރޯދަ ވީއްލާ ސުފުރާ މައްޗަށް މިހާރުވެސް ވަރަށް ގިނަ ބަޔަކު ތައްޔާރު ކުރާ ހެދިކާއެކެވެ.

ބޭނުންވާނެ ތަކެތި:

  • 1 ފިޔާ
  • 1 ދަޅު މަސް
  • މިރުހެއް
  • 1 ސައިސަމުސާ އަސޭމިރުސް
  • 1 ލުނބޯ
  • 10 ބިސް
  • 1 ލޮނުމެދު (ޗިސްކޮށްފައި)
  • 3 އަލުވި
  • ހިކަނދިފަތް
  • ރަހަލާވަރަށް ލޮނު

ތައްޔާރުކުރާނެ ގޮތް:

ޕޮޓޭޓޯ ޕައި ތައްޔާރު ކުރުމަށްޓަކައި، އެންމެ ފުރަތަމަ ފިޔާކޮޅުގެ ތެރެއަށް ހުތް ޖަހާނީއެވެ. އަދި މިރުހާއި ހިކަނދިފަތް އަދި ލޮނުމެދާއި ލޮނު އަޅައި ރަނގަޅަށް މޮޑެލާނީއެވެ.

އެއަށްފަހު އޭގެ ތެރެއަށް މަސްދަޅު އަޅައި ރަނގަޅަށް އެއްކޮށްލާނީއެވެ.

މަސްގަނޑުގެ ތެރެއަށް އަޅާނީ ހަތަރު ބިހެވެ. ބާކީ ބިސްތައް އެއީ ޕައި ތައްޔާރު ކުރަން ފަހުން ބޭނުންކުރާ ބައެވެ.

މަސްގަނޑަށް ހަތަރު ބިސް އަޅައި، އެއްކޮށްލުމަށްފަހު ޕައި ހަދަން ތައްޔާރު ވާނީއެވެ.

އެގޮތުން ފުރަތަމަ ބިސްކޮޅެއް ތަވާމައްޗަށް އަޅައި ފަތުރާލުމަށްފަހު އޭގެ މައްޗަށް، ކޮށާފައި ހުރި އަލުވީގެ އެއްބައި އަޅާނީއެވެ. ދެން އޭގެ މައްޗަށް އަޅާނީ މޮޑުނު މަސްގަނޑެވެ. މަސްގަނޑު ރަނގަޅަށް ފަތުރާލުމަށްފަހު ބާކީ ހުރި އަލުވިކޮޅު މައްޗަށް އަޅާނީއެވެ. އެއަށްފަހު ބާކީ ހުރި ބިސްކޮޅު މައްޗަށް އަޅާލާނީއެވެ.

އޭގެ ފަހުން، ތަވާގެ މަތި ޖެހުމަށްފަހު، ދަށްފަޅި ފިހެވެންދެން ބާއްވާނީއެވެ. ދަށްފަޅި ފިހެވުމުން، ފުށުން ޖަހައި، އަނެއް ފަޅިވެސް ފިހެލާނީއެވެ.

މިހާރު ހުންނާނީ ޕޮޓޭޓޯ ޕައި ތައްޔާރުކޮށް ނިމިފައެވެ.


ސަން ބަދިގެ 2022ގެ ޓައިޓްލް ސްޕޮންސާ: އެސްޓީއޯ
ލޮކޭޝަން ޕާޓްނާ: ށ. ފުނަދޫ ކައުންސިލް
ގްރެފިކްސް: ޢަލީ ޝާހިން
ވީޑިއޯ އަދި އެޑިޓިން: ޢަލީ ޝާމިން، މުޙައްމަދު ޝަފީއު

ޓްރެވަލް ޕާޓްނާ: ހޯޕް ޓްރެވަލްސް

ރެސިޕީ ތައްޔާރުކުރީ: ނާދިޔާ ޢަބްދުއްރަޙްމާން

'ސަން ބަދިގެ' ޑިޝްތައް ތައްޔާރު ކޮށްފައި ވަނީ ށ. ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އެހީތެރިކަމާއެކުގައެވެ.

comment ކޮމެންޓް