މަހުލޫފް ހެއްދެވީ އިތުރުފުޅެއް، މިނިސްޓްރީއަށް އެއްބާރުލުން ދެން: ފުނަދޫ ކައުންސިލް

މިނިސްޓަރު މަހުލޫފް ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި-- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ފުނަދުއާ ބެހޭ ގޮތުން ސްޕޯޓްސް މިނިސްޓަރު އަޙްމަދު މަހްލޫފު ހެއްދެވީ އިތުރުފުޅެއްކަމަށް ބުނެ، މިނިސްޓަރު ދެއްކެވި ވާހަކަތައް ފުނަދޫ ކައުންސިލުން ކުށްވެރިކޮށްފިއެވެ.

ފުނަދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، އެ ރަށު ފުޓްބޯޅަ ދަނޑުގެ މަސައްކަތާއި ޔޫތު ސެންޓަރާއި ވޮލީކޯޓާ ގުޅޭގޮތުން އެ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު މިނިސްޓަރު މަހްލޫފަށް ދެންނެވި ސުވާލުގެ ޖަވާބު ދެއްވުމުގައި މިނިސްޓަރު ހަގީގަތް އޮޅުވާލައިގެން ވާހަކަ ދެއްކެވި ކަމަށެވެ.

ޝާހިދުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު މަހްލޫފު އިއްޔެ ވިދާޅުވީ ފުނަދޫގައި ހިންގާ ޕްރޮޖެކްޓުތައް ހިންގުމުގައި ސިޔާސީ ދަތިތަކެއް ހުރިކަމަށާއި ހިޔާލު ތަފާތުވުންތަކާއެކުވެސް ކުރިއަށްދެވޭތޯ މަސައްކަތްކުރިނަމަވެސް އެފުރުސަތު ލިބިފައިނުވާކަމަށެވެ.

"ފުނަދޫގައި ޔޫތު މިނިސްޓްރީން ހިންގާ ޕްރޮޖެކްޓުތައް ހިންގުމުގަ އެބަހުރި ވަރަށް ބައިވަރު ދަތިތަކެއް. ސިޔާސީ ދަތިތަކެއް. މިއީ ވަރަށް މަދު ރަށެއްގައި ނޫނީ ދިމާވެސް ނުވާކަމެއް. އަޅުގަނޑުމެން ދެން އެކި ގޮތްގޮތުން މީގަ ކުރިއަށްދެވޭނެ ގޮތެއް ހޯދަން މަސައްކަތްކޮށްފިން. ނަމަވެސް އެ ފުރުސަތު ނުލިބިގެން އެންމެ ފަހުން 1.7 މިލިއަން ރުފިޔާ ދީފަ އެހެން ރަށަކުން ފުނަދޫއަށް ވެލި ގެންގޮސްގެން މަސައްކަތް ކުރަންޖެެހެނީ،" މިނިސްޓަރު ވިދާޅުވިއެވެ.

ހަމައެއާއެކު، ވޮލީކޯޓު އެޅުމަށް ކޮންޓްރެކްޓަރާ ހަވާލުކޮށް ފުނަދޫ ޔޫތު ސެންޓަރު ތެރޭ އެ މަސައްކަތް ކުރުމަށް ފުރުސަތު ދޭން އެދިފައިވި ނަމަވެސް އެފުރުސަތު ވެސް ނުލިބުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރުގެ އެ ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުން ފުނަދޫ ކައުންސިލުން ނެރުނު ބަޔާނުގައި ވަނީ، ރަށުގެ ތަރައްގީއަށް ސަރުކާރުގެ އެއްވެސް އިދާރާއަކުން ކުރަން ބޭނުންވި ކަމަކަށް ކައުންސިލުން ހުރަސްއަޅާފައިނުވާނެ ކަމަށެވެ. އަދި އެކަން ރަށުގެ ރައްޔިތުން ދަންނާނެ ކަމަށްވެސް އެކައުންސިލުން ބުންޏެވެ.

މީގެ އިތުރުން، މަހްލޫފުގެ ވާހަކައިން ދޭހަވެގެން ދިޔައީ މިނިސްޓަރުގެ ޒިންމާގެ ދަށުގައިވާ ކަންކަން ނުކުރެވި ލަސްވަމުން ދިޔުމުން އެކަމުގެ ޒިންމާއިން ރެެކެވަޑައިގެން، ސިޔާސީ މަންފާއަށްޓަކައި ފިތުނަ އުފެއްދެވުމަށް މަސައްކަތް ކުރެއްވި މަންޒަރުކަމަށް ފުނަދޫ ކައުންސިލުން ބުންޏެވެ.

އެހެންކަމުން އެ ކައުންސިލުން ވަނީ މިނިސްޓަރުގެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އެއީ ސިޔާސީ ގޮތުން މަހުލޫފް ކުރެއްވި ވަރަށް ފިނޑި، ލަދުވެތި އަމަލެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ފުނަދޫ ކައުންސިލުން ނެރެފައިވާ ބަޔާނުގައި އެމްޑީޕީގެ މެންބަރު ޙުސައިން އަރީފް ފިޔަވައި ދެން ތިއްބެވި ޕީޕީއެމަށް ނިސްބަތްވާ ހަތަރު މެންބަރުން ވަނީ ސޮއިކުރައްވާފައެވެ.

comment ކޮމެންޓް