މާލޭގެ ރަށްދެބައި މަގުގައި ހުރި ކަރަންޓު ފޮއްޓެއްގައި ރޯވެ ބޭނުންނުކުރެވޭވަރަށް އަނދައިފިއެވެ.
މަންޒަރު ދުށް މީހަކު "ސަން"އަށް ކިޔައިދިންގޮތުގައި ރަށްދެބައި މަގު މއ. ގޮންގަލި ކައިރީގައި ހުރި ކަރަންޓު ފޮޓެއްގައި ރޯވީ މިރޭ 2:18 އެހައިކަންހާއިރު ކަމަށެވެ.
އޭނާ ބުނީ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްގެ ޓީމަކުން ގޮސް މާގިނައިރުތަކެއް ނުވެ އަލިފާން ނިއްވާލާފައިވާ ކަމަށެވެ.
"އެ ކަރަންޓު ފޮށީގެ އެތެރެ ވަނީ ބޭނުންނުކުރެވޭވަރަށް އަނދާފައި. އެ ފޮއްޓާ ގުޅިފައިވާ ގެތަކުން ވަނީ ކަރަންޓު ކެނޑިފައި،" އޭނާ ބުންޏެވެ.
އެ ކަރަންޓު ފޮށީގައި އަލިފާން ރޯވީ ބެލެވޭގޮތުގައި ކަރަންޓު ޝޯޓަކުންނެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_165023245850FJUv.jpg)
ރަށްދެބައި މަގުގައި ހުރި ކަރަންޓު ފޮށި ބޭނުންނުކުރެވޭ ވަރަށް ވަނީ އަނދާފައި --- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހުސައިން
މިކަމާ ގުޅިގެން ސްޓެލްކޯގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ ކަރަންޓު ކެނޑިފައިވާ ގެތަކަށް ކަރަންޓު ދިނުމަށް ޓެކްނީޝަނުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އެ ފޮށި މިވަނީ ބޭނުންނުކުރެވޭވަރަށް އަނދާފައި. އެހެންވެ އަޅުގަނޑުމެން މި ޖެހެނީ އެތަނުގައި އާ ފޮއްޓެއް ބަހައްޓަން. މިކަމަށް ދެ ގަޑިއެއްހާއިރު ހޭދަވާނެ ކަމަށް ބެލެވެނީ،" ސްޓެލްކޯގެ އޮފިޝަލް ވިދާޅުވިއެވެ.