ކަސްރަތު ކުރަން އެންމެ ރަނގަޅު ގަޑިތަކަކީ ކޮބާ؟

ފޮޓޯ: ފާމްއީޒީ

ގިނަ މީހުންނަކީ ބިޒީ ޝެޑިއުލްއެއްގައި މަސައްކަތް ކުރަމުން އަންނަ މީހުންނެވެ. އެހެން ކަމުން ކަސްރަތު ކުރަން ވަގުތު ހޯދުން ވަނީ އުނދަގޫ ކަމަކަށްވެފައެވެ. ނަމަވެސް، ކަސްރަތު ކުރުމަކީ އިންސާނާގެ ސިއްހަތަށާއި ދުޅަހެޔޮކަމަށް މުހިންމު ކަމަކަށް ވުމުން ދުވާލަކު އެއްފަހަރު ކަސްރަތު ކުރަންޖެހެއެވެ.

ކަސްރަތު ކުރުމަށްޓަކައި ބައެއް މީހުން ހެނދުނު ޖިމަށް ދާއިރު އަނެެއްބަޔަކު ދުވާލުގެ ބިޒީ ޝެޑިއުލްއަށް ފަހު ރޭގަނޑު ކަސްރަތު ކުރެއެވެ. ނަމަވެސް ބައެއް ސައިންސްވެރިން ދެކޭގޮތުގައި ވަކި ގަޑިތަކެއްގައި ކަސްރަތު ކުރުމުން ހަށިގަނޑަށް ލިބޭ ފައިދާ ބޮޑުވެގެން ދެއެވެ.

އެގޮތުން ކަސްރަތު ކުރަން އެންމެ ރަނގަޅު ގަޑިތަކަކީ:

1. ހެނދުނު ކަސްރަތުކުރުން

ހެނދުނުގެ ވަގުތެއްގައި ކަސްރަތު ކުރުމުން ގިނަގުނަ ފައިދާތަކެއް ލިބެއެވެ. އެގޮތުން ރޭގަނޑު ނިދާފައި އޮންނަ ވަގުތުތަކުގައި ނުކައި ހުރުމުގެ ސަބަބުން ހަށިގަނޑަށް ފެޓްސް ނުލިބި، މަސްތަކުގައި ހަކުރު ހުންނަ މިންވަރު މަދުވެއެވެ. އެހެންކަމުން، ހެނދުނުގެ ވަގުތުގައި ކަސްރަތުކުރާއިރު ހަކަތަ އުފެއްދުމަށްޓަކައި ހަށިގަނޑުން "ފެޓް ރިޒާވް"ތައް ބޭނުންކުރެއެވެ.

ވީމާ ގިނަ އަދަދެއްގެ ސައިންސްވެރިން އެއްބަސްވާގޮތުގައި ބަރުދަން ލުއިކުރަން ބޭނުންނަމަ ކަސްރަތު ކުރަން އެންމެ ރަނގަޅު ވަގުތަކީ ހެނދުނެވެ. ނަމަވެސް ލޭމައްޗަށް ދިޔުމާއި ހަކުރު ބަލި ހުންނަ މީހުން ހުސްބަނޑާ ކަސްރަތު ކުރުމަކީ ރަނގަޅު ކަމެއްނޫނެވެ. އެފަދަ ބަލިތައް ތަހައްމަލު ކުރާ މީހުން، ހެނދުނު ކަސްރަތު ކުރުމުގެ ކުރިން ސިއްހަތަށް ފައިދާހުރި އެއްޗެއް ކައިގެން ދިޔުމަކީ މުހިންމު ކަމެކެވެ.

2. ހަވީރު ކަސްރަތުކުރުން

ހަވީރު ކަސްރަތު ކުރުން ރަނގަޅުވާ ސަބަބަކީ ހެނދުނުގެ ނާސްތާއާއި މެންދުރުގެ ކެއުމަށް ފަހު ހަށިގަނޑުގައި ކަސްރަތަށް ބޭނުންވާ ވަރަށް ހަކަތަ ހުންނާނެތީއެވެ.

މީގެ އިތުރުން، ހަވީރުގެ ވަގުތުގައި ކަސްރަތު ކުރާއިރު އެންޑޯފިންސް އަދި ސެރޮޓޮނިން ފަދަ އުފާވެރި ހޯމޯންތައް ގިނަ ވުމުގެ ސަބަބުން ސްޓްރެސް ފިލުވައިދެއެވެ.

3. ރޭގަނޑު ކަސްރަތުކުރުން

ރޭގަނޑުގެ ވަގުތަކީ އާންމު ގޮތެއްގައި އޮފީހުގެ މަސައްކަތްތަކަށްފަހު ވަރުބަލިކަން އިހުސާސްކުރެވޭ ވަގުތެކެވެ. ނަމަވެސް ރޭގަނޑުގެ ކެއުމަށްފަހު ކަސްރަތު ކުރުމުގެ ސަބަބުން ބަނޑުގައިވާ މަސްތަކަށް ލުޔެއް ލިއްބައިދެއެވެ. އެހެން ކަމުން ރޭގަނޑު ފަސޭހައިން ނިދެއެވެ.

ކަސްރަތު ކުރާ ވަގުތު އިޚްތިޔާރު ކުރާއިރު އެންމެ މުހިންމު ކަމަކީ އެއް ޕެޓާންއަކަށް ކަސްރަތު ކުރުމެވެ.

comment ކޮމެންޓް