އަޤުޞާ މިސްކިތުގެ ދިފާއުގައި މުޅި މުސްލިމް އުއްމަތް ތެދުވަންޖެހޭ: ޑރ. ޝަހީމް

މުސްލިމުންގެ ފުރަތަމަ ޤިބްލަ، އަލްމަސްޖިދުލްއަޤުޞާއަށް އިޒްރޭލުގެ ފުލުހުން ވަދެގަތުން -- ފޮޓޯ/ އޭއެފްޕީ

އަޤުޞާ މިސްކިތުގެ ދިފާއުގައި މުޅި މުސްލިމް އުއްމަތް ތެދުވަންޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢިދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިފަދައިން ވިދާޅުވީ އިޒްރެއިލްގެ ފުލުހުން މިއަދު ފަތިހު އަޤުޞާ މިސްކިތަށް ވަދެގަނެ، ދިން ހަމަލާ ތަކުގައި ފަލަސްތީނުގެ 150އަށް ވުރެ ގިނަ މީހުން ޒަހަމްކޮށްލުމުގެ އިތުރުން އެ ހަމަލާގައި މިސްކިތުގެ ކުޑަދޮރުތަކެއް ތަޅައިގެން ގޮސް، މިސްކިތަށް ގެއްލުންތަކެއް ލިބިފައިވާ ތަންވަޅެއްގައެވެ.

ޝަހީމް ވިދާޅުވީ އަލްމަސްޖިދުލްއަޤުޞާގެ ތެރެއަށް އިޒްރެއިލްގެ ސިފައިން ވަދެ، ހިންގަމުންދާ އަނިޔާވެރި އުދުވާނީ އަމަލުތައް ކުށްވެރިކޮށް، އަޤުޞާ މިސްކިތުގެ ދިފާއުގައި މުޅި މުސްލިމު އުންމަތް ތެދުވަންޖެހޭ ކަމަށެވެ.

މީގެ އިތުރުން ޝަހީމް ވިދާޅުވީ އިޒްރެއިލްގެ އެ އަމަލުތަކަކީ ބައިނަލްއަޤުވާމީ ޤާނޫނާއި މުއާހަދާތަކާ ވެސް ޚިލާފު އަމަލުތަކެއް ކަމަށެވެ.

އިޒްރެއިލްގެ ފުލުހުން އަޤުޞާ މިސްކިތް ތެރެއަށް ވަދެގަތީ ފަތިސް ނަމާދުކޮށް ނިމުނުތާ މާގިނައިރު ނުވަނީސްއެވެ. އެވަގުތު މިސްކިތުގައި 30،000 ވަރަކަށް މީހުން ތިބި ކަމަށް މަންޒަރު ދުށް މީހުންނާ ހަވާލީދީ މިޑްލް އީސްޓްް އައި ނޫހުން ރިޕޯޓު ކޮށްފައިވެއެވެ.

މި ހަމަލާއާ ގުޅުވައިގެން އަލް އަޤުޞާ މިސްކިތުގެ އިމާމް ޝައިޚް ޢިކްރިމާ ޞަބްރީ ވިދާޅުވީ، އިޒްރެއިލްގެ ފުލުހުންގެ ހަމަލާގެ މަޤުސަދަކީ ޔަހޫދީންގެ ދީނީ އަޅުކަމަކަށް އެމީހުންނަށް މިސްކިތަށް ވަނުމަށް ފުރުސަތު ދިނުން ކަމަށެވެ. އަދި އެއީ ދުރާލާ ރާވައިގެން ދިން ހަމަލާއެއް ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

comment ކޮމެންޓް