ސިވިލް ސާވިސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލޭނެ އާ މޮޑިއުލެއް ތަޢާރަފްކޮށްފި

މާޗް 25، 2021: ވެލާނާގެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިވިލް ސާވިސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމު ހަރުދަނާކޮށް ތަރައްޤީކުރުމަށް މުވައްޒަފުންގެ ފެންވަރު ވަގުތުން ބެލޭނެ މޮޑިއުލެއް ތައާރަފްކޮށް ބޭނުންކުރަން ފަށައިފިއެވެ.

މިއީ ސިވިލް ސާވިސް މުވައްޒަފުންގެ ވަޒީފާއާބެހޭ މައުލޫމާތު ބެލެހެއްޓުމަށް ބޭނުންކުރާ ސީއެސްވިއުގަ އޮންލައިން ޕޯޓަލްގެ ތެރެއިން ކުރިއަށް ގެންދިއުމަށް މިދިޔަ އަހަރު ތައާރަފު ކުރެވުނު "އީ ޕާފޯމަންސް މެނޭޖްމަންޓް" މޮޑިއުލްލެކެވެ. ބަދަލުތަކަކާއެކު އެ މޮޑިއުލް ބޭނުންކުރަން ފަށާފައި ވަނީ މި މަހުއެވެ.

އަލަށް ތައާރަފު ކުރި މޮޑިއުލްގެ ތެރެއިން މުވައްޒަފުންނަށް ހަވާލުކުރެވޭ ޓާގެޓްތަކާއި ޓާސްކުތައް ކަނޑައަޅައި، ވަގުތުން ވަގުތަށް މުވައްޒަފުން މަސައްކަތްކުރަމުންދާ ގޮތް ބަލައި، އިވެލުއޭޓްކޮށް އަދި މަސައްކަތް ނިންމާފައިވާ ގޮތުގެ ފީޑްބެކް ދެވޭނެއެވެ.

މަސައްކަތުގެ ފެންވަރުބެލުމުގެ އުސޫލަށް މިއަހަރު ގެނެވުނު މައިގަނޑު ބަދަލުގެ ތެރޭގައި، ދެ ވައްތަރެއްގެ ޓާސްކު ނުވަތަ ޓާގެޓް، އިވެލުއޭޓްކުރެވޭނެގޮތް ހެދުން ހިމެނެއެވެ. އެގޮތުން "ރޫޓިން" ޓާސްކު ނުވަތަ ޓާގެޓްއަކީ މުޅި އަހަރުތެރޭގައި މެދުނުކެނޑި ކުރަންޖެހޭ މަސައްކަތްތައް ކަމަށް ވުމާއެކު، މުޅި އަހަރުގެ ތެރޭގައި ކަނޑައެޅޭ ވަގުތުތަކެއްގައި ގަވާއިދުން އިވެލުއޭޓްކޮށް އެ މަސައްކަތަށް މާކުސްދެވޭނެއެވެ.

"ޓައިމްބައުންޑް" ޓާސްކު ނުވަތަ ޓާގެޓަކީ ވަކި ސުންގަޑިއަކަށް މަސައްކަތެއް ނިންމުމަށް ކަނޑައެޅިފައިވާ ޓާގެޓް ނުވަތަ ޓާސްކްއަކަށް ވުމާއެކު، އެ މުއްދަތެއް ނިމުމުން އެ ޓާސްކު ނުވަތަ ޓާގެޓެއް އިވެލުއޭޓްކޮށް މާކުސް ދެވޭނެއެވެ. އަދި، ހަމައެއާއެކު މި ނިޒާމުގެ ތެރެއިން މުވައްޒަފުންގެ ސުލޫކީ މިންގަނޑުތަކާއި ގާބިލުކަން މަހުން މަހަށް އިވެލުއޭޓްކުރެވޭނެއެވެ.

ސިވިލް ސާވިސް ކޮމިޝަނުން ބުނިގޮތުގައި މި ބަދަލުގެ ސަބަބުން މުވައްޒަފުންގެ މަސައްކަތްތައް ގާތުން ބަލައި ވަގުތުން ވަގުތަށް ފީޑްބެކު ދެމުންގެންދިއުމުގެ ނަތީޖާއެއްގެ ގޮތުން މުވައްޒަފުންގެ މަސައްކަތަށް ހެޔޮ ބަދަލު ގެނެވި، ސަރުކާރުން އާންމު ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ބާރުލިބިގެން ދާނެއެވެ.. އަދި މިކަމުގެ ސަބަބުން މުވައްޒަފުންގެ މަސައްކަތުގެ ސްޕީޑަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ބެލެވޭ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

މަސައްކަތު ފެންވަރު ބެލުމުގެ ނިޒާމު ސިވިލް ސާވިސްއަށް ތައާރަފްކޮށްފައި ވަނީ 2009 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އެ ނިޒާމު ހަރުދަނާ ކުރުމަށް ކުރި އެކި މަސައްކަތްތަކުގެ ތެރޭގައި 2021 ވަނަ އަހަރު ވަނީ ޑިޖިޓަލައިޒްކުރެވިފައެވެ.

comment ކޮމެންޓް