އަންހެނުންގެ ހައްގުގައި ވަކާލާތުކޮށްގެން ކުރާ މަލާމާތަކަށް ނުބަލާނަން: އީވާ

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ -- ފޮޓޯ/ މަޖިލިސް

އަންހެނުންގެ ހައްގުގައި ވަކާލާތުކޮށްގެން ރައްޔިތުންގެ މަޖިލީހުގައި ކުރިމަތިވާ މަލާމާތާއި ފުރައްސާރައަށް ނުބަލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އަންހެން ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ދިމާވާ ދަތިތަކަށް ހައްލު ހޯއްދެއްވުމަށް އީވާ ވަނީ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފައެވެ.

މި ގަރާރުގެ ބަހުސް މިއަދު ނިމިފައިވާއިރު، އީވާ ވިދާޅުވީ މި ގަރާރު މަޖިލީހަށް ހުށަހެޅުމުގެ ސަބަބުން ބައެއް މަޖިލިސް މެންބަރުގެ ފަރާތުން މަލާމަތާއި ފުރައްސާރަ ރައްދު ވެފައިވާ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި އަޅުގަނޑު ދެނެއް ބުލީ ވާކަށް ނެތީން، އަޅުގަނޑު ކިތަންމެ ރޭރު ކުރާން ވެގެން، ކިތަންމެ ރޭރު ކުރާން ވެގެން ވަށްބަހުން އެއްޗެހި ޖެހިޔަސް ފިރިހެނެއްގެ ރޭރުކުރުމަކަށް ދެނެއް އަޅުގަނޑެއް ދީލާލާކަށް ނެތީން،" އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ ސިޔާސީ މަސައްކަތުގައި އުޅޭތާ 20 އަހަރުވާން ކައިރިވެފައިވާ ކަމަށާއި އެހެން ކުރާ މަލާމާތުން އުނދަގޫވީ ނަމަވެސް ފަހަތަކަށް ނުޖެހޭނެ ކަމަށެވެ.

"އަންހެނުންނަށް ވަކާލާތު ކުރުމަށް ޓަކައި، އަންހެނުން ބާރުވެރި ކުރުމަށް ޓަކައި، އަންހެނުންގެ ހައްގުގައި އަޅުގަނޑު މި ތަނަށް ގަރާރެއް ލީމާ އަޅުގަނޑަށް ކިތަންމެ މަލާމާތެއް ކުރިޔަސް އިއްޒަތްތެރި ރައީސް އަޅުގަނޑު އެއަކަށް ބޯލަނބާކަށް ނެތީން، ފަހަތަށް ޖެހޭކަށް ނެތީން،" އީވާ ވިދާޅުވިއެވެ.

މީގެ އިތުރުން އީވާ ވިދާޅުވީ މި ގަރާރު މަޖިލީހަށް ލުމާ ގުޅިގެން ވެސް ބައެއް ރަށްރަށުގެ ކައުންސިލުން އަންހެން ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފައިވާ ކަމުގެ ޝަކުވާތައް ލިބެމުން އަންނަ ކަމަށެވެ.

މި މައްސަލަތައް ވަރަށް ރަނގަޅަށް ބަލަން ޖެހޭ ކަން ފާހަގަކުރައްވައި، އީވާ ވިދާޅުވީ ކުރިމަގުގައި އަންހެނުން މި ދާއިރާތަކަށް ނެރެވެން އޮތީ މިއަދު ކުރާ މަސައްކަތުގެ ސަބަބުން ކަމަށެވެ.

comment ކޮމެންޓް