ދެވަނަ މެޗުގައި ވެސް ރާއްޖެ ބަލިވެއްްޖެ

ރާއްޖެ އާއި ކިރިގިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ / ރާއްޖެ އެމްވީ

އޭޝިއަން ފުޓްސަލް ކަޕް ކޮލިފައިންގައި ދެ ވަނަ މެޗުގައި ކިރިގްސްތާނާ ދެކޮޅަށް ކުޅުނު މެޗުން ވެސް ރާއްޖެ ބަލިވެއްޖެއެވެ.

މުބާރާތުގެ ފުރަތަަމަ މެޗުގައި ރާއްޖެ ވަނީ 17-0 އިން އީރާން އަތުން ބަލިވެފައެވެ.

މިރޭ ކިރިގްސްތާން އަތުން ރާއްޖެ ބަލިވެފައިވަނީ 7-1 ގެ ނަތީޖާއަކުންނެވެ. މިރޭގެ މެޗާ ގުޅޭގޮތުން ގައުމީ ފުޓްސެލް ޓިމުގެ ކޯޗު ޢަބްދުﷲ ނަސީރު (އަބޯ) ބުނީ ޖުމުލަ ގޮތެއްގައި މެޗާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ. އަދި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ރާއްޖެއަަށް ލިބުނު ނަމަވެސް، ލަނޑު ޖަހާނެ ނަސީބު އަތުގައި ނުހިފީކަމަށް އޭނާ ބުންޏެވެ.

"އުންމީދަކީ ކުރިއަށް އޮތް މެޗުން މޮޅުވުން،" ނަސީރު ބުންޏެވެ.

ކޮލިފައިންގެ ތިން ވަނަ މެޗުގައި ރާއްޖެއިން އަންގާރަ ދުވަހުގެ ހަވީރު 16:00 ގައި ނިކުންނާނީ ތުރުކުމެނިސްތާންއާ ދެކޮޅަށެވެ.

ތައިލޭންޑުގައި މިދިޔަ މަހު ބޭއްވި އިންވިޓޭޝަނަލް ކަޕްގައި ބައިވެރިވެ ރާއްޖެއިން ވަނީ ފަސް ވަނަ ހޯދާފައެވެ.

އެ މުބާރާތަށް ދިޔައިރު ގައުމީ ޓީމިގެ ފަރިތަކުރުންތައް ކުރިއަށް ގެންދިޔައީ އެފްއޭއެމްގެ މިނީ ޓާފާއި ގިޔާސުއްދީން ސްކޫލް ހޯލްގައި ހުރި މެޓް ދަނޑުއަދި ޕީކޭ ސަރަަހައްދު ފުޓްސަލް ދަނޑުގައެވެ.

ގައުމީ ފުޓްސަލް ޓީމުގެ ފަރިތަކުރުންތަކަށް ރަނގަޅު ދަނޑެއް ނެތުމުގެ ޝަކުވާ އޮތީ ވަރަށް ބޮޑުވެފައެވެ. މާލޭގައި ސަރުކާރުތަކުން ގާއިމުކޮށްފައިވާ ޓާފް ދަނޑުތަކަކީ އިންޓަނޭޝަނަލް ފުޓްސަލް ކުޅެން ބޭނުންވާ ސައިޒުގެ ދަނޑުތަކަކަށް ނުވާތީ، ބައިނަލްއަޤްވާމީ މުބާރާތަކަށް ތައްޔާރުވާން އެ ތަންތަނުގައި ޕްރެކްޓިސް ނުކުރެވެއެވެ.

comment ކޮމެންޓް